ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ރަށުން ބޭރުގައި ގެޓަފޭ އަތުން 2-0 އިން ބާސެލޯނާ މޮޅުވިއިރު، އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޑްރިޑް ޑާބީ މެޗު ނިމުނީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

ރޭގެ ނަތީޖާއާއެކު އަދިވެސް އެއްވަނައިގައި އޮތީ ހަތް މެޗުން 15 ޕޮއިންޓް ހަމަކޮށްގެން ރެއާލް އެވެ. ދެވަނައިގައި އޮތް ގްރަނާޑާގެ އިތުރުން ތިންވަނައިގައި އޮތް އެތުލެޓިކޯ އަށް 14 ޕޮއިންޓް ލިބިފައިވާއިރު، ގްރަނާޑާ އަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ. ހަތަރުވަނައިގައި އޮތް ބާސެލޯނާ އަށް ލިބިފައިވަނީ 13 ޕޮއިންޓެވެ.

ބާސެލޯނާ އިން ރޭގެ މެޗަށް ނިކުތްއިރު ލީގުގައި އެންމެ ފަހުން އަމިއްލަ ދަނޑުގައި ވިޔަރެއާލް އަތުން 2-1 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ދެ ބަދަލެއް ގެނެސްފައިވެއެވެ. އެގޮތުން، އަނިޔާގެ ސަބަބުން އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ އަށް ރޭގެ މެޗުގައި ނުކުޅެވުނުއިރު، ވިޔަރެއާލްއާ ދެކޮޅަށް ފުރަތަމަ އެގާރައިގައި ހިމެނުނު ނެލްސަން ސެމޭޑޯ ރޭގެ މެޗުގައި ކުޅެން އެރީ ބެންޗުންނެވެ. އަދި އެ މެޗުގައި ދެވަނަ ހާފުގައި ކުޅެން ނިކުތް ފްރެންކީ ޑި ޔޮން އަށް ރޭގެ މެޗުގެ ފުރަތަމަ އެގާރައިން ފުރުޞަތުދީފައިވެއެވެ.

ގެޓަފޭގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް ބާސެލޯނާގެ ފުރަތަމަ ލަނޑު، ޖަރުމަނުގެ ގޯލްކީޕަރު މާކް އަންދްރެ ޓަ ސްޓެގަން ދިން ޕާހަކުން ލުއިސް ސުއަރޭޒް ޖަހައިދީފައިވާއިރު، ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖޫނިއާ ފިރްޕޯ އެވެ. މި މެޗު ނިމެން އަށް މިނެޓަށްވެފައިވަނިކޮށް ބާސެލޯނާގެ ކްލެމެންޓް ލެންގްލޭ އަށް ދެވަނަ ރީނދޫ ކާޑަކާއެކު ދެއްކި ރަތް ކާޑުގެ ސަބަބުން އެ ޓީމުން މެޗު ނިންމާލީ 10 ކުޅުންތެރިންނާއެކުއެވެ.

ރޭގެ މެޗުން ހޯދީ މޮޅާއެކު ބާސެލޯނާ ވަނީ މިދިޔަ އޭޕްރީލް މަހުގެ ފަހުން ފުރަތަމަ ފަހަރަށް ރަށުން ބޭރުގައި ކުޅުނު މެޗަކުން މޮޅުވެފައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ވަނީ އެ ޓީމުގެ ފުރަތަމަ ލަނޑުޖަހައިދިނުމަށް އެހީތެރިވެދިން ޖަރުމަންގެ ގޯލްކީޕަރު ޓަ ސްޓެގަން އަށް ތައުރީފްކޮށްފައެވެ.

ލީގުގައި ރޭ މެޑްރިޑް ޑާބީގައި އެތުލެޓިކޯގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ކުރީކޮޅު އެ ޓީމަށް ލީޑްނަގައިދިނުމަށް ޕޯޗުގަލްގެ އުއްމީދީ ފޯވާޑް ޔާއޯ ފެލިކްސް އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު، ރެއާލްގެ ކަރީމް ބެންޒެމާ އާއި ގަރެތު ބޭލްގެ އިތުރުން ޓޮނީ ކްރޫސް އަށް ލިބުނު ފުރުޞަތުތައްވެސް ވީ ބޭކާރެވެ. މި މެޗުގައި ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ރެއާލްގެ ފޯވާޑް ބެންޒެމާ ފޮނުވާލި ހަމަލާ ވެސް އެތުލެޓިކޯގެ ކީޕަރު ޔަން އޯބްލަކް މަތަކުރިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒައިނުއްދީން ޒިދާން ބުނީ އެ ޓީމުން ފުރަތަމަ ހާފުގައި ގިނަ ފުރުޞަތުތަކެއް ތަނަވަސްކުރި ކަމަށާއި، އެ ހުރިހާ ކަމަކަށް ބެލިނަމަވެސް ރެއާލަށް މި މެޗުން ތިން ޕޮއިންޓް ހައްގު ކަމަށެވެ.

އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވަނީ އޭނާގެ ޓީމުގެ ފަރާތުން ހެދޭ ގޯސްތައް ހުއްޓަންޖެހޭ ކަމަށާއި، މިހާރަށްވުރެ ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ބުނެފައެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ވެލެންސިއާ އަތުން އަމިއްލަ ދަނޑުގައި 1-0 އިން އެތުލެޓިކް ބިލްބާއޯ ބަލިވިއިރު، ލެގަނޭސް އަތުން ގްރަނާޑާ މޮޅުވީ ވެސް ހަމަ އެ ނަތީޖާއިންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.