އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް ކޮލިފައިވުމަށް ރޭ ކުޅުނު މެޗުގައި ގްރީސް އަތުން 2-0 އިން މޮޅުވެ އިޓަލީން އެ މުބާރާތުން ޖާގަ ކަށަވަރުކުރިއިރު، ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުން 1-1 އިން އެއްވަރުވުމުން ސްޕެއިނުން އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެއެވެ.

އެންމެ ފަހުގެ ވޯލްޑްކަޕަށް ކޮލިފައިނުވި ނަމަވެސް، މި ފަހަރުގެ ޔޫރޯ ކޮލިފައިންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިޓަލީން ރޭގެ މެޗުން ހޯދީ މޮޅާއެކު ވަނީ ވިދިވިދިގެން މޮޅުވުމުގެ ސިލްސިލާގައި 8 މެޗު ހަމަކޮށްފައެވެ. މިއާއެކު 1938/1939 ވަނަ އަހަރުގައި ވިޓޯރިއޯ ޕޯޒޯގެ އިރުޝާދުގެ ދަށުން އެ ޓީމުން މިހާތަނަށް ވިދިވިދިގެން އެންމެ ގިނަ މެޗުން މޮޅުވުމުގެ ރެކޯޑާ އަރާ ހަމަކުރުމަށް ބޭނުންވަނީ އެންމެ މެޗެކެވެ.

ރޭގެ ނަތީޖާއާއެކު ގްރޫޕް ޖޭ ގައި ހިމެނޭ އިޓަލީން ސައްތައިގެ ރެކޯޑަކާއެކު ކުޅުނު ހަތް މެޗުން 21 ޕޮއިންޓް ހަމަކޮށްފައިވާއިރު، ދެވަނައިގައި އޮތް ފިންލެންޑަށް ލިބިފައިވަނީ 12 ޕޮއިންޓެވެ. ތިންވަނައިގައި އޮތް އާމީނިއާގެ އިތުރުން ބޮސްނިއާ އެންޑް ހާޒެގޮވީނާ އަށް 10 ޕޮއިންޓް ލިބިފައިވާއިރު، ގްރީސް އުޅެނީ ފަސް ޕޮއިންޓާއެކު ތާވަލްގެ ފުލުން ދެވަނައިގައެވެ. އެންމެ ފުލުގައި އޮތް ލީޗްޓެންސްޓެއިން އަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.

ރޯމްގެ ސްޓާޑިއޯ އޮލިމްޕިކޯގައި ރޭ ކުޅުނު މެޗުގައި ޒުވާން ގިނަ ކުޅުންތެރިންނާއެކު ކުޅެމުންދިޔަ ގްރީސް އިން ފުރަތަމަ ހާފުގައި އިޓަލީގެ ފޯވާޑްލައިން ހުއްޓުވުމުގައި ކާމިޔާބުހޯދި ނަމަވެސް، ދެވަނަ ހާފުގައި އިޓަލީން ލީޑްނެގީ ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ 63 ވަނަ މިނެޓުގައި އިޓަލީ އަށް މިލަނޑުޖަހައިދިނީ ޖޯޖީނިއޯ އެވެ. މިއީ އެ ޓީމުގެ ލޮރެންޒޯ އިންސީނިއޭ ފޮނުވާލ ހަމަލާއެއް ޕެނަލްޓީއޭރިޔާތެރޭގައި ހުރި ގްރީސްގެ އަންދްރެއަސް ބޫޗަލަކިސް އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

އިޓަލީ އަށް މި މެޗުން ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު، މެޗު ނިމެން 12 މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ ފަހު ހާފުގައި ކުޅެން ނިކުތް ޔުވެންޓަސްގެ ވިންގާ ފެޑެރީކޯ ބާނަޑެސްކީ އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އިޓަލީގެ ކޯޗު ރޮބާޓޯ މަންޗިނީ ބުނީ މިހާ އަވަހަށް ކޮލިފައިވުމަކީ ލިބުނު ފަޚުރެއް ކަމަށާއި، ނަމަވެސް މީގެ 15 މަސް ދުވަސް ކުރީން ކަން ދިމާވި ގޮތާމެދު ހަނދާން ނެތިގެން ނުދާ ކަމަށެވެ. އަދި މިއީ ސަޕޯޓަރުންނަށް ވަރަށް އުފާވެރި ވަގުތުކޮޅެއް ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.

މި ގްރޫޕުގައި ހިމެނޭ ފިންލެންޑް އަތުން 4-1 އިން ބޮސްނިއާ މޮޅުވިއިރު، ލީޗްޓެންސްޓެއިންއާ ދެކޮޅަށް އާމީނިއާ ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ގުރޫޕް އެފްގެ އެންމެ ކުރީގައި އުޅޭ ސްޕެއިނުން 1-0 އިން މޮޅުވާން ދަނިކޮށް ފަހުވަގުތު ނޯވޭގެ ފޯވާޑް ޖޯޝުއާ ކިންގ ވައްދާލި ޕެނަލްޓީއާއެކު އެ ޓީމަށް އިތުރަށް އިންތިޒާރުކުރަންޖެހިފައިވާއިރު، ރޭގެ މެޗުގައި އެ ޓީމުން ކާމިޔާބުކުރި ލަނޑު، ދެވަނަ ހާފުގެ ކުރީކޮޅު ޖަހައިދިނީ ސައުލް ނިގުއޭޒް އެވެ. 

ރޭގެ މެޗާއެކު ސްޕެއިނުގެ ކެޕްޓަން ސާޖިއޯ ރާމޯސް ވަނީ ގައުމީ ޓީމަށް 168 މެޗު ހަމަކޮށް، މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދިން ޔޫރަޕްގެ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އޭނާ އަށް ވުރެ ގިނައިން މެޗު ކުޅެދީފައިވާ ޔޫރަޕްގެ ހަމައެކަނި ކުޅުންތެރިއަކީ 176 ހަމަކޮށްފައިވާ އިޓަލީގެ ގޯލްކީޕަރު ޖިއަންލުއިޖީ ބުފޮން އެވެ. މީގެއިތުރުން، ގައުމީ ޓީމަށް މިހާތަނަށް އެންމެ ގިނަ މެޗު ކުޅެދީގެން ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ މިސްރުގެ މިޑްފީލްޑަރު އަހުމަދު ހަސަން ވަނީ 184 މެޗު ހަމަކޮށްފައެވެ.

ކޮލިފައިންގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ފެރޯ އައިލެންޑްސް އަތުން 3-0 އިން ރޫމޭނިއާ މޮޅުވިއިރު، ސްވިޑެން ވަނީ 4-0 އިން މޯލްޓާ ބަލިކޮށްފައެވެ. ޑެންމާކް އަތުން 1-0 އިން ސްވިޓްޒަލެންޑް ބަލިވިއިރު، ޖޯޖިއާ އާ ދެކޮޅަށް ރިޕަބްލިކް އޮފް އަޔާލެންޑް ކުޅުނު މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *