ޔޫރޯ ކޮލިފައިންގައި ރޭ ދުނިޔޭގެ ޗެމްޕިއަން ފްރާންސުން ރަށުން ބޭރުގައި އައިސްލެންޑް އަތުން 1-0 އިން މޮޅުވިއިރު، ޗެކް ރިޕަބްލިކް އަތުން 2-1 އިން ބަލިވެ އިންގްލެންޑުން ވޭތުވެދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ކޮލިފައިން ބުރުގައި ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ނިމުމަކަށް އަތުވެއްޖެއެވެ.

ރޭގެ ނަތީޖާއާއެކު އިންގްލެންޑް ވަނީ އަންނަ އަހަރުގެ ޔޫރޯ އަށް ކޮލިފައިވުމަށް އިތުރު އިންތިޒާރެއް ކުރަން ޖެހިފައެވެ. އެކަމަކު، އިންގްލެންޑުން ކުރިއަށް އޮތް ބަލްގޭރިއާ މެޗުން މޮޅުވެ، މޮންޓެނީގްރޯ އަތުން ކޮސޮވޯ އަށް މޮޅުނުވެވިއްޖެނަމަ އެ ޓީމު ކޮލިފައިވާނެއެވެ. ގްރޫޕް އޭގެ އެންމެ ކުރީގައި އުޅޭ އިންގްލެންޑް އަދި ޗެކް ރިޕަބްލިކަށް މިހާތަނަށް 12 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ކޮސޮވޯ އަށް ލިބިފައިވަނީ 8 ޕޮއިންޓެވެ.

ޗެކް ރިޕަބްލިކްގެ ޕްރާގުގައި ރޭ ކުޅުނު މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ކުރީން ލީޑްނެގީ އިންގްލެންޑުންނެވެ. މިއީ އިންގްލެންޑްގެ ރަހީމް ސްޓާލިން އަށް ޗެކް ރިޕަބްލިކްގެ ލޫކަސް މަސޮޕުސްޓް އެ ޓީމުގެ ޕެނަލްޓީއޭރިޔާތެރޭގައި ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން އިންގްލެންޑްގެ ކެޕްޓަން ހެރީ ކޭން ކާމިޔާބުކުރި ގޯލެކެވެ. 

އޭގެ ހަތަރު މިނެޓު ފަހުން ޔާކޫބް ބްރަބެޗްގެ ގޯލުން ޗެކް ރިޕަބްލިކް އެއްވަރުކުރިއިރު، އެ ޓީމުން މޮޅުވި ލަނޑު، މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ޖަހައިދިނީ ފަހު ހާފުގައި ކުޅެން ނިކުތް ޑެނެކް އޮންޑްރަސެކް އެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ބުނީ އެންމެ މަތީ ފެންވަރުގެ ޓީމަކަށް ވުމަށްޓަކައި އެ ޓީމުުން އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށާއި، ރޭގެ މެޗުން ފެނުނު ނަތީޖާ އަކީ އޭގެ ހެއްކެއްކަމަށެވެ.

އައިސްލެންޑްއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުގައި އެ ޓީމުގެ ހަމައެކަނި ލަނޑު، މެޗުގެ 66 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އޮލިވިއޭ ޖިރޫ އެވެ. މީގެއިތުރުން، އެ ޓީމުގެ ލީޑް ފުޅާކުރުމަށް ބްލެއިޒް މަޓުއިޑީ އާއި ވިސާމް ބެންޔެޑާގެ އިތުރުން އެންޓޮއިން ގްރީޒްމަން އަށް ރަނގަޅު ފުރުޞަތުތަކެއްލިބި ވަނީ ބޭކާރުވެފައެވެ.

ގްރޫޕް އެޗްގައި ހިމެނޭ ފްރާންސުން ރޭގެ މެޗުން މޮޅުވެ ހަތް މެޗުން 18 ޕޮއިންޓް ހަމަކުރިއިރު، މި ގްރޫޕްގައި ހިމެނޭ ތުރުކީ ވަނީ އަމިއްލަ ދަނޑުގައި 1-0 އިން އަލްބޭނިއާ ބަލިކޮށް މި އަދަދަށް ޕޮއިންޓް ހަމަކޮށްފައެވެ. ގޯލްގެ ތަފާތުން މިވަގުތު ކުރީގައި އުޅެނީ ތުރުކީ އެވެ. ތިންވަނައިގައި އޮތް އައިސްލެންޑަށް ލިބިފައިވަނީ 12 ޕޮއިންޓެވެ.

ކޮލިފައިންގައި ރޭ ކުޅުުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، މޮންޓެނީގްރޯއާ ދެކޮޅަށް ބަލްގޭރިއާ ކުޅުނު މެޗު ދެ ޓީމަށް ލަނޑެއްނުޖެހި 0-0 އިން އެއްވަރުވިއިރު، އެންޑޯރާ ވަނީ 1-0 އިން މޮލްޑޯވާ ބަލިކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.