ދިވެހި ފަތުރުވެރިކަމުގެ ނާރެހަކީ، މިޖަޒީރާތަކުގެ ޠަބީޢީ ރީތިކަމާއި ޤުދުރަތީ މުއްސަނދިކަންކަމަށާއި، ތިމާވެށި ޙިމާޔަތްކޮށް، ތިމާވެށީގެ ދިރުންތަކަށް ހޭހަންކުރުމަކީ، ރާއްޖޭގެ ފަތުރުވެރިކަން ދެމެހެއްޓުމަށްޓަކައި، ކޮންމެ ފަރުދެއްގެ ކޮނޑުގައި އެޅިފައިވާ ޤައުމީ ވާޖިބެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ 2019 ވަނަ އަހަރުގެ ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބުގައެވެ.

އެމަނިކުފާނުގެ ޚިޠާބުގައި، ދުނިޔޭގެ ފެންވަރުގައި ފަތުރުވެރިކަމުގެ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު މަޤްޞަދަކީ، ފަތުރުވެރިކަމުގެ ޞިނާޢަތާ މެދު، ޢާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، މި ޞިނާޢަތް އިތުރަށް ކުރިއަރުވައި ތަރައްޤީކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ދެނެގަނެ، އެކަންކަން ޙައްލުކުރާނެ ގޮތްތަކާމެދު، ބައިނަލްއަޤްވާމީ މުޖްތަމަޢު ގުޅިގެން މަސައްކަތް ކުރުމަށްކަމުގައި ވިދާޅުވެފައިވެއެވެ.

މީގެ އިރުތުން ވެސް އެމަނިކުފާނު ވަނީ ދެމެހެއްޓެނިވި ފަތުރުވެރިކަމެއްގެ ތަރަހައަކީ، ހަމަޖެހުމާއި ޞުލްހަ މަސަލަސްކަންކަމުގައި ވިދާޅުވެ، މިޖަޒީރާ ރަށްތަކުގައި ފަތުރުވެރިކަން އާލާވުމުގެ މައިގަނޑު ސަބަބަކީ ވެސް، ދުނިޔޭގެ ހަލަބޮލިކަމާއި ހަމަނުޖެހުންތަކުން ވީއްލި، ހިންދު ކަނޑުގެ ޖަޒީރާތަކުގައި ފައިބީއްސައިލުމުން ލިބިދޭ ހަމަޖެހުމާއި އަމާންކަން ކަމުގައި ސިފަކުރައްވާފައެވެ.

"މީގެ 47 އަހަރު ކުރިން ދިވެހި ފަތުރުވެރިކަން އުފަންވީ އެންމެ 60 އެނދާ އެކުގައެވެ. ރާއްޖޭގެ ހިތްވަރުގަދަ ދެތިން ވިޔަފާރިވެރިން، މި ޞިނާޢަތް ފަށްޓަވައި ކޮޅަށް ޖައްސަވައިދެއްވީ، މިޖީލުގެ މީހުންނަށް ތަޞައްވުރުވެސް ނުކުރެވޭހާ ގިނަ ހުރަސްތައް ގިރާކުރައްވައިފައެވެ. މިއަދު ރާއްޖޭގައި ހިންގާ 567 ގެސްޓް ހައުސް، 154 ސަފާރީ، 149 ރިސޯރޓް އަދި 10 ޓޫރިސްޓް ހޮޓާ އެބަ ހުއްޓެވެ. މި ތަންތަނުގައި 47114 އަށް ވުރެ ގިނަ ޓޫރިސްޓް އެނދު ހުރިއިރު، ރާއްޖޭގެ ފަތުރުވެރިކަމަކީ، ދުނިޔޭގެ ބާޒާރުގައި ނަން ހިނގާ، އެންމެ މަޤުބޫލު މަރުކާއެކެވެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވިގޮތުގައި، މިހާރު ދިވެހިންގެ އަމާޒަކަށް ވާންވީ، ދުނިޔޭގެ ބާޒާރުގައި ދިވެހި ފަތުރުވެރިކަމަށް ލިބިފައިވާ މަޤްބޫލުކަމުގެ ފައިދާ، މިހާރަށްވުރެވެސް ފުޅާ ގޮތެއްގައި، ވަކިވަކި ފަރުދުންނަށް ލިބޭނެ އިންތިޒާމެއް ހަމަޖައްސައި، ފަރުދުންގެ އިޤްތިޞާދަށް އެނގުންވާނެ ފަދައިން ރަށު ފަތުރުވެރިކަން އިތުރަށް ފުޅާ ކުރުންކަމުގައެވެ.

"ރާއްޖޭގެ ފަތުރުވެރިކަން މިހާރަށް ވުރެ ކުރިއެރުވުމަށްޓަކައި، ދުނިޔޭގެ ފަތުރުވެރިކަމުގައި މިހާރު މަޝްހޫރުވަމުން އަންނަ ބާވަތްތައް، ރާއްޖެއަށް ތަޢާރަފްކުރެވޭނެ ގޮތްތަކާ މެދުވެސް ވިސްނަންޖެހެއެވެ. ވިޔަފާރި ފަތުރުވެރިކަމާއި، ޘަޤާފަތާއި ތަރިކައިގެ ފަތުރުވެރިކަމާއި، ކުޅިވަރު ފަތުރުވެރިކަން އަދި ބޭސްފަރުވާގެ ފަތުރުވެރިކަމަކީ، ވަރަށް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ފަތުރުވެރި ވިޔަފާރިތަކެވެ. މީގެ ތެރޭގައި މި ޖަޒީރާތަކުގައި މުޑުވައްކޮށް އާލާކުރެވޭނެ ކިތަންމެ ބާވަތެއް ހުންނާނެކަން ކަށަވަރެވެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.