ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ބްރެޒިލްގެ ވިނީޝަސް ޖޫނިއާ އާއި ރޮޑްރީގޯ ކާމިޔާބުކުރި ލަނޑުތަކާއެކު އޮސަސޫނާގެ މައްޗަށް 2-0 އިން ކުރިހޯދައި ރެއާލް މެޑްރިޑް ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ.

މި ނަތީޖާއާއެކު ރެއާލް އަށް މިހާތަނަށް ކުޅުނު ހަ މެޗުން 14 ޕޮއިންޓް ލިބިފައިވާއިރު، އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ވާދަވެރި އެތުލެޓިކޯ މެޑްރިޑެވެ. ތިންވަނައިގައި އޮތް އެތުލެޓިކް ބިލްބާއޯ އަށް 12 ޕޮއިންޓް ލިބިފައިވާއިރު، ގްރަނާޑާ އޮތީ 11 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ. އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާ އޮތީ 10 ޕޮއިންޓާއެކު ފަސްވަނައިގައެވެ.

ރެއާލުން ރޭގެ މެޗަށް ނިކުތީ އަންނަ ހޮނިހިރު ދުވަހު އެތުލެޓިކޯއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޑްރިޑް ޑާބީ އަށް ކުޅުންތެރިންނަށް ރެސްޓް ދިނުމުގެ ގޮތުން ލީގުގައި އެންމެ ފަހުން ރަށުން ބޭރުގައި ސެވިއްޔާ އަތުން 1-0 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. އެގޮތުން، އާއްމުކޮށް އެ ޓީމުގެ ފުރަތަމަ އެގާރައިގައި ކުޅެމުން އަންނަ ކަރީމް ބެންޒެމާ އާއި ގަރެތު ބޭލް އަދި އެޑެން ހަޒާޑަށް ރޭގެ މެޗުން ފުރުޞަތުދީފައެއްނުވެއެވެ. މީގެއިތުރުން، ރޭގެ މެޗުގައި އެ ޓީމުގެ ގޯލް ބެލެހެއްޓީ ޕީއެސްޖީން ލޯން އެއްބަސްވުމެއްގެ ދަށުން ބަދަލުވި އަލްފޮންސޭ އަރެއޯލާ އެވެ.

ރެއާލްގެ ސެންޓިއާގޯ ބާނެބެއުގައި ރޭ ކުޅުނު މި މެޗުގައި އެ ޓީމުން ކާމިޔާބުކުރި ފުރަތަމަ ލަނޑު، މެޗުގެ 36 ވަނަ މިނެޓުގައި ޖަހައިދިނީ ބްރެޒިލްގެ ހުނަރުވެރި ކުޅުންތެރިޔާ ވިނީޝަސް އެވެ. މި ހާފުގައި ރެއާލްގެ ލީޑް ފުޅާކުރުމަށް ލުކާ ޖޮވިޗްގެ އިތުރުން ޓޯނީ ކްރޫސް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

ދެވަނަ ހާފު ފެށިގެންވެސް ރެއާލްގެ ސާބިއާ ފޯވާޑް ޖޮވިޗަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު، އޭގެފަހުން އޭނާ ގޯލެއް ކާމިޔާބުކުރި ނަމަވެސް ރެފްރީ ވަނީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދުމަށްފަހު އޮފްސައިޑް ކަމަށް ނިންމާފައެވެ. ނަމަވެސް، މި ހާފުގައި ކުޅެން ނިކުތް ބްރެޒިލްގެ އުމުރުން 18 އަހަރުގެ ރޮޑްރީގޯ ވަނީ މެޗު ނިމެން 14 މިނެޓަށްވެފައިވަނިކޮށް ރެއާލަށް ތިން ޕޮއިންޓް ކަށަވަރުކޮށްދީފައެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ރެއާލް މަޔޯކާ އަތުން ރަށުން ބޭރުގައި 2-0 އިން އެތުލެޓިކޯ މޮޅުވިއިރު، އެ ޓީމުގެ ސްޕެއިން ފޯވާޑް އަލްވާރޯ މޮރާޓާ އަށް ވަނީ ރަތް ކާޑު ދައްކާފައެވެ. މި މެޗުގައި އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ޕޯޗުގަލްގެ އުއްމީދީ ފޯވާޑް ޔާއޯ ފެލިކްސް އަދި ޑިއޭގޯ ކޮސްޓާ އެވެ. ގެޓަފޭއާ ދެކޮޅަށް އަމިއްލަ ދަނޑުގައި ވެލެންސިއާ ކުޅުނު މެޗު 3-3 އިން އެއްވަރުވެގެން ނިމުނުއިރު، ލެގަނޭސް ވަނީ 1-1 އިން އަމިއްލަ ދަނޑުގައި ބިލްބާއޯއާ އެއްވަރުކޮށްފައެވެ.

މި މުބާރާތުގައި މިރޭ ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި، ސެވިއްޔާއާ އެއިބާ ބައްދަލުކުރާ މެޗުގެ އިތުރުން އަލަވެސްއާ ދެކޮޅަށް ރެއާލް ސޮސިއެޑާޑް ކުޅޭ މެޗު ފާހަގަކޮށްލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.