ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި، ހަސަން ޝަރީފް، މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން، ސިޔާސީ ގޮތުން ވަކި ބަޔަކަށް މަންފާ ހޯދައިދިން ކަމަށް ބުނާ މައްސަލައެއް މިއަދު ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

މި މައްސަލަ އެ ކޮމިޝަނަށް ހުށަހަޅައިފައިވަނީ އާންމު ފަރާތަކުންނެވެ. ޖަޒީރާއަށް އެނގިފައިވާ ގޮތުގައި އެ މައްސަލަ އެކޮމިޝަނުން މިހާރު ވަނީ ބަލައިގަނެފައެވެ.

އާންމު ފަރާތަކުން ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވި ސިޓީގައި ވަނީ، ސިޔާސީ އިސް މަގާމެއްގައި ހުރެ ހަސަން ޝަރީފް، ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީ އާއި ދޭތެރޭ، އެކިއެކި ޕޯޑިއަމްތަކުގައްޔާއި، އެހެނިހެން ގޮތްގޮތުން ނަފްރަތު އުފެދޭ ގޮތައް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި ސިވިލް ސާވިސްގެ ޤާނޫނާއި ހިލާފު އެތަކެއް ކަމެއް ޝަރީފް ކުރަމުން އަންނަ ކަމުގައި ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވާފައިވާ ސިޓީގައި ވެއެވެ. އެގޮތުން 12 އޮގަސްޓް 2018 ވަނަ ދުވަހު، އަދާލަތު ޕާޓީގެ އާންމު މެންބަރުން ކަމަށް ބުނެ، އެޕާޓީއަށް ނިސްބަތް ނުވާ ބަޔަކު ނޫސްވެރިންނާއި ބައްދަލުކޮށް، ޕާޓީގެ މެންބަރުންގެ ނަމުގައި މީޑިޔާއަށް މައުލޫމާތު ދީފައިވާ މައްސަލަ ފާހަގަކޮށްފައިވެއެވެ. އަދި އެކަމަކީ އަދާލަތު ޕާޓީގެ ޝަހްސައް ލިބިގެންވާ ޤާނޫނީ ރައްކާތެރިކަން ނިގުޅައި ގަނެފައިވާ ކަމެއް ކަމަށް ބުނެ، އަދާލަތު ޕާޓީން އެ މައްސަލަ ފުލުހުންނަށްވެސް ހުށަހަޅާފައިވާ ކަމަށް އެ ސިޓީގައިވެއެވެ. ނަމަވެސް މިއަދާ ހަމައަށްވެސް އެކި އެކި ނުފޫޒުތަކާއި ހެދި އެ މައްސަލަ ކުރިއަށް ގެންގޮސްފައި ނުވާ ކަމަށާއި، އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށްވެސް ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވި ސިޓީގައިވެއެވެ.

މީގެ އިތުރުން ނިމިދިޔަ ރިޔާސީ އިންތިހާބުގައި، ގުޅިފައިވާ ކޯލިޝަން އާއި ދެކޮޅަށް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ އަބުރުފުޅަށް އުނިކަން ލިބޭ ގޮތައް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ޕީޕީއެމް މެންބަރުންނާއި ގުޅިގެން އަދާލަތު ޕާޓީގެ ގޮތްޕެއް ރަމްޒުކޮށް، އެންމެ އިސް ފަރާތެއްގެ ގޮތުގައި ހުރެ، ޝަރީފް ޕްރެސް ކޮންފަރެންސެއް ބޭއްވުން އެއީ ސިވިލް ސާވިސް ކޮމިޝަންގެ ޤާނޫނު ނަންބަރު، 5/2007 ގެ 53 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި ހިލާފު ކަމެއް ކަމުގައި ފާހަގަކޮށްފައިވެއެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ޤާނޫނު ނަންބަރު 5/2007 ގެ 53 ވަނަ މާއްދާގެ (ހ) ގައި ވަނީ، ސިވިލް ސަރވިސްގެ އެއްވެސް މުވައްޒަފަކު އޭނާގެ މަޤާމުގެ ހައިސިއްޔަތުން ލިބޭ ބާރެއް، ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް ބޭނުންކޮށްގެން، އެއްވެސް ފަރާތެއްގެ ސިޔާސީ ހަރަކާތަކަށް ބާރު ފޯރުވުން ނުވަތަ ނުފޫޒު ފޯރުވުމަކީ ކުށެެއް ކަމަށެވެ. އަދި އެ މާއްދާގެ (ށ) ގައި ވަނީ ސިވިލް ސަރވިސްގެ އެއްވެސް މުވައްޒަފަކު، އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ވަކި ފަރާތަކަށް ޖެހިފައިވާކަން ދޭހަވާފަދަ ގޮތަކަށް ނުވަތަ އޭނާގެ ވާޖިބުތަކާއި، މަސްއޫލިއްޔަތުތަކަށް ހުރަސްއެޅޭފަދަ ގޮތަކަށް އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިވުމަކީ ކުށެއް ކަމަށެވެ.

ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވި، ސިޓީއާއި އެކު ވަނީ، ހަސަން ޝަރީފް ނިއުސްކޮންފަރެސްގައި ބައިވެރިވި ކަމަށް އަމިއްލައަށް އިއުތިރާފުވާ އޯޑިއޯއަކާއި، ސިޔާސީ ގޮތުން މީހުންނަށް ބިރުދައްކާފައިވާ ކަމަށް ދޭހަވާ އޯޑިއޯއެއް ހުށަހަޅާފައެވެ.

އެ އޯޑިއޯގައި ހަސަން ޝަރީފް ވަނީ، އަދާލަތު ޕާޓީގެ މިސްރާބު ބަދަލުވުމުން އަމިއްލަ ޖަމިއްޔާއެއް ހަދައިގެން ހުޅުމާލޭގައި ދީނީ ނަސޭހަތް ލައިދޭ ކަމަށް ބުނެފައެވެ.

"އަދާލަތު ޕާޓީގެ މިސްރާބު ބަދަލުވީމަ، ދެން އަމިއްލަ ޖަމިއްޔާއެއް ހަދައިގެން ހުޅުމާލޭގައި ދީނީ ޕްރޮގްރާމްތައް ހިންގަނީ. އަލް ހިޖްރަ ކިޔާ ޖަމިއްޔާއެއް."

ޝަރީފް ބުނީ، އަދާލަތުގެ ނިއުސްކޮންފަރެންސެއްގައި ރައީސް ނަޝީދު އާއި ދިމާއަށް އެއްޗެތި ގޮވާފައިވާނެ ކަމަށެވެ.

"އަޅުގަނޑަށް ފުރުސަތު ދިން އަދާލަތު ޕާޓީގެ ނިއުސްކޮންފަރެންސެއްގައި، އަންނި (މުހައްމަދު ނަޝީދު) ފެކްޝަން، އަންނިއަށް ތާއީދު ކުރާ މީހުންނާއި ދިމާއަށް އެއްޗެތި ގޮވާ، އެ ހަޑި ހާވަން"

އަދި އޭނާގެ މައްޗަށް ތުހުމަތުކުރާ މައްސަލަތައް ނުނިންމައިފި ނަމަ ރައީސް ޔާމީނާއި ދެކޮޅަށް އެންޓި ކެމްޕޭން ކުރާނެ ކަމުގެ ބިރު ރައީސް ޔާމީނަށް ދައްކާފައިވާނެ ކަމަށް ޝަރީފް ބުނެފައިވެއެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ޤާނޫނުގައިވާ ގޮތުން އެއްވެސް ސިވިލް ސާވިސް މުވައްޒަފަކު ސިޔާސީ ހަރަކާތެއްގައި ބައިވެރިވެގެން ނުވާނެއެވެ. އަދި މަޤާމުގެ ނުފޫޒާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ކޮށްގެން ނުވާނެއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނެވި، ހަސަން ޝަރީފްގެ އިތުރު މައްސަލައެއް މި ހިންގާ 2019 ވަނަ އަހަރު ކުރީކޮޅު އެންޓި ކޮރަޕްޝަން ކޮމިޝަނުން ބެލުމަށް ފަހު ހަސަން ޝަރީފްގެ މައްޗަށް ފިޔަވަޅުއެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީއަށް ވަނީ އަނގާފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީގެ އެޑްމިން ޝެކްސަންގެ އެންމެ އިސް މަޤާމުގައި ހުރެ ނަހަމަ ގޮތުގައި އިތުރުގަޑީގެ ފައިސާ ނަގާފައިވާކަން އެސީސީގެ ތަހުޤީގަށް ސާބިތުވެފައިވާ ކަމަށް އެ އެންގުމުގައި ވެއެވެ. އަދި މުސާރަ ޝީޓް ތައްޔާރުކޮށް ހުއްދަދޭ އެންމެ އިސް ފަރާތުގެ މަގާމުގައި ހުރެގެން އޭނާގެ މުސާރައާއި އެއްވަރުގެ އަދަދެއް އިތުރުވަގުތުގެ ފައިސާގެ ގޮތުގައި ނަގާފައިވާ ކަމަށް ވެސް އެ އެންގުމުގައި ވެއެވެ. ނަމަވެސް އެސީސީގެ މި އެންގުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަސަން ޝަރީފްގެ މައްޗަށް ފިޔަވަޅުއަޅާފައިވާކަން ވަނީ ޔަގީން ނުފެވައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.