އެއީ މީގެ 17 އަހަރު ކުރިއެވެ. އޭރު އަހަރެންގެ އުމުރަކީ އެންމެ 12 އަހަރެވެ. މަންމަ ނިޔާވެފައިވީނަމަވެސް ބައްޕަ ދުނިޔޭގައި  ހުއްޓެވެ. އެހެންނަމަވެސް އެެއްވެސް ފަރާތެއްގެ އަޅާލުމެއް އަހަންނަކަށް ނުލިބެއެވެ. އާވާރާ ވެފައިވާ ކުއްޖެއް ފަދައިން ގިނަވަގުތު  ހޭދަކުރަމުން ގެންދިޔައީ މަގުމަތީގައި އެކިބާވަތުގެ ކުށްތަކަށް އަރައިގަތުމުގައެވެ. ވައްކަން ކުރުމާއި މާރާމާރީއެވެ. މީހުންއަތުން ފޭރުމާއި މަގުމަތީ ހިނގާ މީހުންނާއި ފޮށުމެވެ. މަސްތުވާތަކެތި ބޭނުންކުރުމާއި އޭގެވިޔަފާރި ކުރުމެވެ. މިކަމުގައި އަހަންނަށް ވާގިވެރިވަނީ ހަމަ އަހަރެންފަދަ އަހަރެންގެ އެކުވެރިންނެވެ. ކިތަންމެ ފަހަރަކު ފުލުހުންގެ ބެލުމުގެ ދަށައްވެސް ގެންދެވުނެވެ. ނަމަވެސް އޭރު އަހަންނަކީ 18 އަހަރު ނުފުރޭ ކުޑަކުއްޖެއްކަމުން އެއިން ކޮންމެ ފަހަރަކުވެސް ދޫކޮށްލަނީއެވެ.

އެގޮތުގައި 10 އަހަރު އަހަރެން ހޭދަކުރީމެވެ. އެދުވަސްތަކުގައި އަހަރެންގެ ދިރިއުޅުމާއިމެދު ވިސްނާލާނެ ވަގުތެއް އަހަންނަކަށް ނުވެެއެވެ. ނުވަތަ ވިސްނާކަށް ބޭނުމެއްވެސް ނުވެއެވެ. އަހަންނަށް ނަސޭހަތްތެރިވުމުގެ ގޮތުން އެއްޗެއް ބުނެފި މީހަކީ އަހަރެންގެ ދުޝްމަނެކެވެ.

އެވީރާނާ އަދިރި ދިރިއުޅުމުގައި ދުވަސްތައް ހޭދަކުރަމުން ދަނިކޮށް އެއްދުވަހެއްގެ ހަވީރުގެ ވަގުތެކެވެ. އާދައިގެ މަތިން އަހަރެންގެ އެކުވެރިންނާއި އެކު އަހަރުމެންގެ ޖަގަހަ ކަމުގައިވާ މަގުމަތީގައި މަޑުކޮށްގެން ތިބީމެވެ. ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ދުރުން ހިނގާފައި އަންނަ އަންހެން ކުއްޖެކެވެ. އެ ކުއްޖާ އަހަރުމެންނާއި އަރާހަމަވުމާއި އެކު އަހަރެންގެ އެކުވެރިން އޭނާއާއި ދިމާކޮށް ފޮށެން ފެށިއެވެ. އެހެންނަމަވެސް އެހެން ދުވަސްތަކާއި ހިލާފަށް އަހަންނަކަށް އޭނާއާއި ދިމާލަށް އެއްޗެއް ބުނާކަށް ނުކެރުނެވެ. ދުލުގައި ތަޅެއް އެޅުވިފައި ހުރިކަހަލައެވެ. އެ އަންހެން ކުއްޖާ ގޮސްވަނީ އަހަރުމެންނާއި މާދުރު ނޫން ހިސާބެއްގައި ހުރި ފިހާރައަކަށެވެ. ފަހުން އެނގުނު ގޮތުގައި އެއީ އެ ފިހާރައިގައި މަސަތްކަތް ކުރާކުއްޖެކެވެ. އެދުވަހަކީ އޭނާ ފިހާރައަށް ނިކުތް ފުރަތަމަ ދުވަހެވެ. އެ ދުވަހަށް ފަހު ކޮންމެ ދުވަހަކުވެސް އަހަރެން ފިހާރައަށް ދަމެވެ.

އާދައިގެ މަތިން އެއް ދުވަހަހަކު އަހަރެން ފިހާރައަށް ދިޔައީމެވެ. ތަފާތު ވާހަކަ ދައްކަމުން ގޮސް އަހަރެން އޭނާއާއި ގަޔާވާކަމަށާއި ކައިވެނި ކުރަން ބޭނުންވާކަމަށް ބުނީމެވެ. އޭނާ ދިނީ ވަރަށް ކުރު ޖަވާބެކެވެ. "އަހަންނާއި އިންނަން ބޭނުންނަމަ އުޅުން ބަދަލުކޮށް އިސްލާހުވާށެވެ." އޭނާގެ އެޖުމްލައިން ފުރަތަމަ ފަހަރަށް އަހަރެންގެ ނަފްސާއި މެދު އަހަންނަށް ވިސްނާލެވުނެވެ.

އެދުވަހުން ފެށިގެން އަހަރެންގެ މުޅިދިރިއުޅުން ބަދަލުކުރީމެވެ. ވިޔާނުދާ ހުރިހާ ރަހުމަތްތެރިން ދޫކޮށްލީމެވެ. ދިރިއުޅުމުގައި ކުރެވިފައި ހުރި ހުރިހާ ފާފައަކަށް ރަނގަޅުު ތަޢުބާއަކުން ތަޢުބާވީމެވެ. މިއަދު އަހަންނަކީ އެެ ހުރިހާާ ކަމަކުން ސަލާމަތްވެގެންް ހުރި ޙެޔޮލަފާ ހަރުދަނާާ ޒުވާނެކެވެ. ﷲގެ ހެޔޮރަޙްމަތުން ރަނގަޅުު ވަޒީފާއެއްް ލިބި ތަނަވަސް ދިރިއުޅުމެއް އުޅުމުގެ ނަސީބު މިއަދު އަހަންނަށްް ވަނީ ލިބިފައެވެ.

އަހަރެންގެ ޙަޔާތަށް މިބަދަލުއައުމަށް މެދުވެރިވި އެ ނުދަންނަ އަންހެން ކުއްޖާއަކީ މިއަދު އަހަރެންގެ ވަފާތެރި ޞާލިޙު އަނބިމީހާއެވެ. އަލްޙަމްދު ﷲ އެވެ. މީ އަހަރެންގެ ޙަޔާތުގެ ވާހަކައެވެ. އެހެން މީހުންނަށް ޢިބުރަތަކަށްވާނެ ކަމަށް ހީކުރަމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.