މިއަދު މިވާހަކަ ދައްކަން ޖެހިއްޖެއެވެ. މި ވާހަކަތައް ދައްކަން މާ ލަސްވެސް ވެއްޖެއެވެ. މާލޭގައި އެންމެ ފަހުން ހިނގި އަލިފާނުގެ ބޮޑު ތިން ހާދިސާއަށް އަޅުގަނޑާއިއެކު ހިންގަވާށެވެ. ކޯސްޓްލައިން ގުދަނުގައި ރޯވެ، އެތަން އަނދާ އަޅިއަށް ވި ހާދިސާއާއި، ލީލީގެ ދެ ގުދަން ރޯވެ އަދާ ހުލިވި ހާދިސާގެ އިތުރުން އިހަށް ދުވަހު އަބަދަށްފެހި މަގުގައި ހިނގި އަލިފާނުގެ ހާދިސާއަށް ވިސްނާލަމާހެއްޔެވެ.

މިއިން ކޮންމެ ހާދިސާއަކަށް ވެސް ދިވެހި ހިތްވަރުގަދަ ސިފައިންނާއި ފުލުހުން ދިޔަ އެވެ. ރިޕޯޓު ލިބުމާއިއެކު ލިބެންހުރި ވަސީލަތެއް ހިފައިގެން ފުރާނަ އަތްމައްޗަށް ލައިގެން ނިކުމެ ލޮނު ޖަހާ އެ އަލިފާންގަނޑު ނިއްވާލަން މަސައްކަތް ކުރެއެވެ. ނަމަވެސް އާޚިރުގައި އެންމެ ފަހުން ޖެހެނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ވެހިކަލްތަކާއި ފަޔަރ އެންޑް ރެސްކިއުޓީމުގެ އެހީތެރިކަމަށް އެދޭށެވެ. 

އެއްވެސް ހާލެއްގައި ދިވެހި ސިފައިން މިކަންކަމަށް ނާގާބިލުކަމަށް އަޅުގަނޑު ނުބުނާނަމެވެ. ނަމަވެސް ގާބިލުކަން ދައްކަން އެ ސިފައިން އަތުގައި ހުރީ ކޮން ވަސީލަތެއްތޯ މިއަދު ސުވާލުކުރަން ވެއްޖެއެވެ. ދިވެހި ރައްޔިތަކަށް ދިމާވާ މި ފަދަ ކޮންމެ ކަމެއްގައި ފަސްޖެހުމެއްނެތި ދިވެހި ސިފައިންނާއި ފުލުހުން ނިކުންނައިރު އެ ހާލަތު ކޮންޓްރޯލު ކުރެވޭނެ ވަސީލަތް މުވައްސަސާތަކުގައި ނެތުމަކީ ހިތާމަހުރި ކަމެކެވެ.

ލިޔުން ފަށަމުން އަޅުގަނޑު ފާހަގަ ކުރި ތިން ހާދިސާގައި ވެސް ސިފައިން ނިކުމެ، ހިތްވަރު ކުރިއެވެ. ލިބިފައި ހުރި މަދު އަދި ބޯދާ ވަސީލަތްތަކުގެ އެހީގައި ވެސް އެންމެ ތަންފުކެއް ފަހަކަށް  ނުޖެހެ އެވެ. ނަމަވެސް ތިން ހާދިސާގައި ވެސް އަލިފާންގަނޑު ކޮންޓްރޯލު ކުރެވުނީ އެމްއޭސީއެލްގެ ވެހިކަލް އަދި ފަޔަރ ފައިޓިން ޓީމު ގެނެސްގެންނެވެ.

އެމްއޭސީއެލްގެ ވެހިކަލް ގެނައުމަކީ ކުރިން ފަސޭހަކަމަކަށް ނުވިޔަސް "ސިނަމާލެ ބްރިޖު" އެޅުމާއެކު މިހާރު އެއީ އުދަގޫކަމަކަށް ނުވެ އެވެ. އެންމެ ފަހުން މި ހިނގި އަލިފާނުގެ ހާދިސާއަށް ވެހިކަލް ގެނެސް އެޓެންޑް ވެވުނު އެންމެ ބޮޑު ސަބަބަކީ ސިނަމާލެ ބުރިޖެވެ.

