މި މަހުގެ 20 ވަނަ ދުވަހުގެ ރޭގައި ހެންވޭރު އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ބޮޑު އަލިފާނުގެ ހާދިސާއާއި ގުޅިގެން މާލެގައި ހުރި ކެމިކަލް ރައްކާ ކުރާ ގުދަންތައް ކ.ތިލަފުއްޓަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހު ވަނީ ނިންމަވާފައެވެ. ރައީސް ސޯލިހު ވަނީ 02 މަސް ދުވަހުގެ ތެރޭގައި ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަށް އަންގާފައެވެ.

ރައީސްގެ އެ ނިންމެވުމާއެކު، ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމުގެ ޒިންމާ ހަވާލުކުރީ ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އާއެވެ. ގްރޭޓަރ މާލޭ ކުންފުނިން ވަނީ ރައީސްގެ ނިންމުން ތަންފީޒުކުރުމަށްޓަކައި ވަގުތުން މަސައްކަތް ފަށާފައެވެ. އެގޮތުން ތިލަފުށީގައި އެކަމަށް ޚާއްސަ ބިމެއް ކަނޑައަޅާ، ގުދަންތަކުގެ ކުރެހުން ފައިނަލް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަދި ކެމިކަލް ރާއްޖެ އެެތެރެކުރާ ފަރާތްތަކަކީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ޚާއްސަ ހުއްދައެއް ދޫކޮށްފައިވާ ފަރާތްތަކެއް ކަމުން، އެ ފަރާތްތައް ލިސްޓު ކުރުމަށްޓަކައި، ފޯމެއް ފުރުމަށްވެސް ވަނީ ހުޅުވާލާފައެވެ.

ރައީސްގެ ނިންމެވުން ތަންފީޒު ކުރުމަށް މަސައްކަތް ކުރަމުންދާ ގްރޭޓަރ މާލެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަޝީދު އަބޫބަކުރު ވިދާޅުވަނީ، މުއްދަތު ކުރު ނަމަވެސް ރައީސް ސޯލިހުގެ މި ޚާއްސަ ފިޔަވަޅު ތަންފީޒުކޮށް ދެ މަސް ދުވަސް ތެރޭގައި ނިންމާލާނެ ކަމަށެވެ. އެގޮތުން، މިހާރު ކުރެހުން ފައިނަލްކޮށް ނިމިފައިވާ ކަމަށާއި، އަދި ގުދަން އެޅުމަށް ޚާއްސަކުރެވިފައިވާ ސަރަޙައްދު ސާފުކޮށްވެސް ނިމިފައިވާކަމަށް އެމްޑީ ވިދާޅުވިއެވެ. 

"މަލްޓި ސްޓޯރީ ބިލްޑިންގެ އެއް މި އަޅަނީ އެއް ފްލޯއަށް. ކުރެހުން މިހާރުވަނީ ފައިނަލްކޮށް ނިމިފަ" އިބްރާހީމް ވިދާޅުވިއެވެ.

ރައީސް ސޯލިހު މިކަމަށް ދެއްވާފައިވާ މުއްދަތަކީ ކުރު މުއްދަތެއްކަން ފާހަގަކުރައްވަމުން ގްރޭޓަރ މާލެ ކުންފުނީގެ އެމްޑީ ވިދާޅުވީ، އާންމުކޮށް އިއުލާނުކޮށްގެން މަސައްކަތް ހަވާލުކޮށް ކަންކަން ކުރަން ވަގުތު ނެތްކަމަށެވެ. އެހެންކަމުން، މިކަން ކުރެވޭނެ ވަރުގެ ޤާބިލު ކުންފުނިތަކަށް ދައުވަތުދީގެން ކްލޯސް ބިޑެއްގެ ގޮތުގައި މި މަސައްކަތް ކުރުމަށް މިހާރު ވާނީ ބޯޑުގެ ލަފަޔަކަށް އެދިލައްވާފައި ކަމަށާއި، ރައީސް ސޯލިހު އެކުލަވާލާފައިވާ ކޮމިޓީން ވަނީ އެކަން އެގޮތަށް ކުރިޔަށް ގެންދިޔުމަށް ލަފާ ދެއްވާފައިކަންވެސް އެމްޑީ ފާހަގަކުރެއްވިއެވެ.

