އިނގިރޭސި ޕްރިމިއާ ލީގުގައި އިއްޔެ ކުޅުނު މެޗުގައި ރަށުން ބޭރުގައި ޝެފީލްޑް ޔުނައިޓެޑް 1-0 އިން ބަލިކޮށް ލިވަޕޫލުން ވަނީ ލީގުގައި މިހާތަނަށް ކުޅުނު ހަތް މެޗު ކާމިޔާބުކޮށް، ސައްތައިގެ ރެކޯޑާއެކު އެ ޓީމުގެ ލީޑް ދަމަހައްޓާފައެވެ.

މިއާއެކު ލިވަޕޫލްގެ ތާރީިޚުގައި ދެވަނަ ފަހަރަށް ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވެފައިވާއިރު، އެ ޓީމު ވަނީ ޕްރިމިއާ ލީގުގައި މޮޅުވުމުގެ ސިލްސިލާގައި ވިދިވިދިގެން 16 މެޗު ހަމަކޮށްފައެވެ.

މި ނަތީޖާއާއެކު އެއްވަނައިގައި އޮތް ލިވަޕޫލަށް ހަތް މެޗުން 21 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ފަސް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ރޭ އެވަޓަން އަތުން 3-1 އިން މޮޅުވި މެންޗެސްޓާ ސިޓީ އެވެ. ތިންވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް 12 ޕޮއިންޓް ލިބިފައިވާއިރު، ޓޮޓެންހަމް ހޮޓްސްޕާ އޮތީ 11 ޕޮއިންޓާއެކު ތާވަލްގެ ހަތަރުވަނައިގައެވެ.

ޝެފީލްޑްގެ ބްރަމަލް ލޭންގައި ގަދަ ވާރޭ ތެރޭގައި ރޭ ކުޅުނު މި މެޗުގައި ލިވަޕޫލަށް އުނދަގޫތައް ކުރިމަތިވެފައިވާއިރު، ޝެފީލްޑްގެ ގޯލަށް އަމާޒުކޮށް އެ ޓީމަށް ހަމަލާއެއް ފޮނުވާލެވުނީ މެޗުގެ ދެވަނަ ހާފުގައެވެ. އެކަމަކު، މި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުގެ ސެނެގޯލް ފޯވާޑް ސަޑިއޯ މާނޭ ފޮނުވާލި ހަމަލާއެއް ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވެފައިވެއެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، މެޗުގެ 70 ވަނަ މިނެޓުގައި ޝެފީލްޑްގެ ގޯލްކީޕަރު ޑީން ހެންޑަސަން އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ނެދަލެންޑްސްގެ މިޑްފީލްޑަރު ޖޯޖީނިއޯ ވައިނަލްޑަމް އެވެ. ޕެނަލްޓީއޭރިޔާ ބޭރުން ވައިނަލްޑަމް ޖެހި ބޯޅަ ޝެފީލްޑްގެ ކީޕަރު ހެންޑަސަން ހިފަން އުޅުމުގެ ތެރޭގައި އޭނާ އަތުން ދޫވެގެން ވަނީ ގޯލަށެވެ. އޭގެފަހުން، ލިވަޕޫލްގެ ލީޑް ފުޅާކުރުމަށް މިސްރުގެ މުހައްމަދު ސަލާހު އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ހެންޑަސަން މަތަކުރިއެވެ.

ލިވަޕޫލުން މި ލަނޑުޖެހުމުގެ ކުރީން، ޝެފީލްޑްގެ އޮލިވާ ނޯވުޑަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ހަމަލާ ލިވަޕޫލްގެ ކީޕަރު އެޑްރިއަން މަތަކުރިއިރު، ޝެފީލްޑްގެ ޖޯން ފްލެކް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ލިވަޕޫލްގެ އެންޑްރޫ ރޮބަޓްސަން ވަނީ ދިފާއުކޮށްފައެވެ.

ގުޑިސަން ޕާކްގައި ރޭ ކުޅުނު މެޗަށް ސިޓީން ނިކުތްއިރު ލިވަޕޫލުން އޮތީ ލީގުގައި އެއްވަނައިގައި އަށް ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އެހެންކަމުން، ލީގު ކާމިޔާބުކުރުމަށްޓަކައި ކިރިޔާވެސް އުއްމީދެއް އޮތީ އެވަޓަން ބަލިކޮށްގެންނެވެ. އެގޮތުން، ރޭގެ މެޗުގެ 24 ވަނަ މިނެޓުގައި ގެބްރިއެލް ޖެސޫސް ގެ ގޯލުން ސިޓީ ލީޑްނަގާފައިވަނިކޮށް، އޭގެ ނުވަ މިނެޓުފަހުން އެވަޓަން އަށް ނަތީޖާ ހަމަހަމަކޮށްދިނީ ޑޮމިނިކް ކެލްވަޓް-ލުވިން އެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. 

ސިޓީ އަށް ދެވަނަ ފަހަރަށް ލީޑްނަގައިދިނީ މެޗުގެ 71 ވަނަ މިނެޓުގައި ގޯލާއި 20 ޔާޑް ދުރުން ފޮނުވާލި ހިލޭޖެހުމަކުން އަލްޖީރިއާގެ ވިންގާ ރިޔާދު މާރޭޒް ކާމިޔާބުކުރި ގޯލުންނެވެ. އެ ޓީމަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް އިނގިރޭސި ވިންގާ ރަހީމް ސްޓާލިން ޖެހި ގޯލުންނެވެ. މިއީ އޭނާގެ ކްލަބު ކެރިއަރުގައި ޖެހި 100 ވަނަ ގޯލެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ޓޮޓެންހަމް ވަނީ 2-1 އިން ސައުތެމްޓަން ބަލިކޮށްފައެވެ. ބްރައިޓަން ހޯވް އެންޑް އެލްބިއަން އަތުން 2-0 އިން ޗެލްސީ މޮޅުވިއިރު، ނޯވިޗް ސިޓީ އަތުން ކްރިސްޓަލް ޕެލަސް ވެސް މޮޅުވީ ހަމަ މި ނަތީޖާއިންނެވެ. އަދި ވުލްވްސް އަތުން 2-0 އިން ވަޓްފޯޑް ބަލިވިއިރު، ބޯންމައުތުއާ ދެކޮޅަށް ވެސްޓްހޭމް ކުޅުނު މެޗުގެ އިތުރުން އެސްޓަން ވިލާއާ ބާންލޭ ބައްދަލުކުރި މެޗުވެސް ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.