މިދިޔަ މަހުގެ 20 ވަނަ ދުވަހު ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ގުދަނެއްގައި ރޯވެ ހިނގި ބޮޑު އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުންގެ ފަރާތުން އެއް މިލިއަން ރުފިޔާ ހަދިޔާ ކޮށްފި އެވެ.

ކެމިކަލް ގުދަނުގައި ރޯވެ، ހިނގި ބިރުވެރި އަލިފާނުގެ ހާދިސާގައި އެކަކު މަރުވެ، އެ ސަރަހައްދުގެ 26 ގެއަކަށް އެކިވަރުގެ ގެއްލުންވެ، 700 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާއިރު، ދެ ގެއެއް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާ ހުލިވެފައެވެ.

ރޭ ފެނަކަ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ފެނަކައިގެ މުވައްޒަފުންގެ ފަރާތުން އެއް މިލިއަން ރުފިޔާގެ ރަމްޒީ ފައިސާގެ ބޯޑު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސައީދު މުހައްމަދު ވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި ހަވާލުކުރައްވާފައެވެ.

އެ ރަސްމިއްޔާތުގައި ފެނަކައިގެ އިސްބޭފުޅުންނާއި ނޭޝަނަލް ޑިޒާސްޓާ އޮތޯރިޓީ (އެންޑީއޭ)ގެ އިސްބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ އަހުމަދު ސައީދު ވިދާޅުވީ، އެ ކުންފުނީގެ މުވައްޒަފުންކީ އަބަދުވެސް ނަމޫނާ ދައްކާ މުވައްޒަފުން ކަމަށެވެ. އަދި ޤައުމަށް ދިމާވާ ހިތާމަވެރި ހާދިސާތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ކުންފުނިން އަބަދުވެސް ތައްޔާރަށް އޮންނާނެ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

"މި ކުންފުންޏަކީ ނަމޫނާ މުވައްޒަފުން އުޅޭ ކުންފުންޏެއް. އެކަމަށްޓަކައި އަޅުގަނޑުގެ އިހްލާސްތެރި ޝުކުރު ހުރިހާ މުވައްޒަފުންނަށް އަރިސް ކުރަން" ސައީދު ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނޭޝަނަލް ޑިޒާސްޓާ އޮތޯރިޓީގެ ޗީފް އެކްޒެކިއުޓިފް އޮފިސަރ، ވިދާޅުވީ، އަލިފާނުގެ ހާދިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެންމެ ބޮޑު އެހީއެއްވީ ފެނަކައިން ކަމަށެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ހަ ގުދަނެއް ރޫޅާލައި، ތިން ގެއެއް މިހާރު ވަނީ ތަޅާލާފައެވެ. މީހުން ދިރިނޫޅެވޭ ވަރަށް އިތުރު ހަ ގެއަކަށް ގެންލުންވެފައިވާއިރު، ދިރިއުޅުމަށް ރައްކާތެރި ނަމަވެސް މަރާމާތުކުރަންޖެހޭ ހަ ގެއެއް ހިމެނެއެވެ.

އެ ހާދިސާގައި ހާލުގައި ޖެހުނު 100 އެއްހާ މީހުންނަށް އަދިވެސް އެންޑީއޭއިން ދަނީ، ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދެމުންނެވެ.

އަލިފާނުގެ ހާދިސާގައި ގެއްލުނު ލިބުނު ފަރާތްތަކަށް އެހީވުމަށް އެންޑީއެންއޭ އިން ވަނީ، ރިލީފް ފަންޑެއްވެސް ހުޅުވާފަ އެވެ. މިދިޔަ ހޯމަ ދުވަހާއި ހަމައަށް އެ ފަންޑަށް 1.3 މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ ވަނީ ލިބިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.