އިނގިރޭސި ފުޓްބޯލް ލީގުކަޕްގައި ރޭ ކުޅުނު މެޗުތަކުން އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އާއި އާސެނަލް މޮޅުވިއިރު ޓޮޓެންހަމް ހޮޓްސްޕާ ބަލިވެ، އެ މުބާރާތުން ކަޓައިފިއެވެ.

ޕްރެސްޓަން ނޯތު އެންޑް އަތުން ރަށުން ބޭރުގައި 3-0 އިން ސިޓީ މޮޅުވިއިރު އާސެނަލް ވަނީ އަމިއްލަ ދަނޑުގައި ފަސޭހަކަމާއެކު ނޮޓިންހަމް ފޮރެސްޓް އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. ޓޮޓެންހަމް ވަނީ އިނގިރޭސި ހަތަރުވަނަ ޑިވިޝަނުގެ ކްލަބެއްކަމަށްވާ ކޮލްޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ލަނޑެއްނުޖެހި އެއްވަރުވުމުން، ޕެނަލްޓީ ޖަހައިގެން 4-3 އިން ބަލިވެފައެވެ.

ރޭގެ މެޗުގެ ސިޓީން ޖެހި ހުރިހާ ލަނޑެއްވެސް ފުރަތަމަ ހާފުގައި ފެނިގެންގޮސްފައިވާއިރު، އެ ޓީމުގެ ފުރަތަމަ ލަނޑު، 19 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އިނގިރޭސި ވިންގާ ރަހީމް ސްޓާލިން އެވެ. އޭގެފަހުން، މެޗުގެ 35 ވަނަ މިނެޓުގައި ސްޓާލިން ދިން ބޯޅައަކުން ގެބްރިއެލް ޖެސޫސް އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދީފައިވާއިރު، ސިޓީގެ ފަހު ގޯލަކީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ޕްރެސްޓަންގެ ރަޔާން ލެޑްސަން އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މި މެޗުގެ ދެވަނަ ހާފުގައި ޕްރެސްޓަންގެ ޖޯޝް ހަރޮޕް އާއި ސިޓީގެ ފިލް ފޯޑެން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ކޮންމެ މެޗަކީވެސް ވަރަށް މުހިއްމު މެޗެއްގެ ގޮތުގައި އެ ޓީމުން ނަގާނެ ކަމަށާއި، އަމާޒަކީ ކުޅޭ ކޮންމެ މެޗެއް ކާމިޔާބުކުރުން ކަމަށެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ކާމިޔާބުކުރެވުނީ އެންމެ ގޯލެކެވެ. މެޗުގެ 31 ވަނަ މިނެޓުގައި އެ ޓީމުގެ އިނގިރޭސި ފުލްބެކް ކެލުމް ޗެމްބާސް ނަގައިދިން ހުރަހަކުން މިލަނޑުޖަހައިދިނީ ބްރެޒިލްގެ ޒުވާން ކުޅުންތެރިޔާ ގެބްރިއެލް މަޓިނެއްލީ އެވެ. 

އެހެންނަމަވެސް، އާސެނަލުން ދެވަނަ ހާފުގައި އިތުރު ހަތަރު ގޯލް ކާމިޔާބުކުރިއިރު، އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އަނިޔާއަށްފަހު ކުޅުމަށް އެނބުރިއައި އިނގިރޭސި ޑިފެންޑަރު ރޮބް ހޯލްޑިންގެ އިތުރުން ކްރިސް ވިލޮކް އާއި ރީސް ނެލްސަން އަދި މި މެޗުގައި މޮޅު ކުޅުމެއް ދެއްކި 18 އަހަރުގެ މާޓިނެއްލީ އެވެ. މީގެއިތުރުން، އަނިޔާއަށްފަހު އާސެނަލްގެ ފުލްބެކުން ކަމަށްވާ ހެކްޓަ ބެލަރީން އާއި ކިއެރަން ޓީއާނީ ވެސް ވަނީ ރޭގެ މެޗުގައި ކުޅެފައެވެ.

ރޭގެ މެޗަށްފަހު ވާހަކަދައްކަމުން އާސެނަލްގެ ކޯޗު އުނައި އެމެރީ ބުނީ އަނިޔާއަށްފަހު އެނބުރިއައި ހޯލްޑިން އާއި ޓިއާނީ އަދި ބެލަރީންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައިވާކަމަށާއި، މިއީ ވަރަށް ރަނގަޅު ނަތީޖާއެއް ކަމަށެވެ.

ލީގު ކަޕްގައި ރޭ ކުޅުނު މެޗުތަކުގެ ތެރެއިން، އެންމެ ހައިރާންކުރަނިވި ނަތީޖާއެއް ނެރުނު ކޮލްޗެސްޓާ އަތުން ޕެނަލްޓީ ޖަހައިގެން ޓޮޓެންހަމް ބަލިވުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. ރޭގެ މެޗުގައި އެ ޓީމުން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން، ކްރިސްޓިއަން އެރިކްސަން އާއި ލޫކަސް މޯރާ ފޮނުވާލި ޕެނަލްޓީ ވައްދާނުލެވުނުއިރު، ޑެލޭ އަލީ އެރިކް ލަމެލާ އަދި ސޮން ހެއުން-މިން ވަނީ ޕެނަލްޓީ ކާމިޔާބުކޮށްފައެވެ. ކޮލްޗެސްޓާ އިން ފޮނުވާލި ފަސް ޕެނަލްޓީގެ ތެރެއިން ވައްދާނުލެވުނީ ޖިވާނި ބްރައުން އަށް އެކަންޏެވެ. ލޫކް ނޮރިސް އާއި ފްރޭންކް ނޮއުބަލްގެ އިތުރުން ޕެރިސް ކޮވާން ހޯލް އަދި ޓޮމް ލެޕްސީ ފޮނުވާލި ޕެނަލްޓީ ކާމިޔާބުކުރިއެވެ.

މި މުބާރާތުގެ ތިންވަނަ ބުރުގައި ރޭ ކުޅުނު ބައެއް މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ލުޓޮން ޓައުން އަތުން ރަށުން ބޭރުގައި 4-0 އިން ލެސްޓާ ސިޓީ މޮޅުވިއިރު، ޕޯޓްސްމައުތު އަތުން ސައުތެމްޓަން މޮޅުވީވެސް ހަމަ މިނަތީޖާއިންނެވެ. ސްވަންސީ ސިޓީ އަތުން އަމިއްލަ ދަނޑުގައި 2-1 އިން ވަޓްފޯޑް މޮޅުވިއިރު، އެވަޓަން ވަނީ 2-0 އިން ޝެފީލްޑް ވެނިސްޑޭ ބަލިކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.