ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވޭ ދިވެހިރާއްޖެ މިވަނީ ޤުދުރަތީ ކާރިސާތަކުގެ ބިރުވެރިކަމެއްގެ ތެރޭގައެވެ. ޖެހޭ ކޮޅިގަނޑުތަކުގައި ބޮޑެތި ގެއްލުންތައް މިވަނީ އާންމުވެފައެވެ. ފެންބޮޑުވުމާއި އުދައެރުމާއި ރަށްގިރުން ފަދަ މައްސަލަތައް މިވަނީ ކަންބޮޑުވާން ޖެހޭ ދަރަޖައަކަށް ގޮސްފައެވެ. މިކަންކަމާއި ގުޅިގެން ތިމާވެއްޓާ ދޭތެރޭ ވިސްނާ ވިސްނުންވެސް މިދަނީ އިތުރުވަމުންނެވެ. ތަފާތު ނަންނަމުގައި މަދަނީ ޖަމިއްޔާތަކުން ބޮޑެތި މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މީހުން ހޭލުންތެރިކުރުމާއި ތިމާއްވެއްޓަށް ގެއްލުންދޭ ކަންކަން ހުއްޓުވުމަށްވެސް ބޮޑެތި ހޭދަ ތަކެއްދަނީ ކުރަމުންނެވެ. މިދެންނެވި ގެއްލުންދޭ ކަންތައްތަކުގެ ތެރެއިން އެއްކަމަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުންކުރުމެވެ.

ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި މިވަނީ ވިސްނިފައެވެ. ފިހާރައަކަށް ގޮސް ކިތަންމެ ކުޑަ އެއްޗެއް ގަނެވެސް ޕްލާސްޓިކް ކޮތަޅަކަށް ލާންޖެހޭނޭކަމަށް މިވަނީ ބެލެވިފައެވެ. ކޮތަޅެއް ނެތޭ ނުވަތަ ހުސްވެފައޭ ބުނެފިނަމަ ހާދަ ކަޑަ ފިހާރައެކޭ ހީނުވޭ ހެއްޔެވެ؟ އަދި ތަނަކަށް ދާނަމަ އެންމެ ގާތް މިތުރަކަށްވެސް ޕްލާސްޓިކް ކޮތަޅު ވެފައިވާކަމީ ހަގީގަތެކެވެ. އެހާވެސް ގާތް މިތުރަކަށް މިވަނީ ވެފައެވެ.

ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން މިހާ އާންމުވެފައި މިވަނީ ކީއްވެ ހެއްޔެވެ؟ ޖަވާބު ވަރަށް ސާފެވެ. ކަން ފަސޭހައީއެވެ. ވިސްނުމުގެ ދޯހަޅިކަމުންނެވެ. ވިޔަފާރިވެރިިންގެ ޖީބަށް ބޮޑުކުރުމުގެ ވިސްނުން ބޮޑީއެވެ. ޕްލާސްޓިކް ކޮތަޅު އަގުހެޔޮ ވެފައި ވިޔަފާރީގެ މުޢާމަލާތުގައި ފަސޭހަތަކެއްވާތީކަން ގައިމެވެ.

މި ނާޒުކް ތިމާވެށި އަންނާން އޮތް ޖީލަށް ސަލާމަތްތެރިކަމާއެކު ފޯރުކޮށްދިނުމަކީ ކޮންމެ މީހަކުމެ ބޭނުންވާނޭ ކަމެކެވެ. އެހެންކަމަށް ވާނަމަ، މިހާރުން މިހާރަށް އެއްފަހަރު ބޭނުންކޮށްފައި އުކާލެވޭ ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލަން ޖެހެއެވެ. މިހެން ހަމަ ބުނާއިރަށް "ތިއީދެން ނުވާނޭ" ކަމެއް ނޫންހޭ ބުނާނޭ ބައިވަރު މީހުން ތިބޭނެކަން ދަންނަމެވެ. ނަމަވެސް އެކަމަކީ ނުވާނޭ ކަމެއް ނޫނެވެ. އެކަން ކުރާނޭ ގޮތަކީ މިއީއެވެ.

ޕްލާސްޓިކް ކޮތަޅު ދަޢުރުވާ އެންމެ ބޮޑު މަގަކީ ފިހާރަތަކެވެ. ރަށްފުށުގައިވެސް އަދި މާލޭގައިވެސް މެއެވެ. ފިހާރައިން އެއްޗެއް ގަނެގެންދާ މީހާ އެގެންދާ ކޮތަޅު ދެވަނަ ފަހަރަށް ބޭނުމެއް ނުކުރާނެއެވެ. އެއްލައިލާނީއެވެ. އެހެންކަމުން ދައުރުވާ ޕްލާސްޓިކް ކޮތަޅު ހުއްޓުވޭނީ ފިހާރަތަކުން އެކަން ހުއްޓުވާލައިގެނެވެ. އެންމެ ފުރަތަމަ އާބާދީ ކުޑަރަށްތަކުން މިކަން ފެށިދާނެއެވެ. އެހެންކަމުން އެންމެ ފުރަތަމަ އެއްބަސްވުމަކަށް އަންނާން ޖެހެނީ ވިޔަފާރިވެރިންނެވެ. ޕްލާސްޓިކް ކޮތަޅު ބޭނުންކުރުން ހުއްޓާލުމުން ވިޔަފާރިވެރިންނަށް ލިބޭނޭ ގެއްލުމަކީ ކޮބައިހެއްޔެވެ؟

