ރާއްޖޭގައި އިސްލާމްދީން އޮތް ގޮތުގެ މައްޗަށް ކަމަށް ބުނެ މޯލްޑިވިއަން ޑިމޮކްރެޓިކް ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގައި އިސްލާމްދީނާއި ރަސޫލާއަށް ނިސްބަތްކޮށް ފުރައްސާރަ ކުރި މައްސަލައިގައި ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކަށަވަރުކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އެމްޑީއެންގެ ރިޕޯޓް ކުށްވެރި ކުރައްވާ މިއަދު ނެރުއްވި ނޫސް ބަޔާނެއްގަ އެވެ.
ރައީސްގެ ބަޔާނުގައި ވިދާޅުވީ ގާނޫނު އަސާސީީގެ 10 ވަނަ މާއްދާގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށާއި އިސްލާމްދީނަކީ ގާނޫނު އަސާސީގެ މައިގަނޑު މަސްދަރުކަމުގައި ބަޔާންވެފައިވާއިރު އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ވެރިކަން ހިންގާ އެ ދީން ހިމާޔަތް ކުރުމަކީ ދިވެހި ރާއްޖޭގެ އެންމެ މަތީވެރިޔާއަށް ގާނޫނު އަސާސީން ލާޒިމު ކޮށްފައިވާ ކަމެއް ކަމަށެވެ.
ރައީސް ވިދާޅުވީ، އެ މައްސަލަ ބަލައި، ދިވެހި މުޖްތަމައުގައި ގާއިމުވެފައި މި އޮތް ހަމަޖެހުމާއި، ދީނީ އެއްބައިވަންތަކަމާއި، އަމަން އަމާންކަން ދެމެހެއްޓުމަށްޓަކައި ގާނޫނީ ގޮތުން އަަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.
ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް" އެ ނަމުގައި އެންޑީއެމުން ނެރެފައިވާ ރިޕޯޓްގައި އިސްލާމްދީނުގެ އަސްލުތަކާއި ފުށުއަރާ، އަދި އިސްލާމްދީނާއި ރަސޫލާއަށް ތަވްހީނުވާ ފަދަ ބައެއް ވާހަކަތައް ހިމެނިފައިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަަމަށްވެސް ރައީސްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.