ތިލަފުށީގައި އަޅާ ކެމިކަލް ގުދަންތައް އެތައް ގުނައެއް ރައްކޭތެރިވާނެ

މިހާރު މާލޭގައި ހުރި ގުދަންތަކަކީ އެންމެ ރައްކާތެރިކޮށް ހުރި ގުދަންތައް ނޫންކަން ފާހަގަކުރައްވަމުން އެމްޑީ ވިދާޅުވީ، ތިލަފުށިގައި އަލަށް އަޅާ ގުދަންތަކަކީ ހުރިހާ ގޮތަކުންވެސް ރައްކާތެރި ގުދަންތަކަކަށް ވާނޭކަމަށެވެ. އެގޮތުން މިނިސްޓްރީ އޮފް ޑިފެންސްއިން މި މަހުގެ 23ވަނަ ދުވަހު އާންމުކޮށްފައިވާ ނަންބަރު R-1057/2019 "ނުރައްކާތެރި ކެމިކަލާބެހޭ ޤަވާއިދު" ގައި ބަޔާންކޮށްފައިވާ ކަންކަންވެސް އެ ގުދަންތަކުގައި ފުރިހަމަ ވާނޭކަމަށްވެސް ވިދާޅުވިއެވެ. 

"ގުދަންތަކަކީ ޕްރީފެބްރިކޭޓެޑް ގުދަންތަކެއް، އަދި ދަގަނޑު ޖަހާ، ވެންޓިލޭޝަންވެސް ހުންނާނީ އެންމެ ސަލާމަތަށް ރައްކާތެރިވާނޭ ގޮތަކަށް" އެމްޑީ ވިދާޅުވިއެވެ.

ގުދަންތައް ހަދާނީ އެތަނުގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި އެ ސަރަހައްދުގައި ފެން ސްޕްރިންކްލަރުތަކާއި ސީސީޓީވީ ކެމެރާ ހުންނާނެ ކަމަށާއި އަދި ގުދަންތައް ހަދާނީ ވައި ދައުރުވާނެ ގޮތަށް ވެންޓިލޭޝަންގެ މަސައްކަތް ވެސް ރަނގަޅަށް ކޮށްފައި ކަމަށް ވިދާޅުވި އެވެ. މި ގުދަންތައް ހަދާނީ 100،000 އަކަ ފޫޓުގެ ބިމެއްގައި ކަމަށާއި އެ ސަރަހައްދު ހުންނާނީ މީހުން އުޅޭ ސަރަހައްދުތަކާ ދުރުގައި ކަމަށް ވެސް އިބްރާހިމް ރަޝީދު ވިދާޅުވި އެވެ.

މާލޭގައި ހުރި ގުދަންތަކަށްވުރެ މާ ބޮޑު ގުދަންތަކެއް

މާލޭގައި މިހާރު އާންމުކޮށް ކުއްޔަށް ދޫކުރާ ގުދަންތަކަކީ 400 އަކަފޫތު ވަރުގެ ކުދި ގުދަންތަކެއް ކަމަށާއި، އެހެން ކަމުން ބައެއް ކުންފުނިތަކުން ހަތަރު ގުދަންވެސް ނަގާފައިވާކަމަށް ގްރޭޓާރ މާލެ ކުންފުނީގެ އެމްޑީ ވިދާޅުވިއެވެ. އެގޮތުން އެމްއެންޑީއެފްގައި ރަޖިސްޓްރީކޮށްގެން މާލޭގައި 126 ގުދަނެއްގައި ކެމިކަލް ރައްކާކުރަމުން ދާކަމަށްވެސް އޭނާ ވިދާޅުވިއެވެ. 