ވިޔަފާރިވެރިން ޕްލާސްޓިކް ކޮތަޅު ދިނުން ހުއްޓާލުމަކުން އެއީ އަދި ހައްލެއް ނޫނެވެ. އިތުރު ގޮތެއް މުދާ ގަންނަ މީހާއަށް ދައްކަން ޖެހެއެވެ. ގަންނަ މުދާ ގެއާ ހިސާބަށް ގެންދެވޭނޭ ގޮތެއް ދައްކަން ޖެހެއެެވެ. މިކަމަަށް ގެނެވޭނޭ އެއް ހައްލު ފެންނަނީ އަވަށްޓެރި އިންޑިޔާގެ ޝޮޕިން މޯލްތަކުންނެވެ. ގިނަ މޯލްތަކުގައި ޕްލާސްޓިކް ކޮތަޅެއް ނުހުރެއެވެ. ހުންނަނީ ފޮތި ކޮތަޅެވެ. ހިލޭ ދެނީ އެއް ނޫނެވެ. ގަންނަންދާ މީހާ ބޭނުންނަމަ އެ ކޮތަޅު ގަންނަންވީއެވެ. އަތްފޯރާ އަގެއްގައެވެ. އެހެންނަމަވެސް ވިޔަފާރިކުރަންދާ ކޮންމެ ފަހަރަކު ކޮތަޅެއް ގަންނަންދާ ރުފިޔާ ހަފްތާ އަދި މަސްދުވަހަށް ބަލައިލީމާ ބޮޑު ޚަރަދެއް ހިނގާކަން ފަރުދުންނަށް ވިސްނެންފަށާނެއެވެ. އެ ހިސާބުން އެއްފަހަރު ގަންނަ ކޮތަޅު ދެން އެއްޗެއް ގަންނަންދާ ފަހަރު ބޭނުންކުރާނެއެވެ.

މިބުނާ ފޮތިކޮތަޅު ފިހާރަތަކުން ހޯދާނީ ކިހިނެއް ހެއްޔެވެ؟ ކަމަކީ ފުރަތަމަ ކުރަންވީމާ ޚަރަދު ބޮޑުކަމަކަށްވެފައި މިކަން ކުރަން ވިޔަފާރިވެރިން ބޭނުމެއް ނުވާނެއެވެ. އެހެންކަމުން އެކަން ކުރެވޭނީ ބަޔަކު ފަންޑުކޮށްގެނެވެ. ތިމާވެއްޓަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ސަރުކާރުގެ މުއައްސަސާތަކާ ގުޅިގެން މިކަން ކުރެވިދާނެއެވެ. އަދި ބޭރުގެ ޖަމިއްޔާތަކުގެ އެހީތަކުންވެސް މިކަން ކުރެވިދާނެއެވެ. އަދި ސަރުކާރުގެ ބަޖެޓުންވެސް މިކަމަށް ހޭދަކުރެވިދާނެއެވެ. ހަމަ ގައިމުވެސް މިހާރު ސަރުކާރުން ކުރާ ބައެއް ހޭދަތަކުގެ ބަދަލުގައި މިކަމަށް ހޭދަކޮށްފިނަމަ މުސްތަގުބަލުގައި މާ ފައިދާ ވާނޭކަން ޔަގީނެވެ.

57.3 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޓެންޒޭނިއާއިން ޕްލާސްޓިކް ކޮތަޅަށް ނޫނެކޭ ބުނާއިރު 4 ލައްކައިގެ މި ދިވެހިރާއްޖެއަށް މިކަން ނުކުރެވޭންވީ ސަބަބެއް ނެތެވެ. އެ ގައުމުގައި ޕްލާސްޓިކް ކޮތަޅު އުފައްދާ ފަރާތްތަކަށް ބޮޑެތި ޖޫރިމަނާއާއި ޖަލު ހުކުމްތައް ކަނޑައަޅާފައިވާއިރު އަހަރުމެން ކަހަލަ ޖަޒީރާ ގައުމެއްގައި ކުދި ކުދި އާބާދީގެ ރަށްތަކުގައި މިކަން ނުކުރެވޭންވީ ސަބަބެއްވެސް ނުވިސްނެއެވެ. ބަދަލު ކުރާންވީ މީހުންގެ ވިސްނުމެވެ. ގިނަ ކުރާންވީ ބަހަށްވުރެ ޢަމަލެވެ. ކުރަން ކުރާން ނުތިބެ މިހާރުން މިހާރަށް ޕްލާސްޓިކް ކޮތަޅަށް ނޫނެކޭ ބުނެ މުޅި ދުނިޔެއަށް އަހަރުމެންވެސް ދުނިޔެ ހޫނުވުމާއި ގުދުރަތީ ކާރިސާތަކުން ސަލާމަތްވާން ބޭނުންކަން ހާމަ ކޮށްދޭންވީއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.