ރާއްޖޭގައި މަނީ ލޯންޑާކޮށް ޤަވާއިދާއި ޚިލާފަށް އެތައް ވިޔަފާރިތަކެއް ހިންގަމުންދަނިކޮށް ޑިޕޯޓް ކޮށްލި ބަންގްލަދޭޝްގެ އަބޫ ހަނީފްގެ ނެޓްވޯކުން 2 މިލިޔަނަށްވުރެ ގިނަ ފައިސާ ރާއްޖެއިން ބޭރުކުރަން އުޅެނިކޮށް ކަމާބެހޭ އިދާރާތަކުން ހިފަހައްޓައިފި އެވެ.

މިކަމާއި ގުޅޭގޮތުން ކަސްޓަމްސްއިން ވިދާޅުވީ ޤަވާއިދާ ޚިލާފަށް ޑޮލަރާއި ޔޫރޯ ބޭރުކުރަން އުޅެނިކޮށް ދިވެހި ފިރިހެނަކާއި ބަންގްލަދޭޝް މީހަކު ހިފަހައްޓާފައިވާ ކަމަށާއި، އެ މައްސަލަ ތަހުޤީޤުކުރުމަށް ފުލުހުންނާ މިހާރު ވަނީ ހަވާލުކޮށްފައި ކަމަށެވެ. ނަމަވެސް ބޭރުކުރަން މަސައްކަތް ކޮށްފައިވަނީ ކިހާ ޢަދަދެއްގެ ފައިސާއެއްކަމެއް ކަސްޓަމްސްއިން ނުުބުނެ އެވެ. 

މިމައްސަލަ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މިމަހުގެ 15 ދުވަހު 33 އަހަރުގެ އިންޑިޔާގެ ރައްޔިތެއް ،ފަސްދޮޅަސް ހާސް ޑޮލަރާއި، ފަސް ހާސް ހަތަރުސަތޭކަ ޔޫރޯއައިއެކު ފުރަންގޮސް އުޅެނިކޮށް ހިފަހައްޓާފައިވާ ކަމަށެވެ. އަދި މިމަހުގެ 23ވަނަ ދުވަހު 43 އަހަރުގެ ދިވެހި ފިރިހެނަކު 4،600 ޑޮލަރާއި، 37،500 ޔޫރޯއާއިއެކު ފުރަން ގޮސް ހުއްޓާ އެއާރޕޯޓުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މައްސަލަ ވެސް ފުލުހުން ތަހުޤީޤު ކުރަމުންދާކަމަށް އެއިދާރާއިން ވަނީ ބުނެފައެވެ. 

ކަސްޓަމްސްއިން ބުނެފައިވަނީ ރާއްޖެއިން ބޭރަށް ބޭރުފައިސާ ގެންދެވޭނީ އެއްފަހަރާ އެންމެ ގިނަވެގެން ވިހި ހާސް ޑޮލަރު ކަމަށާއި، އެއަށްވުރެއް އިތުރަށް ފައިސާ ގެންދިއުމަކީ މަނާކަމެއްކަމަށެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޤަވައިދާ ޚިލާފަށް ފައިސާ ބޭރު ކުރަނިކޮށް އަތުލައިގެންފަިވާ ދެ މީހުންނަކީ ވެސް ރާއްޖޭގައި މަނީ ލޯންޑާކޮށް ޤަވާއިދާއި ޚިލާފަށް އެތައް ވިޔަފާރިތަކެއް ހިންގަމުންދަނިކޮށް މި މަހުގެ 13 ވަނަ ދުވަހު ޑިޕޯޓްކޮށްފައިވާ އަބޫ ހަނީފްގެ ނެޓްވޯކުން ފައިސާ ރާއްޖެއިން ބޭރުކުރަން މަސައްކަތްކުރި ދެ މީހުންނެވެ. 

ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި ހިންގަމުންދިޔަ ވިޔަފާރިތަކުގެ ތެރެއިން މަރުކަޒީ ބޭންކު، އެމްއެމްއޭއިން ހިފަހައްޓާފައިވާ މަނީ ޗޭންޖަރ ލައިސަންސް ދެ ވިޔަފާރި އަކީ ވެސް އަބޫ ހަނީފްއާއި ގުޅުންހުރި ވިޔަފާރިތަކެކެވެ. އެއީ ބަނޑަހަ ފައިނޭންޝަލްސް ޕްރައިވެޓް ލިމިޓެޑާއި، ބަނޑަހަ ކެފޭއަށް ދޫކޮށްފައިވާ މަނީ ޗޭންޖާ ލައިސަންސް އެވެ. 

ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ހިންގާ ވިޔަފާރިތަކާއި، މަނީލޯންޑަރކޮށް ހިންގަމުންދާ ޤާނޫނާއި ޚިލާފްކަންކަން ހުއްޓުވުމުގެ ހާއްސަ މަސައްކަތްތަކެއް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ކުރަމުންނެވެ. އަދި ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއިމެދު ހަރުކަށި ފިޔަވަޅުއަޅައި ބިދޭސީންގެ މައްސަލަހައްލުކުރުމަށް އަވަސްފިޔަވަޅު ތަކެއް ސަރުކާރުން މިހާރު އަންނަނީ އަޅަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.