ޔޫރޯ ކޮލިފައިންގައި ރޭ ކުޅުނު  މެޗުގައި ސްވިޑެންގެ  މާކަސް ބާގް ކާމިޔާބުކުރި ގޯލުން  މޮޅުވާން ދަނިކޮށް ފަހުވަގުތު ސްޕެއިނުގެ ފޯވާޑް ރޮޑްރިގޯ  މޮރޭނޯ ވައްދާލި ގޯލާއެކު، އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ  މުބާރާތުން އެ ޓީމު ޖާގަ ކަށަވަރުކޮށްފިއެވެ.

ރޭގެ ނަތީޖާއާއެކު  މިހާތަނަށް ކުޅުނު އަށް މެޗުން 20 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ފަސް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ސްވިޑެން އެވެ. ތިންވަނައިގައި 14 ޕޮއިންޓާއެކު އޮތް ރުމޭނިއާ ވަނީ ނޯވޭއާ ދެކޮޅަށް ރޭ ކުޅުނު މެޗުން 1-1 އިން އެއްވަރުވުމުން ދެވަނަ އަށް އަރަން ލިބުނު ފުރުޞަތު ގެއްލިފައެވެ.

ސްޕެއިނުން ރޭގެ މެޗަށް ނިކުތީ ކޮލިފައިންގައި އެންމެ ފަހުން ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ހަ ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، ރޭގެ މެޗުގައި އެ ޓީމުގެ ކެޕްޓަން ސާޖިއޯ ރާމޯސް އަށް ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނުއިރު ގޯލް ބެލެހެއްޓީ  މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެ ހެއާ އެވެ.

ސްޓޮކްހޯމްގެ ފްރެންޑްސް އެރީނާގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ޙާފުގައި ދެ ޓީމަށް ގޯލެއް ކާމިޔާބުކުރެވިފައި ނުވާއިރު، ސްޕެއިނުގެ ތިއާގޯ އަލްކަންތަރާ އާއި ރޮޑްރީ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތް ނުވިއިރު، ސްވިޑެންގެ  މިކާއިލް ލުސްޓިގް އާއި ރޮބިން ކުއައިސަން ފޮނުވާލި ހަމަލާތައް ސްޕެއިނުގެ ކީޕަރު ޑެ ހެއާ މަތަކުރިއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ފަސްވަރަކަށް މިނެޓުގެ ތެރޭގައި، ސްވިޑެން އަށް ލީޑްނަގައިދިނީ ބާގް އެވެ.  މިއީ އެ ޓީމުގެ އެމީލް ފޯސްބާގް ފޮނުވާލި ހަމަލާއެއް ސްޕެއިނުގެ ކީޕަރު ޑެ ހެއާ މަތަކުރުމުން ދެވަނަ ފަހަރަށް ބާގް ފޮނުވާލުމުން ވެސް ޑެ ހެއާ ދިފާއުކުރުމުން އަލުން އެ ބޯޅަ ބާގް އަށް ލިބުމުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، ސްޕެއިނުގެ ކީޕަރު ޑެ ހެއާގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއެއްގެ ސަބަބުން ބަދަލުކޮށްފައިވާއިރު، ބަދަލުގައި ކުޅެން ނިކުތީ ޗެލްސީގެ ކީޕަރު ކެޕާ އަރިޒަބަލަގާ އެވެ. މި މެޗުން ސްވިޑެން 1-0 އިން މޮޅުވާން ދަނިކޮށް، ސްޕެއިނަށް އެއްވަރުކޮށްދިނީ އިތުރުވަގުތުގައި ވެލެންސިއާގެ ފޯވާޑް ރޮޑްރީގޯ ޖެހި ގޯލުންނެވެ. މިއީ އެ ޓީމަށް ކުޅެމުން އަންނަ ނަޕޯލީގެ ހުނަރުވެރި މިޑްފީލްޑަރު ފަބިއަން ރުއިޒް ނެގި ހުރަހަކުން ލިބުނު ބޯޅައެއް ޕެނަލްޓީއޭރިޔާތެރޭގައި ހުރި ރޮޑްރިގޯ ހަމަޖެހިލާފައި އެއްފަހަރުން ގޯލްގެތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

މި ގްރޫޕުގައި ހިމެނޭ ފެރޯ އައިލެންޑްސް ވަނީ މި ފަހަރުގެ ކޮލިފައިންގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދާފައެވެ. އެ ޓީމު ވަނީ އަމިއްލަ ދަނޑުގައި 1-0 އިން މޯލްޓާ ބަލިކޮށްފައެވެ.

އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަށް މިހާރު ކޮލިފައިވެފައިވާ އިޓަލީ ވަނީ ރޭ ރަށުން ބޭރުގައި 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ލީޗްޓެންސްޓެއިން ބަލިކޮށްފައެވެ. ރޭގެ މެޗުގައި އެ ޓީމުގެ އަންދްރެއާ ބެލޮޓީ ދެ ލަނޑުޖެހިއިރު، އަނެއް ލަނޑުތައް ޖަހައިދިނީ ފެޑެރީކޯ ބާނަޑެސްކީ އާއި ސްޓެފަން އެލް ޝާރާވީ އަދި އަލެސިއޯ ރޮމަނިއޯލީ އެވެ.

ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ގްރޫޕް ޑީގެ އެންމެ ކުރީގައި އުޅޭ ރިޕަބްލިކް އޮފް އަޔަލެންޑް އަތުން 2-0 އިން މޮޅުވެ ސްވިޓްޒަލެންޑް ވަނީ ކޮލިފައިވުމުގެ ފުރުޞަތު ބޮޑުކޮށްފައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ހާރިސް ސެފަރޮވިޗް އާއި އެޑްމިލްސަން ފެނާންޑޭސް އެވެ. ޖިބްރާލްޓާ އަތުން 3-2 އިން ޖޯޖިއާ މޮޅުވިއިރު، ގްރީސް ވަނީ އަމިއްލަ ދަނޑުގައި 2-1 އިން ބޮސްނިއާ އެންޑް ހާޒެގޮވީނާ ބަލިކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *