މުސްލިމުންގެ އެންމެ މަތިވެރި އެއް ސިފައަކީ އަމާނާތްތެރިކަމެކެވެ. އަދި އިހްސާންތެެެރި ކަމެކެވެ. ދިވެހިންގެ ތެރެއިންވެސް މި ސިފަ ފެންނަ މީހުން ނިސްބަތުން ގިނައެވެ. އޭގެ ތެރެއިންވެސް އެބައެއްގެ އަމާނާތްތެރިކަމާއި، އިހްސާންތެރިކަން އެންމެ ބޮޑަށް ފެނިގެންދަނީ ޓެކްސީ ޑްރައިވަރުންގެ ކިބައިންނެވެ. އެމީހުންގެ ހިތްހެޔޮ ހިދުމަތުން އެތައް ބަަޔަކަށް ފަސޭހަކޮށްދީފައިވާއިރު، އަނެއްކާވެސް މިވަނީ ޓެކްސީ ޑްރައިވަރެއްގެ އަމާނަތްތެރިކަން ހާމަވެފައެވެ.

މި ފަހަރު ދައްކަން މިއުޅެނީ ޓެކްސީ ޑްރައިވަރެއް ކަމަށްވާ، މުހައްމަދު ޖަމީލްގެ ވާހަކެވެ. ފޭސްބުކްގައި ޒުވާން ދިވެހި އަންހެން ކުއްޖަކު ކޮށްފައިވާ ޕޯސްޓަކަށް ބަލައިލާނަމެވެ. އެ ފޯސްޓްގައިވާ ގޮތުން އޭނާ އާއި އޭނާ ރަށްޓެހިވެގެން އުޅޭ ކުއްޖާ ޓެކްސީއެއް ނެގީ ބޮޑުތަކުރުފާނު މަގުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ މެއިން ބްރާންޗް ކައިރިންނެވެ. އަދި ޓެކްސީއަށް އެރުމަށް ފަހު އެމީހުން އެދުނީ އިސްލާމިކް ބޭންކް ކައިރިއަށް ގެންގޮސްދިނުމަށެވެ. ދަތުރުގެ މަންޒިލަށް ވާސިލް ވެވުމުން ޓެކްސީއަށް ފައިސާ ދެއްކުމަށް ފަހު ޓެކްސީއިން ފޭބުނީ މޯބައިލް ފޯނު ޓެކްސީގެ ސީޓު މަތީގައި ބޭއްވުމަށް ފަހުއެވެ. އެކަން އެމީހުންނަށް ރޭކާލީ ޓެކްސީ ދިޔަތާ އެތައް އިރެއް ފަހުންނެވެ. މަގުމަތިން ނެގި ޓެކްސީއެއް ކަމުން، ޓެކްސީގެ ނަންބަރެއްވެސް އަދި އެއީ ކޮން ސެންޓަރެއްގެ ޓެކްސީއެއްކަމެއްވެސް އޭނާއަކަށް ނޭނގުނެވެ.

އެ އަންހެން ކުއްޖާ ބުނެފައިވާ ގޮތުން ފޯނު ހޯދުމަށްޓަކައި ފުލުހުންނަށްވެސް ރިޕޯޓް ކުރިއެވެ. ނަމަވެސް އެކަމުން އަލިމަގެއް ނުފެނުމުން ޓެކްސީ ސެންޓަރެއްގެ ކައިރިއަށް ގޮސް އެ ސެންޓަރުގެ އެހީގައި ހުރިހާ ޓެކްސީ ސެންޓަރުތަކަށް ގެއްލުނު ފޯނުގެ ވާހަކަ އެންގިއެވެ. އޭގެ އިރުކޮޅެއް ފަހުން އެމީހުން ދަތުރު ކުރި ޓެކްސީ ޑްރައިވަރު އެމީހުންނަށް ގުޅި ކަމަށާއި އަދި ފޯނު އެބައޮތް ކަމަށް ބުންޏެވެ. އެއިރު ޓެކްސީ ޑްރައިވަރު ހުރީ ހުޅުމާލޭގައި ކަމުން މާލެ އައުމަށް އިރުކޮޅެއް ނަގާނެ ކަމަށް ބުނެފައިވާ ކަމަށް އެ އަންހެން ކުއްޖާގެ ޕޯސްޓުގައި ބުނެފައިވެއެވެ.

އަދި ރޭ 9:45 ހާއިރު އެމީހުން އޭޑީކޭ ހޮސްޕިޓަލް ކައިރީގައި ހުއްޓާ ޓެކްސީ ޑްރައިވަރު އައިސް ފޯނު ރައްދުންކޮށްދިން ކަމަށް އަންހެން ކުއްޖާ ބުނެފައިވެއެވެ.  ޑްރައިވަރު ފޯނު ރައްދުކޮށްދިނުމުން ކިހާ ވަރެއްތޯ ދޭންވީ އެހުމުން ހިނިތުންވުމާއި އެކު ފެންނަ އެއްޗެއް ދިނުމުން އެންމެ ރަނގަޅު ކަމަށް ޑްރައިވަރު ބުނި ކަމަށް އަންހެން ކުއްޖާ ބުންޏެވެ. އަންހެން ކުއްޖާގެ ޕޯސްޓް ނިންމާލަމުން ވަނީ ފޯނު ރައްދުކޮށްދިން ޓެކްސީ ޑްރައިވަރަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.