ހައްދުންމަތީ މާމެންދޫއަކީ ބިމުގެ ގޮތުން ކުޑަ ނަމަވެސް ނިސްބަތުން އާބާދީ ބޮޑު ރަށެކެވެ. ރަށުގެ އާބާދީ 1500 އަށް މިސްރާބު ޖަހާފައިވާއިރު، ރަށްވަނީ ފުރިފައެވެ. ރަށުގައި 50 ގޯތި ދޫކޮށްލާނެ ޖާގައެއްވެސް ނެތެވެ. 

ހީވާގި މަސްވެރިންތަކެއް ދިރިއުޅޭ މާމެންދޫގެ ރައްޔިތުންނަކީ ޒަމާނުއްސުރެ އަމިއްލަ މަސައްކަތުން ރަށްކުރިއަރުވާ ރަށުގެ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދުމުގައި ލާމަސީލު ނަމޫނާ ރަށެކެވެ. ރައްޔިތުން ގެ ސުކޫލެއް 2004 ވަނަ އަހަރާއި ހަމަޔަށް ހިންގިއެވެ. ރާއްޖޭން ބޭރުގެ ޓީޗަރުންވެސް ރައްޔިތުންގެ ޚަރަދުގައި ގެނައެވެ. ޔުޓިލިޓީޒް ކޯޕަރޭޝަނަށް އިންޖީނުގެ ބަދަލުކުރުމާއި ހަމަޔަށް ރަނގަޅު ފެންވަރުގައި ރަށަށް ކަރަންޓުގެ ޚިދުމަތްވެސް ދިނީ ރައްޔިތުންގެ މިންނެތް މަސައްކަތުންވެ. 

ރަށުގެ މަގުމަތިން ހިނގާލުމުން ރަށުގެ ކަނބަލުންގެ ހީވާގިކަން ފެންނަން ހުންނައިރު، އަބަދުވެސް މެހެމާނުންނަށް ހޫނު މަރުހަބާއެއް ކިޔާ މާމެންދޫގެ ރައްޔިތުންވެސް ސަރުކާރުތަކުގެ ކިބައިން އެތަކެއް ކަމެއް ހުށަހަޅައެވެ.

ރައްޔިތުން އިންޖީނުގެ ހިންގަންފަށާ އިންޖީނުގެ އޭރުގައި ރަށުގެ މެދުގައި އިމާރާތްކޮށް ހުޅުވިއެވެ. ނަމަވެސް އިންޖީނުތައް ބޮޑެތިވެ އޭގެ ސަބަބުން އިންޖީނުގެ ވަށައިގެން ހުރި ގެތަކުގެ ރައްޔިތުންނަށް ތަކުލީފަކަށް ވާން ފެށުމުން އިންޖީޏުގެ ބަދަލުކުރުމަށް އެތައް މަސައްކަތްތަކެއް ކުރެވުނެވެ.

އިންޖީނުގެ ބަދަލުކުރުމަށް އެންމެ ބޮޑަށް އަޑު އުފުލި މީހަކަށް ވާނީ މަރުހޫމް ސަމަދުބެއެވެ. ސަމަދުބެގެ އާދޭސްތައް ސަރުކާރުތަކާއި ހަމަޔަށް ދިޔަ ނަމަވެސް އެކަމަށް އެދެވޭ ހައްލެއް ލިބިގެން ނުދިޔައެވެ. 2009ވަނަ އަހަރު ދުނިޔެ ދޫކުރުމާއި ހަމައަށްވެސް ސަމަދުބޭގެ އެންމެ ބޮޑު އާދޭހަކަށް ވެފައި އޮތީ އިންޖީނުގެ އެތަނުން ނަގާ މީހުން ދިރިއުޅޭ ސަރަޙައްދާއި ދުރަށް ބަދަލުކުރުމެވެ.

އިންޖީނުގެ އެހެން ސަރަޙައްދަކަށް ބަދަލުކުރުމަށް އެކި ސަރުކާރުތަކުންވެސް އަގަ ބަހުންނާއި، ލިޔެކިޔުމުން އެއްބަސްވެ އަމަލީ މަސައްކަތް ނުފެށި ދިޔައީއެވެ. އިންޖީނު ތަކުން ނިކުންނަ ދުންތަކުން ޖެހިގެން ހުރި ގޭގެ ކޮޓަރީގެ ފާރުވެސް ހުންނަީ ކަޅު ދެލިކުލައިގައެވެ. 