ކޮންމެއަކަސް މިއަދު ދިވެހި ސަލާމަތީ ބާރުތަކުގެ އިސްވެރިން މިކަންކަމާއި ވިސްނަންވެއްޖެ އެވެ. މާލޭގައި 25 ބުރިއަށް އިމާރާތްތައް އަރަމުންދާއިރު، އެއިން އިމާރާތެއްގެ މަތީ ފަންގިފިލައެއްގައި ރޯވެއްޖެ ނަމަ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއުޓީމުގެ ވެހިކަލްތައް ބޭނުންކޮށްގެން އެ އަލިފާންގަނޑު ކޮންޓްރޯލު ކުރެވޭނެ ހެއްޔެވެ. ނޫނެކެވެ. އެއަށްވުރެ އެމްއެންޑީއެފްގައި ހުރި ވަސީލަތްތައް މާ ބަލިކައްޓެވެ. 


ސުވާލުކޮށްލަމާހެއްޔެވެ؟ މި މާލެއާއި ދޭތެރޭ ފުންކޮށް ވިސްނާލަމާހެއްޔެވެ؟ ގޯޅިތައް ހަނިވެގެން ގޮސް ކިިރިޔާ ކިރިޔާ މީހަކަށް ހިނގާލެވޭ ވަރުގެ ގޯޅިތަކުގައި 10 ނުވަތަ 12 ބުރީގެ އިމާރަތްތައް އެބަހުއްޓެވެ. އެއިން ގޯޅިއެއްގައި އެތައް ސަތޭކަ މީހުން އެބަ ދިރިއުޅެ އެވެ. އެފަދަ ތަނެއްގައި މިފަދަ އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެނަމަ ބޭނުންކުރަން ޖެހޭނެ ވަސީލަތައް ވެސް އެމްއެންޑީއެފްގައި ހުންނަން ޖެހެ އެވެ.

އަދި އެއްފަހަރާ މިވަރުގެ ދެ ހާދިސާއެއް ދިމާވިޔަސް އެތަނަކަށް ގެންދެވޭ ފެންވަރުގެ ފަހުގެ ރަނގަޅު ފަންވަރު ހުރި ވެހިކަލްތައް ހުންނަން އެބަޖެހެ އެވެ. ހަނދާން ނައްތާނުލާށެވެ. ސިމެންތި ބަސްތާ ބޮލަށް ވެއްޓި ކުޑަ ކުއްޖަކު ނިޔާވި ހާދިސާހެން މިކަން ވެސް ދުވަސްކޮޅަކުން ހަނދާން ނައްތާލަން ނަހަދާށެވެ. ފުރާނައެއް ގެއްލިއްޖެ އެވެ. އެތައް ސަތޭކަ މިލިއަން ރުފިޔާގެ ގެއްލުންތައް ވެއްޖެ އެވެ. އެތައް އާއިލާއެއް ބިކަވެއްޖެ އެވެ. ރިހޭ ފައިމައްޗަށް ފޮއި ވެއްޓި ހަތަރު އުދަރެސް ފެނު ޖެހިއްޖެ އެވެ.


އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގާ ކޮންމެ ފަހަރަކު އެމްއޭސީއެލްގެ ވަސީލަތަަކަށް ބަރޯސާނުވެ ދިވެހި ސިފައިންނަށް އެ އަލިފާންގަނޑު ކޮންޓްރޯޅު ކުރެވޭނެ ވަސީލަތްތައް ޤާއިމުކޮށްދޭން އެބަޖެހެ އެވެ. މިފަފަ ކޮންމެ ހާދިސާއެއްގައި އެމްއޭސީއެލްގެ ފަޔަރ އެންޑް ރެސްކިއު ޓީމުން އެމީހުންގެ ހިތްވަރު ދައްކާލަ އެވެ. ދިވެހި ސިފައިންނާއި ފުލުހުން އެދޭ ކޮންމެ އެހީތެރިކަމެއް ފޯރުކޮށްދެއެވެ. އެމްއޭސީއެލްގެ މުޅީ ޓީމަށް ޝުކުރު ޙައްޤެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *