2020 ވަނަ އަހަރު ބާއްވާ ޔޫރޯ އަށް ކޮލިފައިވުމަށް ރޭ ކުޅެވުނު މެޗުގައި އަމިއްލަ ދަނޑުގައި ސެން މެރީނޯ އަތުން 9-0 އިން މޮޅުވެ އެ މުބާރާތުގެ ފުރަތަމަ ޖާގަ ބެލްޖިއަމުން ކަށަވަރުކޮށްފިއެވެ.

ރޭގެ ނަތީޖާއާއެކު ގްރޫޕް އައި ގައި ހިމެނޭ ބެލްޖިއަމުން އެ މުބާރާތަށް ކޮލިފައިވީ ބާކީ ތިން މެޗު އޮއްވައެވެ. އެ ޓީމު ވަނީ މިހާތަނަށް ކުޅުނު ހަތް މެޗުގައި ސައްތައިގެ ރެކޯޑަކާއެކު 21 ޕޮއިންޓް ހަމަކޮށްފައެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތް ރަޝިއާ ވަނީ 4-0 އިން ސްކޮޓްލެންޑް ބަލިކޮށް ކޮލިފައިވުމާއި ގާތަށް ޖެހިލައިފައެވެ.

ބެލްޖިއަމްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ހަ ގޯލް ޖަހާފައެވެ. ފަހު ހާފުގައި ބެލްޖިއަމުން ޖެހި ތިން ލަނޑާއެކު މީގެކުރީން އެ ޓީމުން އެންމެ ގިނަ ލަނޑުޖެހި މެޗުގެ ސްކޯލައިންއާ ވަނީ ހަމަހަމަކޮށްފައެވެ. ރޭގެ މެޗުގައި އެ ޓީމުގެ ފޯވާޑް ރޮމެލޫ ލުކާކޫ ދެ ލަނޑުޖެހިއިރު، އަނެއް ލަނޑުތައް ޖަހައިދިނީ ނާސެރް ޗެޑްލީ، ޔެރީ ވެސްޝައެރަން، ޔޫރީ ޓިލަމެންސް، ކްރިސްޓިއަން ބެންޓެކޭ އަދި ޓޮބީ އަލްޑަވިރެލްޑްގެ އިތުރުން ޓިމޮތީ ކަސްޓާނިއޭ އެވެ. އެ ޓީމުގެ އަނެއް ލަނޑަކީ ސެން މެރީނޯގެ ކްރިސްޓިއަން ބްރޮލީ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ބެލްޖިއަމްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ވަނީ ރަޝިއާގައި ބޭއްވުނު އެންމެ ފަހުގެ ވޯލްޑްކަޕްގައި ފެނިގެންދިޔަ ޓީމަށްވުރެ އޭނާގެ ޓީމު މާ ވަރުގަދަ ކަމަށާއި، ކުރިއަށްވުރެ ތަޖުރިބާ ވެސް ބޮޑު ކަމަށް ބުނެފައެވެ.

ކޮލިފައިންގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކުގެ ތެރޭގައި، ނެދަލެންޑްސް ވަނީ އަމިއްލަ ދަނޑުގައި ފަހުވަގުތު ކާމިޔާބުކުރި ލަނޑުތަކުން ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ނޮދަން އަޔަލެންޑް ބަލިކޮށްފައެވެ. އެ ޓީމުގެ މެމްފިސް ޑިޕާއީ ދެލަނޑުޖެހިއިރު އަނެއް ލަނޑުޖަހައިދިނީ ލޫކް ޑި ޔޮން އެވެ. ނޮދަން އަޔަލެންޑްގެ ހަމައެކަނި ލަނޑުޖަހައިދިނީ ޖޯޝް މަގެނިސް އެވެ.

ރޭގެ މޮޅާއެކު ކޮލިފައިންގެ ގްރޫޕް ސީ ގައި ހިމެނޭ ނެދަލެންޑްސް އާއި ޖަރުމަންގެ އިތުރުން ނޮދަން އަޔަލެންޑަށް މިހާތަަނަށް ކުޅުނު ފަސް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ.

ކޮލިފައިންގެ ގްރޫޕް އީ ގައި ހިމެނޭ އެންމެ ފަހުގެ ވޯލްޑްކަޕްގެ ރަނަރަޕް ކްރޮއޭޝިއާ ރޭ ކުޅުނު މެޗުގައި 3-0 އިން ހަންގޭރީ ބަލިކުރިއިރު، މި ގްރޫޕްގައި ހިމެނޭ ވޭލްސްއާ ދެކޮޅަށް ސްލޮވޭކިއާ ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. ލެޓްވިއާ އަތުން ރަށުން ބޭރުގައި 3-0 އިން ޕޯލެންޑް މޮޅުވިއިރު، އޮސްޓްރިއާ ވަނީ 3-1 އިން އިޒްރޭލް ބަލިކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.