ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަ ވަނަ ރައީސް، ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު އެމަނިކު ފާނުގެ ވެރިކަމުގެ ފުރަތަމަ އަހަރު، އ.ދ.ގެ އާންމު މަޖިލީހުގައި ތަޤްރީރު ކުރުމުގެ ފުރުސަތު ހަވަނަޔަށް ލިބުމަކީ އިއްތިފާގެއް ކަމުގައި ވެސް ފަހަރެއްގައި ވެދާނެ އެވެ. ނަމަވެސް އެނގޭ އެއްކަމަކީ  އެމެރިކާގެ ނިއުޔޯކުގައި މިހާރު ހިނގަމުން އެދާ އ.ދ. ގެ 74 ވަނަ ޢާންމު މަޖިލީހުގައި ރައީސް އިބްރާޙީމް މުޙައްމަދު ސޯލިޙަށް ތަޤްރީރު ކުރެއްވުމުގެ ފުރުސަތު ލިބިވަޑައި ގެންނެވީ، މީގެކުރިން ރާއްޖޭގެ ރައީސަކަށް ދުވަހަކު ވެސް އ.ދ.ގައި ތަޤްރީރު ކުރެއްވުމަށް ފުރުސަތު ނުދެއްވާހާ ކުރިން ކަމެވެ. އެހެންކަމުން މިއީ ދުނިޔޭގެ ބޮޑެތި ޤައުމުތަކާ އެއްހަމައެއްގައި އ.ދ.ގެ އާންމު މަޖިލީހުގެ ޖަލްސާއެއްގެ އެންމެ ކުރީކޮޅުގައި ރާއްޖެއަށް ބަސްބުނުމަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރު ވެސް މެ އެވެ. ހަމައެހެންމެ ރާއްޖޭގެ ރައީސަކު އ.ދ.ގެ އާންމު މަޖިލީހުގައި ތަޤުރީރު ނުކުރައްވާތާ ހަ އަހަރު ފަހުން ތަޤްރީރުކުރެއްވި ފުރަތަމަ ފަހަރު ވެސް މެ އެވެ.

އ.ދ. ގައި މެންބަރު 193 ޤައުމު އޮންނަ އިރު، އެމެރިކާ ފަދަ ދުނިޔޭގެ އެންމެ ނުފޫޒު ގަދަ ބޮޑެތި ޤައުމުތަކުގެ ރައީސުން ތަޤްރީރު ކުރެއްވި ދަންފަޅިން، ރާއްޖެ ފަދަ ކުޑަ ޤައުމެއްގެ ރައީސަކަށް ފުރުސަތު ދެއްވުމުން، ޔަގީން ވެގެން އެދިޔައީ އ.ދ. އާއި ބައިނަލް އަޤްވާމީ ދުނިޔެއިން ވެސް ރައީސް އިބްރާޙީމް މުޙައްމަދު ސޯލިޙުގެ ސަރުކާރަށް ކުރައްވާ އިތުބާރެވެ. އަދި އެ ސަރުކާރު ބަލައިގަންނަ މިންވަރެވެ. ފަހަރެއްގައި މިނޫން އެހެން ސިއްރެއް އޮތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ސިޔާސީ މާހިރުން ވިދާޅުވާ ގޮތުގައި ރައީސް ސޯލިހަށް އ.ދ.ގެ ޢާންމު މަޖިލީހުގައި ޤައުމުތަކުގެ ލީޑަރުން ތަޤުރީރުކުރައްވާ ތަރުތީބުގެ ހަ ވަނަ އަށް ފުރުސަތު ދެއްވި ދެއްވުން ރަމްޒުކޮށް ދެނީ އެއީ އ.ދ. އިން ދިވެހިންނަށް ދެއްވި ޝަރަފެއް ކަމުގަ އެވެ. 

މީގެކުރިން ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފަސް ވަނަ ރައީސް ގެ (ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް) ރައީސް ކަމުގެ ފަސް އަހަރު ނިންމާލީ އ.ދ.ގެ ތަޅުމުގައި ފައިންޕުޅު ވެސް ބީއްސާނުލައްވަ އެވެ. އެމަނިކުފާނު ގެންދެވީ، ޤައުމު ލޫޓުވައިގެން އަމިއްލަ ޖީބު ބޮޑުކުރަމުންނެވެ. ޤައުމުގެ ހުރިހާ ލީޑަރުން ހިފާ ހައްޔަރުކޮށް، ޤާނޫނު އަސާސީއާ ޤާނޫނުތައް ހިތުހުރި ގޮތަކަށް ބަދަލުކޮށް ރައްޔިތުންނަށް ބިރު ދައްކަމުންނެވެ. އ.ދ.އާ ބައިނަލްއަޤްވާމީ މުޖުތަމައު އަށް ގޮން ޖައްސަވަމުންނެވެ. 

