ނަފުރަތު އުފެދޭފަދަ ވާހަކަތައް ނުފެތުރުމަށާއި، އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ދީފިއެވެ.

މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯތް (އެމްޑީއެން) އިން ނެރެފައިވާ އިސްލާމް ދީނާއި ޚިލާފު ރިޕޯޓާއި ގުޅޭގޮތުން ރޭ ފުލުހުން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވަނީ، ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އުފެދޭފަދަ ވާހަކަތައް އެއްވެސް ފަރާތަކުން ނުފެތުރުމަށް އިލްތިމާސް ކުރާ ކަމަށާއި. ދީނީ އަދި ޤައުމީ  ވަހުދަތާއި އެއްބައިވަންތަކަމާއި، ނިޒާމު އާންމު ގެއްލޭފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް ދަންނަވާކަމަށެވެ.

"ޚާއްސަކޮށް ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އާއި ބައިބައިވުމާއި ނަފްރަތު އުފެދޭފަދަ ވާހަކަތައް އެއްވެސް ފަރާތަކުން ނުފެތުރުމަށާއި ދިވެހި ރައްޔިތުންގެ ދީނީ އަދި ޤައުމީ ވަހުދަތާއި އެއްބައިވަންތަކަމާއި، ނިޒާމު އާންމު ގެއްލޭފަދަ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުހިންގުމަށް ދަންނަވަމެވެ.

ފުލުހުން ވިދާޅުވީ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކާއި މެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު ފަސްޖެހުމެއް ނެތި އަޅާނެ ކަމަށެވެ.

މިރޭ ނެރުނު ނޫސް ބަޔާނުގައި ފުލުހުން އިތުރަށް ވިދާޅުވެފައި ވަނީ، އިސްލާމް ދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔުމާއި އިސްލާމީ އަޤީދާ އާއި ދީނުގެ އަސާސްތަކަށް ފާޑުކިޔުމަކާއި ކީރިތި ރަސޫލާ މުހައްމަދުއް ޞައްލަﷲ ޢަލައިހި ވަސައްލަމައަށް  ފުރައްސާރަކުރުން ފަދަ އިސްލާމް ދީނާއި އިދިކޮޅު ޢަމަލުތަކަކީ އެ އިދާރާއިން ސީރިއަސް މައްސަލަތަކުގެ ގޮތުގައި ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދީގެން ބަލައި ފިޔަވަޅު އަޅަމުންދާ މައްސަލަތަކެއް ކަމަށެވެ.

އެހެންކަމުން މޯލްޑިވްސް ޑިމޮކްރެސީ ނެޓްވޯތް (އެމްޑީއެން) އިން ނެރެފައިވާ ދީނާއި ޚިލާފު ރިޕޯޓާއި ގުޅޭ ފުރިހަމަ ތަހުޤީޤެއް ހިންގައި ޤާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެ އިދާރާއިން އަޅާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، އެމްޑީއެންގެ މައްސަލަ އެއިދާރާއަށް މިމަހުގެ 3 ވަނަ ދުވަހު ހުށަހެޅީ އާންމު ފަރާތަކުން ކަމަށެވެ. ނަމަވެސް ހަމަ އެ މައްސަލަ އެ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައި އިސްލާމިކް މިނިސްޓްރީންވެސް އެ އިދާރާއަށް ހުށަހަޅައިފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.