އާޓިފިޝަލް ބީޗުގައި މިހާރު ނުނިމި އޮތީ އެތަނުގެ ފްލޯރިންގެ މަސައްކަތް އެކަނި ކަމަށް އެ ސަރަހައްދު ތަރައްޤީކުރާ އެމްޓީސީސީ އިން ބުނެފި އެވެ.
އެމްޓީސީސީ އިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވީ، ބީޗުގެ މަސައްކަތް ނުނިމި ލަސްވަނީ ޕްލޭނަށް ބަދަލު އައިސްގެން ކަމަށެވެ.
"އެންމެ ފުރަތަމަ ނިންމާފައި އޮތީ ފްލޯރިން ޕްލޭންކްސް އެޅުމަށް. ޕްލޭންކްސް ގެންނަން ހަވާލު ކުރި ކުންފުނިން ޑެލިވަރީގައި ލަސްކަމެއް އުޅޭތީ މިހާރު ޕްލޭނިން މިނިސްޓްރީއާ ވާހަކަ ދައްކައިގެން ޕްލޭންކްސް ނާޅާ ގޮތަށް ހަމަޖައްސާފައި އޮތީ،" ޝާހު ވިދާޅުވި އެވެ.
ޝާހު ވިދާޅުވީ، ބީޗުގެ ފްލޯރިންގ އަށް ގެންނަން ޖެހޭ ބަދަލުތަކާއި ބެހޭގޮތުން ޕްލޭނިން މިނިސްޓްރީއާއި މަޝްވަރާކުރަމުން އަންނަ ކަމަށާއި، އެ މަޝްވަރާތަކަށް ފަހު ވަކިގޮތެއް ނިމުމުން ފްލޯރިންގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.