މިމަހުގެ 20 ވަނަ ދުވަހަކީ މުޅި ރާއްޖެއަށް ކަޅު ދުވަހެކެވެ. މާލޭގައި ދިރިއުޅެމުން އައި ރައްޔިތުންގެ ހިތްތައް ބިރުން ފިއްކަޑުވާލު ނާމާން ދުވަހެކެވެ. އިމާރާތަކަށް ފަހު އިމާރާތެއް އަނދާ އަޅިއަށްވި ހިތާމަވެރި ދުވަހެވެ. އެ ހިތާމަވެރި ހާދިސާގައި 562 މީހުން ހާލުގައި ޖެހިފައިވާއިރު އެކަކު ވަނީ މި ދުނިޔެއާއި އަބަދުގެ އަބަދަށް އަލްވަދާޢު ކިޔާފައެވެ. އެންމެންގެ ލޯބި ލިބިފައިވާ ޤުރުޢާން މުދައްރިސް، އައިޝަތު ޝައުނާ، 46ގެ މަރާއި އެކު މުޅި ޤައުމު ރޮއްވާލިއެވެ.
ޝައުނާއަކީ ދެ ކުދިންގެ މަންމައެވެ. އޭނާއަކީ ކީރިތި ޤުރުއާން ކިޔަވައިދިނުމުގެ ރޮނގުން ޑީގްރީ ހާސިލް ކޮށްފައިވާ ކަނބަލެކެވެ. ޝައުނާ ނިޔާވެފައި އޮއްވާ ފެނުނީ އަލިފާނުގެ ހާދިސާގައި އަނދާ އަޅިއަށްވި ގެއެއްގެ ތެރެއިންނެވެ. އެއިރު ޝައުނާގެ ހަށިގަނޑުވަނީ ކާކުކަން ވަކިކުރަން ނޭނގޭ ވަރަށް ފިހިފައެވެ
ކޮޅުމަޑުލު ބުރުންޏަށް އުފަން ޝައުނާގެ މަރާއި އެކު އެތައް ބަޔަށް ފުން ހިތާމައެއް ލިބުނެވެ. އެ ހިތާމައިގައި މުޅި ޤައުމު ހަމަހިމޭންވި އިރު، އަދިވެސް އެ ހަނދާންތައް ވަނީ އެތައް ދިވެހިންނެއްގެ ހިތުގައި ބިންވަޅު ނެގިފައެވެ. އެކަން މިފަހަރު ހާމަކޮށްދިނީ އުމުރުން 13 އަހަރުގެ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ.
އަޑުއިވުމުންނާއި، ވާހަކަދެއްކުމުން މަހްރޫމްވެފައިވާ މާޒިލް މަމްދޫހް ކުރަހާފައިވާ ޝައުނާގެ ތަސްވީރެއް މީސްމީޑިޔާގައި ވައިރަލްވެފައިވާއިރު، އެ މަންޒަރަށް އެތައް ބައެއްގެ ލޯބި ދަނީ ލިބެމުންނެވެ. އެ މަންޒަރު ބަލާފައި އެތައް ބައެއްގެ ލޮލުން ކަރުނަވެސް ފާއްދާލިއެވެ. މާޒިލްގެ އެ ކުރެހުމުން އަލިފާން ރޯވެފައިވާ ގެއާއި، ޝައުނާގެ މަހާނައިގެ އިތުރުން ޝައުނާގެ ފޮޓޯއެއް ކުރަހާފައިވެއެވެ.
މާޒިލްގެ އެ ފޮޓޯއިން އެ ކިޔާދެނީ އެތައް ވާހަކައެކެވެ. އަލިފާނުގެ ހާދިސާގައި މި ދުނިޔެ ދޫކުރި ޝައުނާއަށް އޭނާގެ ހިތުގައި އޮތް ލޯތްބެވެ.
ޝައުނާއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށި. އާމީން!