އިނގިރޭސި ލީގު ކަޕްގެ ހަތަރުވަނަ ބުރުގެ ގުރުއަތުލުން ރޭ ބޭއްވިއިރު، ޗެލްސީއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ނިކުންނަން ޖެހުނުއިރު، އާސެނަލް ކުޅޭ މެޗުގައި ރަށުން ބޭރުގައި ލިވަޕޫލްއާ ބައްދަލުކުރަން ޖެހިއްޖެއެވެ.

ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލުން ރަށުން ބޭރުގައި ރޭ އިނގިރޭސި ތިންވަނަ ޑިވިޝަނުގެ އެމްކޭ ޑޯންސް އަތުން 2-0 އިން މޮޅުވިއިރު، ޔުނައިޓެޑް ވަނީ ހަމަ އެ ޑިވިޝަނުގައި ކުޅެމުން އަންނަ ރޮޗްޑޭލް އަތުން ޕެނަލްޓީ ޖަހައިގެން 5-3 އިން މޮޅުވެފައެވެ. އަދި ޗެލްސީން ވަނީ ގްރިމްސްބީ ޓައުން އަތުން ފަސޭހަކަމާއެކު 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ.

އެމްކޭ ޑޯންސްއާ ދެކޮޅަށް ޒުވާން ގިނަ ކުޅުންތެރިންނާއެކު ނިކުތް ލިވަޕޫލް މޮޅުކޮށްދިން ލަނޑުތައް ޖަހައިދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ޖޭމްސް މިލްނާ އާއި އުމުރުން 17 އަހަރުގެ ޑިފެންޑަރު ކި-ޔާނާ ހޮއެވާ އެވެ.

ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި މޭސަން ގްރީންވުޑްގެ ގޯލުން އެ ޓީމު ކުރިހޯދައިފައިވަނިކޮށް، ރޮޗްޑޭލް އަށް ނަތީޖާ ހަމަހަމަކޮށްދިނީ ލޫކް މަތެސަން އެވެ. އެއާއެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އެއްވަރުވުމުން ޕެނަލްޓީ ޝޫޓްއައުޓްގައި ޔުނައިޓެޑުން ފޮނުވާލި ހުރިހާ ޕެނަލްޓީއެއް ކާމިޔާބުކުރިއެވެ. އެގޮތުން، ޔުނައިޓެޑްގެ ހުއާން މަޓާ އާއި އަންދްރެއަސް ޕެރޭރާގެ އިތުރުން ފްރެޑް އާއި ގްރީންވުޑް އަދި ޑެނިއަލް ޖޭމްސް ވެސް ޕެނަލްޓީތައް ކާމިޔާބުކުރިއިރު، ރޮޗްޑޭލްގެ ޖިމީ ކެއޮހޭން ފިޔަވާ އާރޮން ބިލްބްރަހަމް އާއި އާރޮން މޯލޭ އަދި ކެލްވިން އެންޑްރޫ ވެސް ޕެނަލްޓީ ވައްދާލިއެވެ.

ޗެލްސީން ރޭގެ މެޗުގައި ގްރިމްސްބީ ކޮޅަށް ލަނޑު ގޯންޏެއް އޮއްސާލިއިރު، ބެލްޖިއަމްގެ ފޯވާޑް މިޝީ ބަޓްޝުއާޔީ ދެލަނޑުޖެހިއެވެ. އެޓީމުގެ އަނެެއް ލަނޑުތައް ޖަހައިދިނީ ރޮސް ބާކްލޭ، ޕެޑްރޯ ރޮޑްރިގޭޒް، ކާޓް ޒޫމާ، ރީސް ޖޭމްސް އަދި ކެލުމް-ހަޑްސަން އޮޑޯއި އެވެ. ގްރިމްސްބީގެ ހަމައެކަނި ލަނޑުޖެހީ މެޓް ގްރީން އެވެ.

މި މުބާރާތުގެ ތިންވަނަ ބުރުގައި ރޭ ކުޅުނު މެޗުތަކުން ޕްރިމިއާ ލީގުގައި ކުޅެމުން އަންނަ ޓީމުތައް ކަމަށްވާ ބްރައިޓަން ހޯވް އެންޑް އެލްބިއަން އަތުން 3-1 އިން އެސްޓަން ވިލާ މޮޅުވިއިރު، ވުލްވަހެމްޕްޓަން ވޮންޑަރާސް ވަނީ ޕެނަލްޓީ ޖަހައިގެން 4-2 އިން ރެޑިން ބަލިކޮށްފައެވެ. އެހެން ނަމަވެސް، އޮކްސްފޯޑް ޔުނައިޓެޑް އަތުން 4-0 އިން ވެސްޓް ހޭމް ޔުނައިޓެޑް ބަލިވިއިރު، ޝެފީލްޑް ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި ސަންޑަލެންޑް އަތުން 1-0 އިން ބަލިވެފައެވެ. އަދި ބާޓަން އެލްބިއަން ވަނީ 2-0 އިން ބޯންމައުތު ބަލިކޮށްފައެވެ.

ލީގު ކަޕްގެ ހަތަރުވަނަ ބުރުގެ މެޗުތައް އަންނަ މަހުގެ 28 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާއިރު، އިތުރު މެޗުތަކުގެ ތެރޭގައި އެވަޓަންއާ ދެކޮޅަށް ވަޓްފޯޑް ނިކުންނައިރު، އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ ނިކުންނާނީ ސައުތެމްޓަންއާ ދެކޮޅަށެވެ. އެސްޓަން ވިލާއާ ވުލްވްސް ބައްދަލުކުރާއިރު، ބާޓަންއާ ދެކޮޅަށް ލެސްޓާ ސިޓީ ކުޅޭ މެޗު ހިމެނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.