2011 ވަނަ އަހަރު ލޯކަލް ކައުންސިލްތައް ތަޢާރަފުވެ ލާމަރުކަޒީ ނިޒާމުން އިދާރީ ދާއިރާތައް ހިންގުމަށް މަސައްކަތް ފެށި އިރު ކައުންސިލުންވެސް އެކި ފަހަރުމަތިން އެކަމަށް އޭރުގެ ޔޫޓީލިޓީޒް ކުންފުނީގައި އެދުނެވެ. ބައެއް ފަހަރު ބިން ބެލުމަށް އެ ބޭފުޅުން ރަށަށްވެސް ވަޑައިގަންނަވައެވެ. 

ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ކައުންސިލާއި ރައްޔިތުންގެ އެދުން ފެނަކަ ކޯޕަރޭޝަނަށް ހުށަހެޅުނެވެ. އަދި އިންޖީނުގެ އެތަނުން ނެގުމަށް ކައުންސިލުން ގަރާރެއްވެސް ފާސްކުރިއެވެ. ފެނަކަ ކޯޕަރޭޝަންގެ ބޭފުޅުން މާމެންދޫއަށް ވަޑައިގެން ބެލުމަށްފަހު އެ ބޭފުޅުން ބޭނުންވި ބިން ރަޖިސްޓްރީކޮށް ދިނުމަށް އެދުނެވެ. އެ ބިމަކީ ކައުންސިލުން ސްލިޕްވޭއެއް ހެދުމަށް ކަނޑައަޅާފައިވާ ބިމެއް ނަމަވެސް 2016 ވަނަ އަހަރު ފެނަކައަށް އެ ބިން ރަޖިސްޓްރީ ކޮށްދިނުމަށް ނިންމާ އެކަން ފެނަކައަށް އެންގުނެވެ.

އޭގެ ފަހުންވެސް އިންޖީނުގެ ބަދަލުކުރުން ވެގެން ދިޔައީ "އަންނަ އަހަރު" މޮޓޯ އަށެވެ. 2018 ވަަނަ އަހަރު ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު މާމެންދޫއަށް ވަޑައިގެން މާމެންދޫގެ ރައްޔިތުން އެދިލެއްވި ކަންތައް ތަރުތީބު ލިސްޓުން އިންޖީނުގެ އެހެންތަނަކަށް ބަދަލުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންނެވިއެވެ.

މި އަހަރު ތެރޭގައި ރާއްޖެއަށް ކުރި ވިއްސާރައިގައި މާމެންދޫ ފެންބޮޑުވިއިރު އިންޖީނުގެއަށްވެސް ވަނީ ފެންވަދެފައެވެ. އިންޖީނުގެއަށް ފެންވަނުމުގެ ސަބަބުން ވަގުތީގޮތުން ރަށުން ކަރަންޓުގެ ޚިދުމަތްވެސް ކެނޑުނެވެ. އިންޖީނުގެ އަކީ ކުރީގެ އިމާރާތެއްކަމުން ވަނީ ވަރަށް ބޮޑަށް މަރާމާތުވެސް ކުރަންޖެހިފައެވެ.

ސަރުކާރަށް 10 މަސްވެ މިއަދު މާމެންދޫ ރައްޔިތުންގެ އުންމީދުތަކުގައި އެވަނީ ކުލަޖައްސާދެއްވަން ފަށާފައެވެ. ފެނަކައިގެ ފަރާތުން މާމެންދޫގެ އިންޖީނުގެ އެޅުން ބަޔަކާއި ހަވާލުކޮށް މިއަދު ވަނީ ބިންގާ އަޅާފައެވެ. 

މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ބިންގާ އަޅައި ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ. ސެންޓިސަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ އަގަކީ 5.29 މިލިއަން ރުފިޔާއެވެ. މި މަސައްކަތް ނިންމުމަށް ހަމަޖެހިފައިވަނީ ތިން މަސް ދުވަހުގެ ތެރޭގައެވެ.

މާމެންދޫގެ ރަށު އޮފީސް އަދި ކައުންސިލް އިދާރާގައިވެސް ގިނަ ދުވަހު ވެރިއަކަށް ހުންނެވި ކުރީގެ ކައުންސިލް ނައިބު ރައީސް މިއަދު ވިދާޅުވީ، މިއީ ރައީސް ސޯލިހުގެ މާމެންދޫގެ ފުރަތަމަ ވައުދު ކަމަށާއި، މިއީ ރައްޔިތުންގެ ވަރަށް ގިނަ ދުވަހުގެ އާދޭހާއި އިންތިޒާރުކަމަށެވެ.

މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި މި މަސައްކަތް ނިންމާ ފެނަކައާއި ހަވާލުކުރުމަށް އަންގާފައިވާ އިރު 2020 ވަނަ އަހަރަކީ މާމެންދޫގެ އާ އިންޖީނުގޭގެ ޚިދުމަތް ލިބި ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް ވެގެންދާނޭ އަހަރަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *