ކޮންމެ މީހަކީވެސް ކޮންމެވެސް މުހުތާދަކާއިގެން ފިހާރައަކަށް ގޮސްފައިވާ މީހެއްކަން ޔަގީނެވެ. ކަންމަތީ ފިހާރަތަކުން ފެށިގެން ބޮޑެތި ޝޮޕިން މޯލްތަކަށްވެސް ގޮސްފައިވާ މީހެކެވެ. ފިހާރައަކަށް ގޮސް ބޭނުންވާ އެއްޗެއް ލިބުމުން ރުފިޔާ ދިނުމަށްފަހު ނުކުމެގެން އަންނަނީއެވެ. ނަމަވެސް ބައެއް ފަހަރު އެ ފިހާރައެއްގައި އިންނަ ސޭޓަކާހުރެ ދެވަނަ ފަހަރަށް އެ ފިހާރައަށް ދިޔުމާމެދު ދެވަނަ ވިސްނުމަށް ދާން ޖެހޭ ފަހަރު އަންނަ ކަމީ ހަގީގަތެކެވެ. އެއިން ކަމަކާ ތިބާއަށް ދިމާވި ހެއްޔެވެ؟

ބައެއް ސޭޓުންނަކީ ވަރަށް ރުންކުރު މިޒާޖެއްގެ މީހުންނެވެ. ހިނިތުންވެލާންވެސް ނޭނގޭނެއެވެ. ގަންނަ މުދާ ސޭޓުގެ މޭޒުމަތީގައި އަތުރާލުމުން ގަންނަން އައި މީހާއަށް ކަޅިވެސް އެއްލާ ނުލައި ފަހަރަކު އެއްޗެއް ބާކޯޑު ރީޑާގައި ޖައްސަން ފަށައެވެ. ނުވަތަ ކަލިކިއުލޭޓަރުގައި އެ މުދަލުގެ އަގު ޖަހާ ހިސާބު ހަދަން ފަށައެވެ. އަދި ދޭންވީ ރުފިޔާގެ އަދަދު ބުނެ ބާކީ ދޭން ޖެހޭކަމަށްވާނަމަ ބާކީ ދީ ކޮތަޅަށް އަޅަން ޖެހޭނަމަ ކޮތަޅަށް އެޅުމަށްފަހު އެކަން ނިންމާލައެވެ. އުޅޭނީ އެމީހަކު ކައިރިން ސަލާމަތް ނުވެވިގެން އުޅޭ ފަދައިންނެވެ. މިކަހަލަ ސޭޓުން ކައިރިން މަދު އެއްޗެއް ގަނެ 'ބޮޑު ރުފިޔާ' އެއް ދީފިނަމަ، އަސްތާ، ކަންތައް ހަމަވީއެވެ. ނުވަތަ މަދު އެއްޗެއް ގަނެ ކޮތަޅެއް ދޭށޭ ބުނެފިނަމަވެސް އެ ދެންވީއެވެ. އެއްޗެހި ކިޔާ ސޭޓުންވެސް އުޅެއެވެ. އެއްޗެއް ނުބުންޏެއްކަމަކު މޫނު މައްޗަށް އަރާ ފައިބާ ކުލަތަކުންނާ ތުންފަތަށް އެހެރަ ހަދާ ގޮތްތަކުން އޭނާ ކިޔަން ބޭނުންވާ އެއްޗެއް ލިޔެވިފައިވާ ކަހަލައެވެ.

ފިހާރަތަކަށް އެއްޗެއް ގަންނަންދާ މީހުންނަކީ އެކި މިޒާޖުގެ މީހުންނެވެ. ސަކަ މީހުންވެސް ފިހާރަތަކަށް ދާނެއެވެ. ނަމަވެސް ބުނެލާ މަޖާ އެންމެ ބަހަކުން އެމީހާއަށް ބަސްލާ ޒުވާބުކުރާ ސޭޓުންވެސް އުޅެއެވެ. އެވަގުތު ޒުވާބުކޮށް އަދި ނިންމާލަނީއެއްވެސް ނޫނެވެ. ބޭބެމެން ނުވަތަ ފިރި ނުވަތަ ލޯބިވެރިޔާ ފޮނުވައިގެން ބިރު ދައްކާ ސޭޓުންވެސް އުޅެއެވެ.

މިދެކެވެނީ ހައްތަހާވެސް އަންހެން ސޭޓުންގެ ވާހަކައެވެ. ފިރިހެނުންވެސް ވަކި ދެރައެއް ނޫނެވެ. ފިހާރައަށް މީހަކު ވަދެ އެއްޗެއް ގަނެގެން ދިޔަސް ނޭނގޭ ސޭޓުންވެސް އުޅެއެވެ. އަންހެން ކުދިން އެއްޗެއް ގަންނަން ވަނުމުން ޑިސްކައުންޓް ބޮޑުވެފައި ފިރިހެނުންވަދެ ހަމަ އެކައްޗެއް ގަންނައިރު ޑިސްކައުންޓް ދޭށޭ ކިޔާ އާދޭސް ކުރިޔަސް ކަހާތަން ހިރުވާނުލާ ސޭޓުންވެސް އުޅެއެވެ. އަދި ޑިސްކައުންޓް ދިނުމަށްފަހު 'އާފްޓަ ސޭލް' ސަވިސްއަށް މޮބައިލް ނަމްބަރު ބަހާ ސޭޓުންވެސް އުޅޭކަމީ ހަގީގަތެކެވެ.

މިކަހަލަ އެތައް ތަޖުރިބާއެއް އެތައް ބަޔަކަށް ކުރެވިފައިވާނޭކަން އެނގެއެވެ. ދަންނަން ޖެހޭ އެއްކަމަކީ ސޭޓުންގެ އުޅުން ހުންނަ ގޮތުން އެ ފިހާރައަށްދާ މީހުން އެހެން ފިހާރަތައް ޚިޔާރުކުރާކަމެވެ. ފިހާރައިގެ ފައިދާ ދަށްވާން މެދުވެރިވާ ސަބަބަކަށް މިކަންވެސް ވެދާނެކަމެވެ. ހިނިތުންވެފައި ކަސްޓަމަރުންނާ ވާހަކަ ދައްކާ ހެދުމަކީ އުނދަގޫ ކަމެއް ނޫނެވެ. ނަމަވެސް ގެނެވޭ ކުޑަކުޑަ ބަދަލަކުން އެ ފިހާރައަކާމެދު މީހުން ދެކޭގޮތް ބަދަލުވެ މީހުންގެ މެދުގައި މަގުބޫލުތަނަކަށް ވާކަށް ގިނަ ދުވަހެއް ނުނަގާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.