އިސްލާމްދީނާއި ހިލާފު ވާހަކަތަކެއް ހިމެނޭ ރިޕޯޓެއް ނެރުނު މައްސަލާގައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އަށް ގާނޫނީ ފިޔަވަޅު އަޅައި އެ ޖަމިއްޔާ އުވާލަން ކަމާބެހޭ އިދާރާތަކަށް ރާއްޖޭގެ ބައެއް އިލްމުވެރިން ގޮވާލައިފިއެވެ

މިކަމަށް ގޮވާލާފައިވަނީ އެމްޑީއެން އިން އެފަދަ ރިޕޯޓެއް ނެރުނު މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް އިލްމުވެރިންގެ ޝުއޫރުތައް ހާމަކުރަން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

އެ ބައްދަލްވުމުގައި ވާހަކަފުޅު ދައްކަވަމުން މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސައިން ވިދާޅުވީ އިސްލާމްދީނާ، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ އާދައިގެ ކަމެއް ނޫން ކަމަށެވެ. އެފަދަ ކަމެއް ބަޔަކު ކުރުމުން ކޮންމެ މުސްލިމަކު ވެސް ލޭ ހޫނުވެ، ޖަޒުބާތުގައި ޖެހޭނެ ކަމަށެވެ.

"ހިތަށް އަސަރު ކޮށްގެން ޖަޒުބާތުގައި ޖެހި މި ވާހަކަތައް ދައްކަންޖެހޭ ސަބަބަކީ މިއީ އީމާނާ ގުޅިފައިވާ ކަމަކަށްވާތީ، މިއީ ހިތުގެ ވިންދާއި ގުޅިފައިވާ ކަމެއް، މިއީ ވަކި ނުކުރެވޭނެ ކަމެއް، މުއުމިނަކަށް ވެއްޖެނަމަ އެމީހެއްގެ ދުލުން މިފަދަ ވާހަކަތަކެއް ބޭރުވެގެން ނުވާނެ،" އިލްޔާސް ވިދާޅުވި އެވެ.

އިލްމުވެރިން ވިދާޅުވީ އެމްޑީއެންގެ ރިޕޯޓަކީ އިސްލާމްދީނާ ދިވެހި ގައުމަށް ކުރިމަތިވެގެން ދިޔަ ވަރުގަދަ އުދުވާނެއް ކަމަށެވެ. އެހެން ކަމުން އެ އުދުވާނުން ސަލާމަތް ވުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކުން ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވައި ދެއްވުމަށް އިލްތިމާސްކޮށް ހަނދާންކޮށްދޭ ކަމަށެވެ.

އެ ބައްދަލުވުމުގައި އިލްމުވެރިން ވަނީ މައިގަނޑު ހަ ކަމެއް ކަމާބެހޭ އިދާރާތަކަށް އިލްތިމާސެއްގެ ގޮތުގައި ދަންނަވާފައެވެ.

އޭގެތެރޭގައި އިސްލާމީ އުސޫލުތައް ނަގަހައްޓާ ހިމާޔަތް ކުރުމަށާއި، ދީނާ ދެކޮޅަށް ހިންގޭ ކޮންމެ ޖަރީމާއެއް ވަގުތުން ވަގުތަށް ހުއްޓުވުމަށް ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމަށާއި، އެފަދަ އެއްވެސް ކަމެއްގައި އަޅަންޖެހޭ ފިޔަވަޅަކާ މެދު ފަސްނުޖެހުމަށާއި، އިސްލާމީ އުސޫލުތައް ނެގެހެއްޓުމަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި އެއްބާރުލުން ދިނުމަށާއި، މިހާރު ރައްޔިތުންގެ މެދުގައި އުފެދިފައިވާ ނުތަނަވަސްކަން ހައްލުކޮށްދެއްވުމުގެ ގޮތުން ދީނާ ހިލާފު ކޮންމެ އަމަލަކާ މެދު ކަމާބެހޭ އިދާރާތަކުން ފިޔަވަޅުތައް އަޅާނެ ކަމުގެ ސާފު މެސެޖު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެމްޑީއެން އަށް ގާނޫނީ ފިޔަވަޅު އެޅުމާއި އެ ޖަމިއްޔާ އުވާލަން ހިމެނެއެވެ.

މީގެއިތުރުން އިލްމުވެރިން ވަނީ ރައްޔިތުންނަށް ވެސް އިލްތިމާސްތަކެއް ކުރައްވާފައެވެ. އެގޮތުން ދަރިން ރަނގަޅު ގޮތުގައި ތަރުބިއްޔަތު ކުރުމާއި، ދީނީ ތައުލީމު އޭގެ ރަނގަޅު ގޮތުގައި ދަރީންނަށް ފޯރުކޮށްދީ، އިސްލާމީ އުސޫލުތަކަށް ދަރީންގެ ހިތުގައި ލޯބި ޖެއްސުމަށް މަސައްކަތް ކުރުމަށް އިލްމުވެރިން ވަނީ އިލްތިމާސްކުރައްވާފައެވެ.

އެމްޑީއެންގެ މައްސަލާގައި އިލްމުވެރިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ޖަމިއްޔާތަކަ ބެހޭ ބެލެނިވެރި ފަރާތް ކަމަށްވާ، ޔޫތް މިނިސްޓްރީން މިދިޔަ ހަފްތާގައި ވަނީ އެމްޑީއެންގެ ހަރަކާތްތައް ވަގުތީ ގޮތުން ސަސްޕެންޑް ކޮށްފައެވެ. އަދި އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ވެސް ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.