އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިންގައި ރޭ ލަގްޒަމްބާގް އަތުން 3-0 އިން އެންމެ ފަހުގެ ޗެމްޕިއަން ޕޯޗުގަލް މޮޅުވިއިރު، އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ގޯލާއެކު ކެރިއަރުގައި 700 ގޯލް ހަމަކުރުމާ ގާތަށް ޖެހިލައިފިއެވެ.
ލަގްޒަމްބާގް ކޮޅަށް ވައްދާލި ގޯލާއެކު ރޮނާލްޑޯ ވަނީ ކެރިއަރުގައި 699 ލަނޑު ހަމަކޮށްފައެވެ. އަދި ގައުމީ ޓީމަށް ޖެހި ލަނޑުގެ އަދަދު 94 އަށް އަރާފައިވާއިރު، ގައުމީ ޖާޒީގައި ސައްތައެއް ހަމަކުރަން ބޭނުންވަނީ މަދުވެގެން ހަ ގޯލެވެ.
ރޭގެ މެޗުތަކަށްފަހު ގްރޫޕް ބީ ގެ އެއްވަނައިގައި އަދިވެސް އުޅެނީ 16 ޕޮއިންޓާއެކު ޔުކްރޭން އެވެ. އޭގެ ފަސް ޕޮއިންޓް ފަހަތުން އެއް މެޗު މަދުން ކުޅެގެން ދެވަނައިގައި އޮތީ ޕޯޗުގަލް އެވެ. ތިންވަނައިގައި އޮތް ސާބިއާ އަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ.
ލިޒްބަންގެ ހޯސޭ އަލްވަލާޑޭ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލް ޓީމުން ކާމިޔާބުކުރި ހަމައެކަނި ލަނޑު، މެޗުގެ 16 ވަނަ މިނެޓުގައި ޖަހައިދިނީ މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ބެނާޑޯ ސިލްވާ އެވެ.
ޕޯޗުގަލްގެ ދެވަނަ ލަނޑު، މެޗުގެ 65 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ރޮނާލްޑޯ ޖެހިއިރު، މެޗު ނިމެން އެންމެ މިނެޓަކަށްވެފައިވަނިކޮށް ތިންވަނަ ލަނޑުޖަހައިދިނީ ގޮންކާލޯ ގުއެޑެސް އެވެ.
މި ގްރޫޕުގެ އެންމެ ކުރީގައި އުޅޭ ޔުކްރޭން ވަނީ ރޭ އަމިއްލަ ދަނޑުގައި 2-0 އިން ލިތުއޭނިއާ ބަލިކޮށްފައެވެ. ޕޯޗުގަލް އަށް ދެން އޮތީ އަންނަ ހޯމަ ދުވަހު ރަށުން ބޭރުގައި ޔުކްރޭންއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން ޕޯޗުގަލް އަތުން ޔުކްރޭން ބަލިނުވެ ނިންމާލެވިއްޖެނަމަ، އަންނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުން ޖާގަ އެ ޓީމަށް ކަށަވަރުވެގެންދާނެއެވެ.