އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ގެބޯންގެ ފޯވާޑް ޕިއޭރް-އެމެރިކް އޯބަމަޔަން ކާމިޔާބުކުރި ގޯލާއެކު އާސެނަލުން ރަށުން ބޭރުގައި މެންޗެސްޓާ ޔުނައިޓެޑާ 1-1 އިން އެއްވަރުކޮށްފިއެވެ.

މިއީ ލީގުގައި ޔުނައިޓެޑުން އެންމެ ފަހުން ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅުނުވެ ނިންމާލަން ޖެހުނު ތިންވަނަ މެޗެވެ. ދެ މެޗުން އެއްވަރުވިއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ. މޮޅުވީ އެންމެ މެޗަކުންނެވެ. މީގެއިތުރުން، މިއީ އާސެނަލް ވެސް އެންމެ ފަހުން ލީގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން އެއްވަރުވި ތިންވަނަ މެޗެވެ. މޮޅުވީ އެންމެ މެޗަކުންނެވެ.

މިއާއެކު މިފަހަރުގެ ސީޒަން ވެފައިވަނީ 1989 ވަނަ އަހަރުގެ ފަހުން އިނގިރޭސި ލީގުގެ ތާރީޚުގައި ޔުނައިޓެޑުން އެންމެ ދަށްކޮށް ފެށި ސީޒަނަށެވެ. އެ ޓީމުން މި ސީޒަނުގައި ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗުގައި ނުވަ ލަނޑުޖެހިއިރު، އޭގެތެރެއިން ހަތަރު ގޯލް ފެނިގެންގޮސްފައިވަނީ ޗެލްސީއާ ދެކޮޅަށް ކުޅެވުނު ފުރަތަމަ މެޗުގައެވެ.

ރޭގެ ނަތީޖާއާއެކު އާސެނަލުން 12 ޕޮއިންޓް ހަމަކޮށް ތާވަލްގެ ހަތަރުވަނަ އަށް ޖެހިލިއިރު، ޔުނައިޓެޑް އޮތީ ހަތް މެޗުން ނުވަ ޕޮއިންޓާއެކު 10 ވަނައިގައެވެ. ލީގުގެ އެއްވަނައިގައި އޮތް ލިވަޕޫލަށް 21 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ފަސް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ މެންޗެސްޓާ ސިޓީ އެވެ. ތިންވަނައިގައި އޮތް ލެސްޓާ ސިޓީ އަށް ލިބިފައިވަނީ 14 ޕޮއިންޓެވެ.

އާސެނަލުން ރޭގެ މެޗަށް ނިކުތީ ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން 3-2 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރަ އަށް ދެ ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެ މެޗުގެ ފުރަތަމަ ހާފުގައި ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލި އައިންސްލީ މެޓްލަން-ނައިލްސްގެ ބަދަލުގައި ކެލުމް ޗެމްބާސް އަށް ފުރުޞަތުދީފައިވާއިރު، އެ މެޗުގައި ފުރަތަމަ އެގާރައިގައި ހިމެނުނު ޑެނީ ސެބަޔޯސްގެ ބަދަލުގައި ރޭގެ މެޗުން ޖާގަ ދީފައިވަނީ ލޫކަސް ޓޮރޭރާ އަށެވެ.

ޔުނައިޓެޑުން ރޭގެ މެޗަށް ނިކުތްއިރު ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން 2-0 އިން ބަލިވި މެޗުގެ ފުރަތަމަ އެގާރަ އަށް ތިން ބަދަލެއް ގެނެސްފައިވެއެވެ. އެގޮތުން، އެ މެޗުގައި ކުޅުނު އާރޮން ވަން-ބިސާކާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން އެކްސެލް ޓުއަންޒީބޭ އަށް ރޭގެ މެޗުން ޖާގަ ދީފައިވާއިރު، އަނިޔާ އަށް ފަހު އެ ޓީމުގެ ޕައުލް ޕޮގްބާ އާއި ޖެސޭ ލިންގާޑަށް ރޭގެ މެޗުން ފުރުޞަތުންދީފައިވެއެވެ.

އޯލްޑް ޓްރެފޯޑްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ލަނޑުޖެހުމަށް މާގިނަ ފުރުޞަތުތަކެއް ލިބިފައިނުވީނަމަވެސް، މި ހާފުގެ އެންމެ ފަހު މިނެޓުގައި ޔުނައިޓެޑަށް ލީޑްނަގައިދިނީ ސްކޮޓް މެކްޓޮމިނޭ އެވެ. އޭގެކުރީން، އާސެނަލަށް ލީޑްނަގައިދިނުމަށް އެ ޓީމުގެ ބުކަޔޯ ސާކާ އާއި މަޓެއޯ ގެންޑޫޒީ އަށް ލިބުނު ފުރުޞަތުތަކުގައި ފޮނުވާލި ދެ ހަމަލާވެސް ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެ ހެއާ މަތަކުރިއެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން 13 ވަރަކަށް މިނެޓުގެތެރޭގައި އާސެނަލްގެ ފޯވާޑް އޯބަމަޔަން ގޯލެއް ކާމިޔާބުކުރިއެވެ. ނަމަވެސް، އެސިސްޓެންޓް ރެފްރީ އޮފްސައިޑްކަމަށް ނިންމާފައިވަނިކޮށް މެޗުގެ ރެފްރީ ވަނީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށްފަހު ގޯލެއް ކަމަށް ނިންމާފައެވެ. މިއީ އާސެނަލްގެ ޒުވާން ކުޅުންތެރިޔާ ސާކާ ދިން ބޯޅައަކުން އޯބަމަޔަން ކާމިޔާބުކުރި ގޯލެކެވެ. މިއީ ލީގުގައި އޭނާ ކާމިޔާބުކުރި ހަތްވަނަ ލަނޑެވެ. އޭގެފަހުން، ޔުނައިޓެޑް މޮޅުކޮށްދިނުމަށް ހެރީ މެގުއާގެ އިތުރުން މާކަސް ރަޝްފޯޑް ހިލޭޖެހުމަކުން ފޮނުވާލި ބޯޅަ އާސެނަލްގެ ކީޕަރު ބާންޑް ލެނޯ މަތަކުރިއެވެ.

ލީގުގައި އާސެނަލް އަށް ދެން އޮތީ އަންނަ އާދީއްތަ ދުވަހު އަމިއްލަ ދަނޑުގައި ބޯންމައުތުއާ ބައްދަލުކުރާ މެޗެވެ. ހަމަ އެދުވަހު ޔުނައިޓެޑް ނިކުންނާނީ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.