އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި އަމިއްލަ ދަނޑުގައި ވުލްވްސް އަތުން 2-0 އިން މެންޗެސްޓާ ސިޓީ ބަލިވެ، ލިވަޕޫލާ ދެމެދު 8 ޕޮއިންޓްގެ ފަރަގެއް އޮތްނަމަވެސް، އެ ޓީމާ އަރާ ހަމަކުރެވޭނެކަމަށް ގަބޫލުކުރާކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ބައިނަލްއަގުވާމީ މެޗުތަކަށް ލީގުގެ ކުޅުން މެދުކަނޑާލާއިރު، ސައްތަ އިން ސައްތައިގެ ރެކޯޑަކާ އެކު ލީގުގެ އެއް ވަނައިގައި އޮތީ ކުޅުނު އަށް މެޗުން ވެސް މޮޅުވެ 24 ޕޮއިންޓް ހަމަކޮށްފައިވާ ލިވަޕޫލް އެވެ. އޭގެ އަށް ޕޮއިންޓް ފަހަތުން ސިޓީ އޮތީ ދެ ވަނައިގަ އެވެ. ތިންވަނައިގައި އޮތް އާސެނަލަށް 15 ޕޮއިންޓް ލިބިފައިވާއިރު، ހަތަރުވަނައިގައި އޮތީ 14 ޕޮއިންޓާއެކު ލެސްޓާ ސިޓީ އެވެ.

ލީގުގެ ރޭހުގައި ސީޒަނުގެ މިހާ ކުރީކޮޅު ސިޓީއާ ތާވަލްގެ އެންމެ ކުރީގައި އުޅޭ ލިވަޕޫލްއާ ދެމެދު ފުދޭވަރެއްގެ ބޮޑު ފަރަގެއް އޮތުމަކީ އެހާ ބޮޑަށް ކަންބޮޑުވެ ހާސްކަމާ ކުރިމަތިލާންޖެހޭވަރުގެ ކަމެއް ނޫނެވެ. އެހެނީ، މީގެކުރީން ތިން ފަހަރެއްގެ މަތީން ސިޓީން ލީގު ކާމިޔާބުކޮށްފައިވަނީ ފަހަތުން އަރައި ކުރިހޯދައިގެން ކަމަށްވާތީވެއެވެ.

ސިޓީން ރޭގެ މެޗަށް ނިކުތްއިރު، ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެ ޓީމުގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑި ބްރައިނާގެ ފައިގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ނުކުޅެވުމެވެ. މީގެއިތުރުން، އެ ޓީމުގެ ޑިފެންސްލައިންގައި ހަރަކާތްތެރިވަމުން އަންނަ އައިމެރިކް ލަޕޯޓް އާއި ޖޯން ސްޓޯންސް އަދި ބެންޖަމިން މެންޑީ ވެސް މިވަގުތު ހުރީ އަނިޔާގައެވެ.

ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލަނޑުޖަހައިދިނުމަށް ކައިލް ވޯކާގެ އިތުރުން ރަހީމް ސްޓާލިން ފޮނުވާލި ހަމަލާތައް ވުލްވްސްގެ ޕޯޗުގަލް ކީޕަރު ރުއީ ޕެޓްރީސިއޯ މަތަކުރިއިރު، މެޗުގެ ކުރީކޮޅު ވުލްވްސްގެ ޕެޓްރިކް ކުޓްރޯނޭ އަށް ވަނީ ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. އެ ޓީމުގެ އަޑަމާ ޓްރައޯރޭ ދިން ބޯޅައަކުން ކުޓްރޯނޭ ފޮނުވާލި ހަމަލާ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. އޭގެފަހުން، ވުލްވްސްގެ ފޯވާޑް ރައުލް ހިމެނޭޒް ފޮނުވާލި ބޯޅަ ސިޓީގެ ފެނާންޑީނިއޯ ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު، ސިޓީ އަށް ލިބުނު ހިލޭޖެހުމަކުން އެ ޓީމުގެ ކެޕްޓަން ޑޭވިޑް ސިލްވާ ފޮނުވާލި ހަމަލާއެއް ގޯލްގެ ހުރަސްދަނޑިއަށް އަމާޒުވެފައިވާއިރު، އޭގެފަހުން ބެނާޑޯ ސިލްވާ އާއި އޮލެކްސެންޑަ ޒިންޗެންކޯ ފޮނުވާލި ބޯޅަތައް ވުލްވްސްގެ ކުޅުންތެރިން ވަނީ ދިފާއުކޮށްފައެވެ. ވުލްވްސްގެ ފުރަތަމަ ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ހިމެނޭޒް ދިން ބޯޅައަކުން ޓްރައޯރޭ ޖެހިއިރު، މެޗުގެ އިތުރުވަގުތުގައި އެ ޓީމުގެ ދެވަނަ ލަނޑުވެސް ޖެހީ ޓްރައޯރޭ އެވެ. މިލަނޑުޖެހުމަށް އެހީތެރިވެދިނީވެސް ހިމެނޭޒް އެވެ.

