އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި އާސެނަލް މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ބަލިވެއްޖެއެވެ.

ލިވަޕޫލުން ރަށުން ބޭރުގައި 2-1 އިން ވާދަވެރި ޗެލްސީ އަތުން ހޯދީ މޮޅާއެކު މި ފަހަރުގެ ލީގުގައި އެ ޓީމުގެ މޮޅުވުމުގެ ރެކޯޑް ދެމެހެއްޓިއިރު، ދިހަ މީހުންނާއެކު ކުޅުނު އާސެނަލް ވަނީ އަމިއްލަ ދަނޑުގައި 3-2 އިން އެސްޓަން ވިލާ ބަލިކޮށްފައެވެ. ޔުނައިޓެޑް ވަނީ ރަށުން ބޭރުގައި 2-0 އިން ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވެފައެވެ.

ރޭގެ ނަތީޖާއާއެކު، ލީގުގައި މިހާތަނަށް ކުޅުނު ހަ މެޗުން ސައްތައިގެ ރެކޯޑަކާއެކު ލިވަޕޫލުން 18 ޕޮއިންޓް ހަމަކޮށްފައިވާއިރު، އޭގެ ފަސް ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އެވެ. ތިންވަނައިގައި އޮތް ލެސްޓާ ސިޓީ އާއި ހަތަރުވަނައިގައި އޮތް އާސެނަލަށް ހަ މެޗުން 11 ޕޮއިންޓް ލިބިފައިވާއިރު، ލެސްޓާ އަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ. ރޭގެ މެޗުން ބަލިވި ޗެލްސީ ވަނީ އަށް ޕޮއިންޓާއެކު ތާވަލްގެ އެގާރަވަނައަށް ވެއްޓިފައެވެ.

ޗެލްސީގެ ސްޓެމްފަޑް ބްރިޖްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލުން ކާމިޔާބުކުރި ދެލަނޑާއެކު އެ ޓީމުން މި ހާފު ނިންމާލީ 2-0 އިން ކުރީގައިއޮވެގެންނެވެ. އެގޮތުން، މެޗުގެ 14 ވަނަ މިނެޓުގައި ލިބުނު ހިލޭޖެހުމަކުން ޓްރެންޓް އެލެގްޒެންޑާ އާނޯލްޑް ކާމިޔާބުކުރި ގޯލުން ލިވަޕޫލް ލީޑް ނަގާފައިވާއިރު، އޭގެފަހުން ޗެލްސީން އެއްވަރުކުރިނަމަވެސް، ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ވަނީ އެ ބޯޅަ ފޮނުވާލުމުގެ ކުރީން އެ ޓީމުގެ މޭސަން މައުންޓް އޮފްސައިޑް މަގާމެއްގައި ހުރުމުން އެ ގޯލް ގަބޫލެއްނުކުރިއެވެ.

ލިވަޕޫލްގެ ދެވަނަ ލަނޑު، މެޗުގެ 30 ވަނަ މިނެޓުގައި އެންޑްރޫ ރޮބަޓްސަން ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރީ ބްރެޒިލްގެ ފޯވާޑް ރޮބާޓޯ ފިރްމީނޯ އެވެ. އެކަމަކު، ޗެލްސީގެ ފްރާންސް މިޑްފީލްޑަރު އެންގޯލޯ ކާންޓޭގެ ގޯލުން ފަރަގު ކުޑަކޮށްދިންއިރު، އެ ޓީމުން އިތުރު ގޯލެއް ކާމިޔާބުކުރުމަށް ކުރި މަސައްކަތްތައް ލިވަޕޫލުން ވަނީ ހުއްޓުވާފައެވެ.

މި މެޗުން ހޯދީ މޮޅާ އެކު ލިވަޕޫލުން ވަނީ ލީގުގައި ޖެހިޖެހިގެން 15 މޮޅު ހަމަކޮށްފައެވެ. މީގެއިތުރުން، މި ސީޒަނުގައި ޗެލްސީ އަދި އަމިއްލަ ދަނޑުގައި މޮޅެއް ހޯދިފައިނުވާއިރު، އެ ޓީމު އެންމެ ފަހުން ލީގުގައި ލިވަޕޫލާ ދެކޮޅަށް ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވީ އެންމެ ފަހަރަކުއެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ހީކުރިގޮތާއި ހިލާފަށް ކުރީން ލީޑްނެގީވެސް އެސްޓަން ވިލާއިންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި އާސެނަލްގެ ކުޅުންތެރިން ނުވިސްނާ ތިއްބާ އަންވަރު އެލް ގާޒީ ދިން ރީތި ބޯޅައަކުން މިލަނޑުޖަހައިދިނީ ޖޯން މެކްގިން އެވެ. މި ހާފުގައި ނަތީޖާ ހަމަހަމަކުރުމަށް އާސެނަލް ކުރި މަސައްކަތްތަކަށް ހުރަސްއެޅުނީ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށްވެފައިވަނިކޮށް އެ ޓީމުގެ ފުލްބެކް އަންސްލީ މެޓްލަން-ނައިލްސް އަށް ދެވަނަ ރީނދޫ ކާޑަކާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ.

އެކަމަކު، މެޗުގެ 59 ވަނަ މިނެޓުގައި އާސެނަލްގެ މަޓެއޯ ގެންޑޫޒީ އަށް އެސްޓަން ވިލާގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކޮށް ނިކޮލަސް ޕެޕޭ ނަތީޖާ ހަމަހަމަކުރިއިރު، އޭގެ 90 ވަރަކަށް ސިކުންތު ފަހުން އެސްޓަން ވިލާގެ ފޯވާޑް ވެސްލީ ވަނީ އެ ޓީމަށް އަލުން ލީޑްނަގައިދީފައެވެ. އެހެންނަމަވެސް، މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި އާސެނަލްގެ ޑިފެންޑަރު ކެލުމް ޗެމްބާސް އާއި ގެބޯން ފޯވާޑް ޕިއޭރް-އެމެރިކް އޯބަމަޔަން ވައްދާލި ހިލޭޖެހުމަކުން އެ ޓީމުން ވަނީ ނަތީޖާ 3-2 އަށް ބަދަލުކޮށްލާފައެވެ.

ލީގުގައި ރޭ ކުޅުނު އަނެއް މެޗުގައި ޔުނައިޓެޑް ވަނީ 2-0 އިން ވެސްޓް ހޭމް އަތުން ބަލިވެފައެވެ. މި މެޗުގައި ވެސްޓްހޭމުން ކާމިޔާބުކުރި ލަނޑުތައް ޖަހައިދިނީ އެންޑީ ޔާމޮލެންކޯ އާއި އާރޮން ކްރެސްވެލް އެވެ. މީގެއިތުރުން، ކްރިސްޓަލް ޕެލަސްއާ ދެކޮޅާށް ވުލްވަހެމްޕްޓަން ވޮންޑަރާސް ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.