ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހުގެ ރޭ، ލ. ކައްދޫން، އެއަތޮޅު މާމެންދޫ އަށް ދަތުރު ކުރަނިކޮށް ބަންޑުން ޖަހާލި ކަމަށް ބުނާ ޑިންގީން ގެއްލުނު އުމުރުން 19 އަހަރުގެ އައިމިނަތު ޝިމާ ނާފިޒުގެ ހަބަރެއް ނުވާތާ މިހާރު ހަތް މަހާ އަށް ދުވަސް ވެފައިވާއިރު، ޝިމާގެ ތަހުޤީޤު ގޮސްފައިވާ ހިސާބު ހާމަކުރުމަށް ގޮވާލާ މީސްމީޑިޔާގައި ވަރުގަދަ ކެމްޕޭނެއް ފަށައިފިއެވެ.

ޝިމާ ހޯދުމުގެ މަސައްކަތް ފުލުހުން އަދިވެސް ކުރަމުން އަންނައިރު، މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުންގެ ޑިވިޝަނަލް ކޮމާންޑުގެ ހެޑް، އެސިސްޓެންޓް ކޮމިޝަނާ އަބްދުﷲ ފައިރޫޝް ވިދާޅުވީ، ޝިމާ އިތުރު ތަނަކަށް ގެންގޮސް، ނޭއްގާނީ އަމަލެއް ހިންގާފައިވާ ކަމަށް މިހާތަނަށް ތަހުޤީޤުން ނުދައްކާ ކަމަށާއި، ނަމަވެސް ޝިމާ ގެއްލުނު ހާދިސާގައި ޝައްކު ކުރެވޭ ކަންތަައްތަކެއް އެބަހުރި ކަމަށެވެ. އަދި ޝިމާގެ މައްސަލައިގައި އެންމެ ބޮޑަށް ތުހުމަތު ކުރެވޭ، ފަޒީލް ދައްކާ ބައެއް ވާހަކަތައް ދިމާ ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ފައިރޫޝް ވިދާޅުވީ، ޝިމާ ޑިންގީގައި ދިޔައީ ގަދަކަމުން ކަމަށް ނުބެލެވޭ ކަމަށް ފަޒީލް އާއެކު ޝިމާ ފުރަން ދާ މަންޒަރު ފެންނަ ބައެއް ސީސީޓީވީ ފުޓޭޖު ތަކުން ހާމަވާ ކަމަށެވެ.

ޝިމާގެ މައްސަލައިގައި ފަޒީލް ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް ފަހު ދޫކޮށްލާފައިވާއިރު، މާރިޗް މަހުގެ 10 ވަނަ ދުވަހު ޝިމާގެ ކޮއްކޮ ގޮވައިގެން ގުރޫޕަކުން ފިލަން އުޅުނު މައްސަލައެއްގައި ކަނޑުމަތިން ހައްޔަރު ކުރި މީހުންގެ ތެރޭގައި ވެސް ފަޒީލް ހިމެނުނެވެ. 

ފަޒީލް ބުނާ ގޮތުން ނަމަ ޝިމާ ގެއްލުނީ ސިކްސް ސެންސަސް ރިސޯޓާ ދިމާލު ކަނޑުއޮޅީގައި ތެޔޮ އަޅަން މަޑުކޮށްގެން އޮއްވާ ޑިންގީ ބަންޑުން ޖަހާލުމުންނެވެ. އަދި އެހާދިސާގައި ފަޒީލް ސަލާމަތްވީ އޭނާ ފަތާގައި ގޮސް އެ ރިސޯޓަށް އެރުމުން ކަމަށް އޭނާ ބުނެއެވެ.

ޝިމާއަށް ވީ ގޮތެއް ހޯދުމަށާއި، ޝިމާގެ ތަހުޤީޤު އަވަސްކޮށްދިނުމަށް އެދި ޝިމާގެ އާއިލާއިން ވަނީ ރައީސް ޞާލިހާވެސް ބައްދަލު ކުރައްވާފައެވެ.

މިއަދާއި ހަމައަށްވެސް ޝިމާގެ އެއްވެސް ހަބަރެއް ނުވާތީ، މީސް މީޑިޔާގެ އެކި މަންސަތަކުގައި އެކު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ޓްވިޓަރގައި ގިނަ ބަޔަކު ދަނީ FindShima# ގެ ނަމުގައި ޝިމާގެ ތަހުޤީޤު ގޮސްފައިވާ ހިސާބު ހާމަކޮށްދިނުމަށް ގޮވާލާ ބޮޑު ކެމްޕޭނެއް ކުރިއަށް ގެންދަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.