"1947 ގައި އިޒްރޭލް ކޮބާ؟ މިހާރު އިސްރޭލްގެ ބިން މިއޮތީ ކޮންތާކު؟" އދ ގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ތުރުކީގެ ރައީސް ތައްޔިބު އުރުދުޣާން ވިދާޅުވިއެވެ. 1947 ވަނަ އަހަރުން ފެށިގެން އިސްރޭލުން ފަލަސްތީން ބިމުގެ މައްޗަށް ވެރިވަމުން ދިޔަގޮތް ދައްކުވައިދޭ ޗާޓެއް ހިއްޕަވައިގެން ހުރެ އުރްދުޣާން ވިދާޅުވީ މިހާރު އިސްރޭލުން މިލްކު ކޮށްގެން އުޅޭ ބިމަކީ ފަލަސްތީނަށް ނިސްބަތްވާ ބިމެއްކަން ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ. "އިސްރޭލް އަދިވެސް ދަނީ ބޮޑުވަމުން، އެއާއެކު ފަލަސްތީން ދަނީ ނެތެމުން" މިހާރުގެ ޗާޓުން ފެންނަ ގޮތުން ފަލަސްތީނުގެ ނިޝާން ޗާޓުން ގާތްގަނޑަކަށް ފޮހެލާފައިވާކަން ފާހަގަކުރައްވާ އުރުދުޣާން ވިދާޅުވިއެވެ.

އުރުދުޣާން އދ ބައްދަލުވުމުގައި ދެއްކެވި ވާހަކައަފުޅަށްފަހު އެކި ކަންކޮޅުތަކުގެ މުސްލިމުންގެ ތައުރީފު އޮހެމުންދާއިރު، އެ ވާހަަކަފުޅުގައި އެމަނިކުފާނު ވަނީ އދ ގެ ތަޅުމުގައި ރައީސަކު ދުވަހަކު ދިފާއު ނުކުރާ ވަރަށް، ހާލުގައި ޖެހިފައިވާ މުސްލިމުންގެ ހައްގުތައް ދިފާއުކުރައްވާ އަޑު އުފުއްލަވާފައެވެ.

ފަލަސްތީނުގައި ކަންތައް ވަމުންދާ ގޮތަކީ މި ދެނިޔޭގެ އެންމެ ބޮޑު ބޭއިންސާފުކަން ފާހަގަކުރައްވާ އުރުދުޣާން ވިދާޅުވީ މިކަމަށް އޮތް ހަމައެކަނި ހައްލަކީ ފަލަސްތީނުގެ ބިން އެގައުމުގެ ރައްޔިތުންނަށް އަނބުރާ ދިނުންކަމަށެވެ. އަދި އެ ނޫން އެއްވެސް ގޮތެއް އިންސާފުވެރި ނުވާނެ ކަމަށެވެ.

އަވަށްޓެރި ސީރިޔާގެ ވާހަކަ ދައްކަވަމުން އުރުދުޣާން ވިދާޅުވީ ތުރުކީގައި ދިރިއުޅޭ ސީރިއާ ރެފިއުޖީންނަށް އެނބުރި ސިރިޔާއަށް ބަދަލުވެ، ސަލާމަތްކަމާއެކު ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުމަށް، ސީރިޔާގައި ސަލާމަތީ ސަރަހައްދެއް ގާއިމު ކުރުމަށް އެމެރިކާއާއެކު ތުރުކީން ވެފައިވާ އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރިއަށް ދާކަމަށެވެ. އެގޮތުން ސަލާމަތީ ސަރަހައްދުގައި ބޯހިޔާވަހިކަމާއި ތައުލީމީ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ތުރުކީ ސިފައިންގެ އެހީތެރިކަމާއެކު ކުރިއަށް ދާކަން އުރުދުޣާން ފާހަގަކުރެއްވިއެވެ.

ސީރިޔާގެ ރައްޔިތުންނަށް ހަމަޖެހުމެއް ލިބޭނީ ސީރިއަން ޑެމޮކްރަޓިކް ޕާޓީގެ ނަމުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތްތައް ހުއްޓުވައިގެން ކަމަށްވެސް ތުރުކީގެ ރައީސް ވިދާޅުވިއެވެ.

އިންޑިޔާއާއި ޕާކިސްތާނުގެ ހަމަނުޖެހުންވެސް އުރުދުޣާން ވަނީ އދ ގެ ސަމާލުކަމަށް ގެންނަވާފައެވެ. އުރުދުޣާން ވިދާޅުވީ 8 މިލިއަން މީހުން ކަޝްމީރުގައި ތާށިވެފައި ތިބިކަމަށާއި، މިކަމަށް ހައްލެއް ހޯދަން އިންޑިއާއާއި ޕާކިސްތާނުން މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި މައްސަލަ ހައްލުކުރެވޭނީ "އިންސާފާއި ހަމަހަމަކަމާއެކު" ކަމަށާއި "ބައިބައިވެގެން" މައްސަލައަށް ހައްލެއް ނާންނާނެ ކަންވެސް އުރުދުޣާން ފާހަގަކުރެއްވިއެވެ.

މި މައްސަލަ އދ ގެ ސަމާލުކަމަށް ގެނެސްދެއްވި ކަމަށްޓަކާ ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރ އިމްރާން ޚާން ވަނީ އުރުދުޣާނަށް ޝުކުރުއަދާކޮށް ޓްވީޓް ކުރައްވާފައެވެ.

ހާލުގައި ޖެހފައިވާ މީހުންނަށް އެހީތެރިވުމާއި، ދީލަތިކަމުގައި ތުރުކީއަކީ ނަމޫނާ ގައުމެއްކަން ދޭހަވަނީ ފަސް މިލިއަނަށް ވުރެ ގިނަ ރެފިއުޖީން އެ ގައުމުގައި ވަޒަންވެރިވެފައި ވުންކަމަށާއި، މި އަދަދަކީ އެމެރިކާގެ 29 ސްޓޭޓްގެ ޖުމްލަ އާބާދީއާށްވުރެ ބޮޑު އަދަދެއްކަން ތުރުކީގެ ރައީސް ފާހަގަކުރެއްވިއެވެ. ޓެރަރިޒަމާއި، ފަގީރުކަމާއި މޫސުމަށް އަންނަ ބަދަލުތައްފަދަ ގޮންޖެހުންތަކަށް "ދާއިމީ ހައްލެއް ހޯދުމުގެ ފުރުސަތު ގެއްލުމުގެ ކުރިން" މިކަންތައް ހައްލުކުރުމުގައި އެއްބާރުލުން ދިނުމަށް އުރުދުޣާން ވަނީ އދ މެންބަރު ގައުމުތަކަށް ގޮވާލައްވާފައެވެ.

އިސްލާމީ އުންމަތުގެ ދިފާއުގައި އުރުދުޣާން ދެއްކެވި ވާހަކަފުޅަށްފަހު އަރަބި ލީޑަރުންނަށް ވަނީ ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައެވެ. އަދި މުސްލިމް މުޖުތަމައުތަކުގައި އުރުދުޣާނާއި ތުރުކީއަށް އޮތް އިހުތިރާމު ވަނީ އިތުރުވެގެންގޮސްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.