ނަމަވެސް ތިލަފުށީގައި އަޅާ ގުދަންތަކުގެ ބޮޑު މިނުގައި 1000 އަކަފުޓު ހުންނާނޭކަަށާއި، އެހެން ކަމުން، ހަތަރު ގުދަން ނަގާފައިވާ ފަރާތްތަކަށް ތިލަފުށީގެ އެއް ގުދަނުގައި ކެމިކަލް ރައްކާކޮށްލެވެނެކަމަށްވެސް އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

ރަޖިސްޓްރީކުރުމަށް ވަނީ ހުޅުވާލެވިފަ

ތިލަފުށީގައި ހަދަން ނިންމާފައިވާ ގުދަންތަކުގައި މުދާ ރައްކާ ކުރަން ބޭނުން ފަރާތްތަކަށް ރަޖިސްޓަރީ ވުމުގެ ފުރުސަތު މި ހަފުތާފެ އާދިއްތަ ދުވަހު ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓަރީވާ ހުރިހާ ކުންފުނިތަކެއް ތިލަފުށިން ގުދަނެއް ހަމަޖައްސައިދޭން މަސައްކަތްކުރާ ކަމަށް ގްރޭޓާ މާލެ ކުންފުނީގެ އެމްޑީ ވިދާޅުވިއެވެ.

ކެމިކަލް ގުދަންތަކުން ސަލާމަތްވެފައިވާ މާލެ

ރައީސް ސޯލިހުގެ އަމާޒަކީ ކެމިކަލް ގުދަންތައް މާލެއިން ބޭރުކުރުމެވެ. މިއީ ރައްޔިތުންގެ ވެސް އުންމީދެކެވެ. 20 ސެޕްޓެމްބަރު 2019 ވީ ދުވަހުގެ ރޭގަނޑު ކެމިކަލް ގުދަނެއްގައި ރޯވެ، ފެތުރިގެން ދިޔަ އަލިފާންގަނޑު ކޮންޓްރޯލްވިއިރު ފުރާނައެއް މިވަނީ ގެއްލިފައެވެ. އެތައް ބަޔަކު މިވަނީ ހާލުގައިި ޖެހިފައެވެ. ދިރިއުޅުމުގައި ކުރި ހުރިހާ މަސައްކަތަކާއި ހޯދި ހުރިހާ މުދަލެއް ވަނީ އަނދާ އަޅިއަށްވެފައެވެ. އަލުން ދިރިއުޅުން މިވަނީ އާރާސްތުކަން ފަށަންޖެހިފައެވެ.

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯންގެ އަމާޒަކީ ރައީސް ސޯލިހުގެ އަމާޒެވެ. އެފަދަ އިތުރު ހާދިސާއަކުން ސަލާމަތްވުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅެއް އެޅުމެވެ. މީގެ ދެމަސް ފަހުން މާލެވެގެންދާނީ ކެމިކަލް ގުދަން ތަކުން ސަލާމަތްވެ، އިންސާނުން ދިރިއުޅެއް އެތައް ގޮތަކުން ރައްކާތެރި ސިޓީއަކަށް ކަމަށާއި، ކުންފުނީގެ މުވައްޒަފުން ރެޔާއި ދުވާލު މަސައްކަތްކޮށްގެން ނަމަވެސް އެ އަމާޒަށް ވާސިލުވާނޭކަަށް އެމްޑީ އިބްރާހިމް ރަޝީދު ވިދާޅުވިއެވެ.

މި މަސައްކަތަށް ގާތްގަނޑަކަށް 25 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ލަފާކުރެވޭކަމަށް ކުންފުނިން މައުލޫމާތުދެއެވެ. އަދި މި ޚަރަދު ކުރަނީ ކުންފުނީގެ ބަޖެޓުންކަމަށްވެސް މައުލޫމާތުދެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.