މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިންތިޒާމުކޮށްގެން ބޭއްވުމަށް ނިންމާފައިވާ ފަންނު އެކްސްޕޯގެ ތެރެއިން އެންމެ މޮޅު ފަސް ވަނަ ހޮވާ، ކޮންމެ ފަރާތަކަށް އެއް މިލިއަން ރުފިޔާގެ ލޯނެއް ހަމަޖެހިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

ރާއްޖެއެމްވީއަށް ދިން އިންޓަވިއުއެއްގައި އެ މިނިސްޓްރީން ބުނީ އެ ލޯންތައް ދިނުމަށް  ހަމަޖެހިފައިވަނީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް  ހާއްސަކޮށްފައިވާ ބޭންކް އެސްޑީއެފްސީ އިން ކަމަށާއި އެކްސްޕޯގެ އެންމެ ފަހުގެ ތައްޔާރީތަކަށް ބަލާއިރު މިހާރު ކުރިއަށްދާ މަސައްކަތަކީ ވަނަތަކަށް ވާދަކުރާ ފަރާތްތަކުގެ  ހުށަހެޅުންތައް ބަލައިގަތުން ކަމަށެވެ. އެގޮތުން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަަލަށް  ހުށަހެޅުންތައް ބަލައިގަންނާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

ފަންނު އެކްސްޕޯ މިއަހަރުގެ ސެޕްޓެމްބަރު މަހު ލޯންޗުކޮށްފައި ވާއިރު މި މައުރަޒު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު މަހުގެ 22 އިން 28 ގެ ނިޔަލަށް ދަރުބާރުގެއާއި ކަލާފާނު ސްކޫލާއި ކުޑަކުދިންގެ ބަގީޗާގައެވެ.

މި މަޢުރަޒަކީ ދިވެހިރާއްޖޭގެ އިޤްތިޞާދުގައި ޙިއްޞާކުރާ ސިނާއަތްތަކަށް ބޭނުންވާ ދިވެހި އުފެއްދުންތަކާއި އާ އުފެއްދުންތައް އުފައްދައި ކުރިއަރުވައި އެފަދަ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ހޯދައިދީ، ވަޅުޖެހެމުންދާ ދިވެހި އުފެއްދުންތައް ކުރިއެރުވުމަށް  ހިތްވަރުދީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށާއި، އާންމުކޮށް އެންމެންނަށް އެއްތާކުން ފެންނާނެ މާހައުލެއް ގާއިމުކޮށްދިނުމަށް ބާއްވާ މަޢުރަޒެކެވެ.

މަޢުރަޒުގައި 77 ގިންތިއަކުން ތަކެތި ބައިވެރިކުރުމުގެ ފުރުޞަތު  ހުޅުވާލެވިފައި ވާއިރު، އޭގެ ތެރޭގައި އަތްތެރި މަސައްކަތާއި، ދަނޑުވެރިކަމާއި، މަސްވެރިކަމުގެ އިތުރުން ދަތުރުފަތުރާއި، އިމާރާތްކުރުމާއި، އުފެއްދުންތެރި ކުރެހުމާއި ފަރުމާ ކުރުން ހިމެނެއެވެ.

ކާބޯތަކެއްޗާއި، ބަހުގެ އުފެއްދުންތަކާއި، ލަކުޑީގެ އުފެއްދުންތަކުގެ އިތުރުން ފެޝަން އެންޑް ޑިޒައިނިންގ އާއި، އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ އުފެއްދުންތައް މި މައުރަޒުގައި ބައިވެރިކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.