ޓެރަރިޒަމާއި ދީނީ ހަރުކަށިކަން ފެތުރުމުގައި އޮންލައިން ޕްލެޓްފޯމްތައް ބޭނުންކުރުން ހުއްޓުވަން ފިޔަވަޅު އެޅުމުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން ރައީސް އިބްރާހިމް މުޙައްމަދު ސޯލިޙް ދެއްވައިފި އެވެ.

އެމަނިކުފާނު މި ޔަޤީންކަން ދެއްވީ އ.ދ.ގެ 74 ވަނަ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވުމަށް އެމެރިކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، "ސްޓްރެޓީޖިކް ރެސްޕޮންސެސް ޓު ޓެރަރިސްޓް އެންޑް ވަޔަލެންޓް އެކްސްޓްރީމިޒަމް ލީޑަރޒް ޑައިލޮގް" ގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

މި ކޮންފަރެސްންގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހައްދުފަހަނައަޅާ ދިޔުމާއި ޓެރަރިޒަމް ހުއްޓުވުމުގައި ކުރިން ބޭނުން ކުރަމުން ގެންދިޔަ ފިޔަވަޅު ތަކުން މާ ބޮޑު ނަތީޖާއެއް ފެނިފައި ނުވާކަން ފާހަގަކުރައްވާފަ އެވެ. އަދި، އެ ފިޔަވަޅުތަކަކީ އިޖްތިމާޢީ އަދި ސިޔާސީ ކަންކަމުގެ ސަބަބުން ހައްދުފަހަނައަޅާ ދާންޖެހޭ ސަބަބުތަކަށް ރިޢާޔަތްކޮށް އަޅާފައިވާ ފިޔަވަޅުތަކެއް ނޫންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ނަސްލީ ތަފާތުކުރުމާއި، އަނިޔާވެރިކަމާއި ނަފްރަތު އުފެދޭ ފަދަ ވާހަކަތައް ދައްކާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށް ހުރިހާ ސަރުކާރުތަކަކަށް ގޮވާލައްވާފައެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ބައިނަލްއަޤްވާމީ މުޖުތަމަޢާއި، ޑިޖިޓަލް ޓެކްނޮލޮޖީގެ ޚާއްޞަ ކުންފުނިތަކާއި ގުޅިގެން އިންޓަނެޓްގެ ޒަރިއްޔާއިން ނަފުރަތާއި އަނިޔާވެރިކަމަށް ހިތްވަރު ދިނުން ހުއްޓުވުމަށް ރާއްޖޭގެ އެއްބާރުލުން ދެއްވާނެ ކަމުގަ އެވެ. އަދި، މިހާރު ވެސް މިގޮތަށް ޢަމަލުކުރަމުންދާ ޤައުމުތަކަށް ތަޢުރީފުކުރައްވައި، ރާއްޖެއިން ވެސް އަނިޔާވެރިކަމާއި، ހައްދުފަހަނައަޅައި ދިޔުމަށް މަގުފަހިވާ ޒާތުގެ ލިޔުންތަކާއި ޝާއިޢުކުރެވޭ އެފަދަ ތަކެތި ބޭނުން ނުކުރެވޭގޮތަށް ހެދުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން، މަރާލާފައިވާ ރާއްޖޭގެ ނޫސްވެރިޔާ އަޙްމަދު ރިޟްވާންގެ މަރުގެ ހާދިސާއަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހައްދުފަހަނައަޅާފައިވާ ހަރުކަށި ފިކުރުތައް ނުހުއްޓުވުމުން ކުރިމަތިވާ ނޭދެވޭ ކަންތައްތައް ރާއްޖެއަށް ވެސް ވަރަށް ގާތުން ތަޖުރިބާ ކުރެވިފައިވާ ކަމުގައި ވިދާޅުވެފަ އެވެ. އަދި މި ސަރުކާރުގެ އަމާޒަކީ އެފަދަ ހިތްދަތި ހިތާމަވެރިކަމެއް އެހެން ދިވެހި ޢާއިލާއެއް ތަޙައްމުލުކުރަން ނުޖެހޭވަރަށް ކަންކަން ކަށަވަރުކުރުން ކަމުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

މި ކޮންފަރެސްންގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއިން ޓެރަރިޒަމް ނައްތާލުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފަ އެވެ. މިގޮތުން، މިހާރު ޢަމަލުކުރަމުން ގެންދާ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު އިސްލާހު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، މި ބަދަލުތަކުގެ ސަބަބުން ޓެރަރިޒަމްގެ ޢަމަލުތައް ހުއްޓުވުމަށް އިތުރު ބާރެއް ލިބިގެންދާނެކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި، އެޤާނޫނަށް މި ބަދަލުތައް ގެނައުމުން ޤާނޫނު އަސާސީގައިވާ ގޮތުގެ މަތީން ކޮންމެ މީހެއްގެ ވެސް އެންމެ އަސާސީ ޙައްޤުކަމުގައިވާ މިނިވަންކަމުގެ ޙައްޤު ދެމެހެއްޓުމަށް އިތުރަށް ފަސޭހަވެގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

މިއަހަރުގެ ކުރީކޮޅު ކްރައިސްޓްޗަރޗްގައި ދިން ޓެރަރިސްޓް ހަމަލާއަށް ބިނާކޮށް ނަން ދެވިފައިވާ "ކްރައިސްޓްޗަރޗް ކޯލް" އަކީ ޓެކްނޮލޮޖީ ކުންފުނިތަކާއި ގުޅިގެން ދީނީ ގޮތުން ހައްދުފަހަނައަޅާ ދިޔުމަށް އެހީވެދޭ ފަދަ ލިޔުންތައް އޮންލައިންކޮށް ދައުރުވުން ހުއްޓުވުމަށް ސަރުކާރުތަކުން މަސައްކަތް ކުރުމަށް އެކުލަވާލާފައިވާ އެއްބަސްވުމެކެވެ.

ރައީސުލްޖުމްހޫރިއްޔާ އާއިއެކު ޖޯޑަންގެ ރަސްގެފާނާއި، ފްރާންސްގެ ރައީސާއި، ނިއުޒިލެންޑްގެ ބޮޑުވަޒީރާއި، އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް ވެސް މި ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.