ދިވެހި ސަރުކާރުގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގައި އ.ދ.ގެ ދައުރު ވަރަށް މުހިއްމު ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާާޅުވެފައިވަނީ އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާއެކު ބޭއްވި ބައްދަލުވުމުގައެވެ.  މި ބައްދަލުކުރެއްވުން ބާއްވަވާފައިވަނީ، އ.ދ.ގެ ޢާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ ބައްދަލުވުމުގެ ހަވާސާގައެވެ.

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ ރިޔާސީ ދައުރުގެ ފުރަތަމަ އަހަރު އ.ދ.ގެ ޢާންމު މަޖިލީހުގެ 74 ވަނަ ބައްދަލުވުމުގައި ތަޤުރީރު ކުރެއްވުމަށް ފުރުޞަތު ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު ޝަރަފެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އަދި، އ.ދ.ގައި ސެކްރެޓަރީ ޖެނެރަލް އަދާކުރައްވަމުން ގެންދަވާ މުހިއްމު ދައުރު ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދޭދޭ ޤައުމުތަކުގެ ގުޅުން ބަދަހިކުރުމާ، ޤައުމުތަކުގެ ޢާންމު ޙާލަތާ ދިރިއުޅުމުގެ ޙާލަތު ބަދަލުކުރަން ސެކްރެޓަރީ ޖެނެރަލް ކުރައްވާ މަސައްކަތްޕުޅާ، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް ސެކްރެޓަރީ ޖެނެރަލް ދެއްވާ އަހަންމިއްޔަތުކަމަކީ ޝުކުރު ޙައްޤު މަސައްކަތްތަކެއް ކަމަށެވެ.

މީގެ އިތުރުން، ދިވެހި ސަރުކާރުގެ ދާޚިލީ އަދި ޚާރިޖީ ސިޔާސަތު ތަންފީޒު ކުރުމުގައި އ.ދ.ގެ ދައުރު ވަރަށް މުހިއްމު ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފަހާގަ ކުރެއްވިއެވެ. މިބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާއާ އ.ދ.ގެ ސެކްރެޓަރީ ޖެނެރަލްވަނީ، ރާއްޖެއާއި އ.ދ.އާއި ދެމެދު މުހިއްމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާއި ބެހޭ ގޮތުންވެސް މަޝްވަރާ ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ވަނީ، ރައީސުލްޖުމްހީރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވި ކަންތައްތަކަށް ތާޢީދުކުރައްވައި، ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދިނުމުގައި އ.ދ.އިން ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.