އަންނަ އަހަރުން ފެށިގެން މޯލްޑިވް ގޭހުގެ ކޮންމެވެސް ދެ މުވައްޒަފަކަށް ހައްޖު ދަތުރެއް ދިނުމަށް އެކުންފުނިން ނިންމައިފިއެވެ.

މޯލްޑިވް ގޭހުގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ހުޅުމާލޭގައި މިއަދު ބޭއްވި ހާއްސަ ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޝަޒައިލް ޝިޔާމް ވިދާޅުވީ، މޯލްޑިވް ގޭހުގެ މުވައްޒަފުންނަކީ އެ ކުންފުނީގެ އެންމެ ބޮޑު ރައުސުއްމާލު ކަމަށާއި، އެހެންކަމުން މުވައްޒަފުންގެ ކުރިއެރުމަށް އެކުންފުނިން ގިނަ ހަރަކާތްތަކެއް ރާވާފައިވާ ކަމަށެވެ.

"މި ކުންފުނީގެ އެންމެ ބޮޑު ރައުސުއްމާލަކީ އަޅުގަނޑުންމެ މުވައްޒަފުން. އަޅުގަނޑުމެންގެ މުވައްޒަފުންގެ ކުރިމަގަށް، ކުރިއެރުމަށް އަޅުގަނޑުމެންވާނެ ވަރަށް ގިނަ ކަންތައްތަކެއް ރާވާފައި، އެގޮތުން އަންނަ އަހަރުން ފެށިގެން މި ކުންފުނީގެ ކޮންމެވެސް ދެ މުވައްޒަފަކަށް ކުންފުނީގެ ހައްޖު ދަތުރެއް ދިނުމަށް މިވަނީ ނިންމާފަ" ޝަޒައިލް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަޒައިލް ވިދާޅުވީ، މިއަހަރު ތެރޭގައި މުވައްޒަފުންގެ މުސާރަ ބޮޑުކުރެވޭތޯ ބަލަމުން އަންނަ ކަމަށާއި، އިތުރު ބޯންސްތައް ތަޢާރަފް ކުރުމަށް މަޝްވަރާ ކުރެވެމުން އަންނަ ކަމަށެވެ.

"ސޭލްސް އިންޓެންސިވް( ސޭލްސް ބޯނަސް) ތަޢާރަފް ކުރެވި އޭގެ ނަފާވެސް މިދަނީ މުވައްޒަފުންނަށް ލިބެމުން. އިތުރު ބޯނަސްތައްވެސް ތައާރަފްކުރުމަށް މަޝްވަރާ ކުރަމުން މިދަނީ" އެމްޑީ ޝަޒައިލް ވިދާޅުވިއެވެ.

މޯލްޑިވް ގޭހުގައި އެންމެ މަދީ ޓެކްނިކަލް މުވައްޒަފުން ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި ސްކޮލަރޝިޕްތައް ހުޅުވާލައި، ރާއްޖެއިން ބޭރުން ޓެކްނިކަލް މުވައްޒަފުން ތަމްރީން ކުރަން ފަށާނެ ކަމަށްވެސް ޝަޒައިން ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެކުންފުންޏަކީ ޓެކްނިކަލް މުވައްޒަފުން ގިނަ ކުންފުންޏަކަށް ވާނެ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

މޯލްޑިވް ގޭހުގެ 20 ވަނަ އަހަރީ ކޭކު ފެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ގުރުއަތުން ހޮވުނު މުވައްޒަފުންނަށް "ސަޕްރައިޒް"އެއްގެ ގޮތުގައި ހަދިޔާތަކެއް ލިބިފައެވެ. އަދި އެ ކުންފުނިން ވަނީ އަހަރީ ދުވަހުގެ މުނާސަބާގައި، ކޮންމެ 20 ވަނަ ކަސްޓަމަރަކަށް ބައްލަވައިގަންނަ ހުރިހާ ތަކެއްޗެއް މުޅިން ހިލޭ ޕްރޮމޯޝަނެއް ފަށައިފައެވެެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.