އެހެންކަމުން ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ހަވަނަ ރައީސް ގެ ގޮތުގައި ރާއްޖޭގެ ރައީސަކު ހަ އަހަރަށް ފަހު، އ.ދ. ގެ 74 ވަނަ އާންމު ޖަލްސާ ގައި ހަވަނަ އަށް ވާހަކަ ދައްކަވަން ލިބިވަޑައިގެންނެވި ފުރުސަތުގެ ސަބަބުން އެމަނިކުފާނާ ހަޔަކާ އެތަށް ގޮތަކުން ވަނީ ގުޅިލާމެހިފަ އެވެ. އެންމެ ބޮޑަށް ހައިރާންވީ، ރާއްޖޭގެ އެހެން ރައީސަކަށް އ.ދ.ގެ އާންމު މަޖިލިސްގައި މިހާކުރިން ފުރުސަތު ނުދެއްވައި މިފަހަރު އެހާކުރިން ފުރުސަތު ދެއްވި އިރު ވެސް ހަވަނަޔަށް ފުރުސަތު ދެއްވި ދެއްވުމުންނެވެ!! އަނެއްކާ ހަޔަކަކީ ރައީސް ސޯލިހުގެ ނަސީބު ނަންބަރު ނޫން ބާވަ އެވެ؟ ނޫނީ އ.ދ.ގެ ސެކްރެޓަރީ ޖެނެރަލަށް، ރައީސް ސޯލިހަށް ހަޔެއް ދެއްވުމުން، މިހުރިހާ ހަޔެއް ގުޅިދާނެކަން އެނގިވަޑައިގެން ހަޔެއް ދެއްވީ ބާވަ އެވެ؟ 

މިސުވާލު ތަކަށް ޖަވާބު ނުލިބިގެން އުޅެނިކޮށް ރާއްޖޭގެ ސިޔާސީ ތަޖުރިބާކާރަކު ވިދާޅުވީ، ދެވަނަ ޖުމްހޫރިއްޔާގެ ހަވަނަ ރައީސް، ހަ އަހަރަށް ފަހު، ހަވަނަ އަށް އ.ދ. ގައި ތަޤްރީރު ކުރެއްވުމަށް ސެކްރެޓަރީ ޖެނެރަލް ފުރުސަތު ދެއްވީ، ހައްދުން ނައްޓާފައިވާ ވެރިއެއްގެ ކިބައިން ގައުމު މިންޖުކޮށް ދެއްވުމުގައި މުޅި ޤައުމު އެއްބައިވަންތަ ކުރުވައިގެން ކުރެއްވި މަސައްކަތް ފުޅަށް، ބަދަލެއްގެ ގޮތުގައި އ.ދ އިން ދެއްވި ޝަރަފެއް ކަމަށެވެ.

އެހެން ވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ސަބަބަކީ، މީގެކުރިން ރާއްޖެއަށް އ.ދ. ގެ އާންމު މަޖިލީހުގއި ތަޤްރީރު ކުރުމުގެ ފުރުސަތު ލިބެނީ ދުނިޔޭގެ ބޮޑެތި ހުރިހާ ޤައުމެއްގެ ވެރިން ތަޤްރީރުކޮށް ނިމޭ ފަހުން، އާންމު މަޖިލިހުގެ ވެސް ވަރަށް ފަހަތު ކޮޅުން ކަމަށްވާތީ އެވެ. އަދި އެލިބޭ ފުރުސަތު ލިބިފައި ވަނީ ވެސް ރޭގަނޑު ދަންވަރު އެވެ. 

އެމެރިކާގެ އިތުރުން އ.ދ.ގެ އެންމެ ނުފޫޒު ގަދަ ރަޝިޔާ، ޗައިނާ، އިނގިރޭސިވިލާތާއި ޖަރުމަނުވިލާތް އަދި ބިޔަބޮޑު އަވައްޓެރި އިންޑިޔާ ވެސް ފަހަތަށް ޖައްސާލުމަށް ފަހު މިފަހަރު ރައީސް ސޯލިހަށް އެލިބިވަޑައިގެންނެވި ޝަރަފް ދިވެހިން ބަލައިގަންނަނީ ފަޚުރުވެރި ކަމާއެކު ގަ އެވެ. 