ރޭގެ މެޗަށްފަހު ވާހަކަ ދައްކަމުން ސިޓީގެ ކޯޗު ގާޑިއޯލާ ބުނީ މިއީ އޭނާގެ ޓީމަށް އެންމެ ރަނގަޅު ދުވަހެއް ނޫން ކަމަށާއި، ވުލްވްސްގެ ފަރާތުން ފެނުނު ކުޅުމަށް ތައުރީފް ހައްގުވާ ކަމަށެވެ. އޭނާ އިތުރަށް ފާހަގަކުރިގޮތުގައި ސިޓީގެ ޑިފެންސްގައި މިހާރު ކުޅެމުން އަންނަ ފެނާންޑީނިއޯ އާއި ނިކޮލަސް އޮޓަމެންޑީގެ ކުޅުން ގޯސް ނޫން ކަމަށާއި، މިއަދު ސިޓީ ކުޅުނީ އެމީހުންގެ ލެވެލްގައި ނޫން ކަމަށެވެ.

ގާޑިއޯލާ ވަނީ އޭނާގެ ޓީމަށް ތާވަލްގެ އެންމެ ކުރީގައި އުޅޭ ލިވަޕޫލް އަތުލެވޭނެ ކަމަށާއި، މީގެކުރީން ކުޅުނު މެޗުތަކުގައި ފެނިގެންދިޔަ ފަދަ މޮޅު ކުޅުމާއެކު ބައިނަލްއަގުވާމީ މެޗުތަކަށްފަހު ލީގުގެ ކުޅުން އަލުން ފަށާއިރު، ފެންނާނެ ކަމަށް އުއްމިދުކުރާކަމަށް ބުނެފައެވެ. އަދި ސީޒަނުގައި މިހާތަނަށް އައިއިރު ލިވަޕޫލުން އެއްވެސް މެޗަކުން ބަލިވެފައިނުވީނަމަވެސް ސިޓީ އަށް ކުރި ހުރި މެޗުކުގައި ނަތީޖާ ނެރެވިއްޖެނަމަ އެ ޓީމުގެ ކުރިއަށް އެރޭނެ ކަމަށެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، މެންޗެސްޓާ ޔުނައިޓެޑް ވަނީ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 1-0 އިން ބަލިވެ، ރެލިގޭޝަނާ ގާތަށް ޖެހިލާފައެވެ. މި މެޗުގައި 72 ވަނަ މިނެޓުގައި ނިއުކާސަލްގެ ލަނޑުޖަހައިދިނީ މެތިއު ލޯންގްސްޓާފް އެވެ. ރޭގެ މެޗަށްފަހު ޔުނައިޓެޑް އުޅެނީ ނުވަ ޕޮއިންޓާއެކު ތާވަލްގެ 12 ވަނައިގައެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން މިވަގުތު ތާވަލްގެ 18 ވަނައިގައި އޮތީ އެވަޓަން އެވެ.

ސައުތެމްޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗުން ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޗެލްސީ ވަނީ 4-1 އިން މޮޅުވެފައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ޓެމީ އެބްރެހަމް އާއި މޭސަން މައުންޓްގެ އިތުރުން އެންގޯލޯ ކާންޓޭ އަދި މިޝީ ބަޓްޝުއާޔީ އެވެ. ސައުތެމްޓަންގެ ހަމައެކަނި ލަނޑުޖަހައިދިނީ ޑެނީ އިންގްސް އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި، އާސެނަލް ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ބޯންމައުތު ބަލިކޮށްފައެވެ. ރޭގެ މެޗުގައި އެ ޓީމުން ޖެހި ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގައި ކާމިޔާބުކުރީ ޑޭވިޑް ލުއިޒް އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.