ޔޫރަޕުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ނުވަތަ ޔޫރަޕިއަން ގޯލްޑެން ބޯއީ އެވޯޑަށް ވާދަކުރާ 20 ކުޅުންތެރިންގެ ނޮމިނޭޝަން ލިސްޓް ހާމަކޮށްފައިވާއިރު، ޕޯޗުގަލްގެ އައު 'ރޮނާލްޑޯ' ގެ ގޮތުގައި ގިނަ ބަޔަކު ބުނަމުން އަންނަ ޔާއޯ ފެލިކްސް ހިމެނިއްޖެއެވެ.

އިޓަލީގެ ނޫހެއްކަމަށްވާ ޓުޓޯސްޕޯޓް އިން 2003 ވަނަ އަހަރު ތައާރަފްކުރި މިއެވޯޑަކީ ޔޫރަޕްގެ 21 އަހަރުންދަށުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ ހޮވުމަށްފަހު ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑެކެވެ.

މި ފަހަރުގެ އެވޯޑް ހާސިލްކުރާނެކަމަށް އެންމެ ބޮޑަށް ބެލެވޭ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ، އުމުރުން 19 އަހަރުގެ ފެލިކްސް ވަނީ ޕޯޗުގަލްގެ ބެންފީކާ އިން 126 މިލިއަން ޔޫރޯގެ ޓްރާންސްފާ ފީއަކަށް ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވެ މި ސީޒަނުގައި މިހާތަނަށް އައިއިރު މޮޅު ކުޅުމެއް ދައްކާފައެވެ. މީގެއިތުރުން، މިދިޔަ އަހަރުގެ އެވޯޑް ހާސިލްކުރި ނެދަލެންޑްސްގެ އުއްމީދީ ޑިފެންޑަރު މަތައިސް ޑި ލިޓް މި ފަހަރުވެސް ނޮމިނޭޓްވެފައިވާއިރު، މި އެވޯޑްދިނުމުގައި ގެންގުޅޭ އުސޫލުތަކުގެ މަތީން އެއް ފަހަރު މި މަގާމް ހޯދާ ކުޅުންތެރިއަކަށް އެވޯޑް ނުލިބޭނެގޮތަށް ވަނީ ކަނޑައަޅާފައެވެ.

މިފަހަރުގެ ގޯލްޑަން ބޯއީ އެވޯޑަށް ނޮމިނޭޓްވި ފާހަގަކޮށްލެވޭ އިތުރު ކުޅުންތެރިންގެ ތެރޭގައި، ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅޭ އިންގްލެންޑްގެ ވިންގާ ޖޭޑަން ސަންޗޯ، މެންޗެސްޓާ ސިޓީގެ ޒުވާން މިޑްފީލްޑަރު ފިލް ފޯޑެން އާއި އާސެނަލްގެ އަރަމުން އަންނަ މިޑްފީލްޑަރު މަޓެއޯ ގެންޑޫޒީ އަދި ޖަރުމަންގެ ބަޔާ ލެވަކޫސަން އަށް ކުޅެމުން އަންނަ އުއްމީދީ މިޑްފީލްޑަރު ކާއި ހަވާޓްޒްގެ އިތުރުން ރެއާލް މެޑްރިޑްގެ ވިނީޝަސް ޖޫނިއާ އާއި ރޮޑްރީގޯ ގޮއެސް އަދި ބާސެލޯނާގެ އުމުރުން 16 އަހަރުގެ އަންސޫ ފާޓީ ހިމެނެއެވެ.

މީގެ 16 ވަރަކަށް އަހަރު ކުރީން ދޭން ފެށި މި އެވޯޑް އެންމެ ފުރަތަމަ ހޯދީ އޭރު އަޔެކްސް އަށް ކުޅެމުން އައި ނެދަލެންޑްސްގެ މިޑްފީލްޑަރު ރަފައެލް ވެން ޑަ ވާޓް އެވެ. އޭގެފަހުން، ޖެހިގެންއައި ދެ އަހަރު މި އެވޯޑް ހާސިލްކުރީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން ވޭން ރޫނީ އާއި ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އެވެ.

މީގެކުރީން މި އެވޯޑް ހޯދާފައިވާ ފާހަގަކޮށްލެވޭ އިތުރު ކުޅުންތެރިންގެ ތެރޭގައި، ފްރާންސްގެ ޕީއެސްޖީ އަށް ކުޅެމުން އަންނަ ކިލިއަން އެމްބާޕޭ އާއި ނޭމާ އަދި އެޑިންސަން ކަވާނީގެ އިތުރުން ޔުނައިޓެޑަށް މިހާރު ކުޅެމުން އަންނަ ފްރާންސްގެ ހުނަރުވެރި މިޑްފީލްޑަރު ޕައުލް ޕޮގްބާ ހިމެނެއެވެ.

ގޯލްޑެން ބޯއީ އެވޯޑް ނޮމިނޭޝަން:

  • މަތައިސް ޑި ލިޓް – ޔުވެންޓަސް
  • އަލްފޮންސޯ ޑޭވިސް – ބަޔާން މިއުނިކް
  • ޖިއަންލުއިޖީ ޑޮނަރުއްމާ – އޭސީ މިލާން
  • އަންސޫ ފާޓީ – ބާސެލޯނާ
  • ފިލް ފޯޑެން – މެންޗެސްޓާ ސިޓީ
  • މަޓެއޯ ގެންޑޫޒީ – އާސެނަލް
  • އެރިން ހާލަންޑް – އެފްސީ ސަލްޒްބާގް
  • ކާއި ހަވާޓްޒް – ބަޔާ ލެވަކޫސަން
  • ޔާއޯ ފެލިކްސް – އެތުލެޓިކޯ މެޑްރިޑް
  • ޑޭޔަން ޖޮވެޖިޗް – އެއިންޓްރަކް ފްރެންކްފާޓް
  • މޮއިސް ކީން – އެވަޓަން
  • ކަން-އިން ލީ – ވެލެންސިއާ
  • އަންދްރޭ ލުނިން – ވަޔަޑޮލިޑް
  • ޑޮންޔެލް މާލެން – ޕީއެސްވީ އެއިންދޯވަން
  • މޭސަން މައުންޓް – ޗެލްސީ
  • ރޮޑްރީގޯ – ރެއާލް މެޑްރިޑް
  • ޖޭޑަން ސަންޗޯ – ބޮރޫޝިއާ ޑޯޓްމަންޑް
  • ފެރަން ޓޯރޭޒް – ވެލެންސިއާ
  • ވިނީޝަސް ޖޫނިއާ – ރެއާލް މެޑްރިޑް
  • ނިކޮލޯ ޒަނިއޯލޯ – އޭއެސް ރޯމާ
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.