ކައުންސިލްތަކުގެ އުމުރު ތިން އަހަރުން ފަސް އަހަރަށް ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ނިންމައިފިއެވެ.

މިގޮތަށް ނިންމައި، އެޓާނީ ޖެނެރަލް އޮފީހުން ވަނީ، ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ލޯކަލް ކައުންސިލްތައް ބާރުވެރިކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށާއި، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހެޅުމަށް އެކުލަވާލާފައިވާ ދެ ބިލް ރައީސް އޮފީހަށް ފޮނުވާފައެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ވިދާޅުވީ، މި ގާނޫނު އިސްލާހުކުރުމުގެ ބޭނުމަކީ ލޯކަލް ކައުންސިލަތަކަށް ގާނޫނުން ލިބިދީފައިވާ ބާރުތައް އެ ކައުންސިލަށް ދޫކޮށްލައި، ކައުންސިލްތައް ޒިންމާދާރު ކުރުވުން ކަމަށެވެ.

މީގެ އިތުރުން  ކައުންސިލްތަކަކީ އުފެއްދުންތެރި، ރައްޔިތުންނާއި ގާތުން މަސައްކަތް ކުރާ ބަޔަކަށް ހެދުމަކީވެސް އެ ޤާނޫނު އިސްލާހު ކުރުމުގެ ބޭނުމެއް ކަމަށް އޭޖީ އޮފީހުން ވިދާޅުވެފައިވެއެވެ.

މި އިސްލާހުގެ ތެރޭގައި އަތޮޅު ކައުންސިލުތަކުގެ މެމްބަރުން ކަމުގައިވާނީ ކޮންމެ ރަށެއްގެ ރަށު ކައުންސިލްގެ ރައީސުން ކަމުގައި ކަނޑައެޅުން ހިމެނެއެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ރައީސުންނާއި ނައީބު ރައީސުން އިންތިހާބުކުރާނީ ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމުގައި ކަނޑައެޅުން ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.