ރައީސް އެވެ. މަނިކުފާނުގެ ސަރުކާރު މުޅިދުނިޔެއިން ވެސް މިހާރު ތިއޮތީ އިހްތިރާމާއެކު ބަލައިގެންފަ އެވެ. މުޅިދުނިޔެ މަނިކުފާނުގެ ފަހަތްޕުޅުގައި އޮތްއިރު މުޅި ޤައުމު ވެސް މިއޮތީ މަނުކުފާނަށް ހަމަ ހިތަކަށް ލިބިވަޑައިގެން ފަ އެވެ. ހުރިހާ ސިޔާސީ ލީޑަރުން އެތިއްބެވީ މަނިކުފާނުގެ ފަހަތްޕުޅުގަ އެވެ. އ.ދ. އާއި ބައިނަލްއަޤްވާމީ މުޖުތަމަޢު އިން މަނިކުފާނަށް އެދެއްވާ ހިތްވަރަކީ ލޫޓުވާފައިވާ ޤައުމެއް ރައްޔިތުން އެދޭ ގޮތަށް އަލުން އާރާސްތުކޮށް ދެއްވުމަށް ދެއްވި ހިތްވަރެކެވެ. އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނާޅުއްވާށެވެ. ސްޕީޑް ލަސް މި ޤައުމުގެ އިންޖީނު މެކުހަށް ޖައްސަވާށެވެ. ޤައުމު ލޫޓުވަން ލީޑަރުން ޖަލަށްލާފައި ރައްޔިތުންނަށް ބިރުދައްކައި ގެއަށް ވެއްދުމަށް ފަހު ބަދަލުކުރި ޤާނޫނު އަސާސީ އާއި ޤާނޫނުތައް އިސްލާޙު ކުރައްވާށެވެ. 

ވައުދުވެ ވަޑައިގެންނެވި ހެން ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށް ދެއްވާށެވެ. މަނިކުފާނު ވިދާޅުވިހެން ރައްޔިތުން ވެސް ބޭނުން ވަނީ ޤައުމުގެ އަސްލާ އެއްގޮތަށް ޖަޒީރާ ވަންތަ ގޮތަކަށް މުޅި ޤައުމު ތަރައްޤީ ކުރުވާށެވެ. ރައްޔިތުންގެ ޖީބަށް ޑޮލަރު ވަންނާހެން ގެސްޓް ހައުސް ވިޔަފާރި މުޅި ރާއްޖެ އަށް ފަތުރާލާށެވެ. ޤައުމުގެ މާލިއްޔާ އަށް އަތްބޭނި އެންމެން ހޯދައި އެވެރިންގެ އަތްކަނޑާށެވެ. ގޮތްނޭނގޭ މަރުތަކާއި ވީނުވީއެއްނޭނގި ގެއްލުވާލާފައިވާ އެންމެންގެ މައްސަލައިގެ ހަޤީގަތް ހޯދައި އެކަންކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެންނާށެވެ. ފަސާދަވެ ތަޣައްޔަރު ވެފައިވާ ފަނޑިޔާރުގެ ދޮވެ ސާފުކޮށް ދެއްވާށެވެ. ޤައުމުގެ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައިދީ އެވެރިންގެ ޖީބުތައް ފުރާލަ ދިނުމަށެވެ. މުއްސަނދީންނާއި ފަގީރުންގެ ފަރަގު ކުޑަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރި ފުޅާކޮށްލަދޭށެވެ.

ރައީސެވެ. މަނިކުފާނަށް އ.ދ އިން އެ ދެއްވީ ވެސް ހަމަ މިމެސެޖެވެ. ދެވަނަ ޖުމްހޫރިއްޔާގެ ހަވަނަ ރައީސަށްވީތީ ހަ އަހަރަށް ފަހު، ހަވަނަ އަށް އ.ދ.ގައި ތަޤްރީރު ކުރެއްވުމަށް އެ ދެއްވި ފުރުސަތުން އަންގައި ދެނީ މަނިކުފާނަކީ މިޤައުމުގެ ފުރަތަމަ ރައީސް ނަމަ އެ ބޭފުޅުން މަނިކުފާނަށް ދެއްވާނީ ފުރަތަމަ ފުރުސަތެވެ. ސަތޭކައަކުން ނަމަ ސަތޭކަ އެވެ. އެހާވެސް މަނިކުފާނުގެ ސަރުކާރާ މެދު އ.ދ. އާއި ބައިނަލްއަޤްވާމީ މުޖުތަމަޢުން ވެސް އިތުބާރު ކުރައްވަ އެވެ. މަނިކުފާނު ވެސް މި ހަޔެއްގެ ހަގީގަތް އޮޅުންފިލުވައި ދެއްވުމަށް ފަހު އަޅުގަނޑަށް އަންގަވާ ދެއްވާށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.