މާލޭގައި ވެހިކަލް އެތެރެ ކުރާ މިންވަރު ކޮންޓްރޯލް ކުރުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްލޭނިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ، މާލޭގައި މީހުންނާއި އެއްވަރަށް ވެހިކަލްތައްވެސް އޮތީ ތޮށްޖެހިފައި ކަމަށާއި، ކޮންމެ އާއިލާއެއްގައި މަދުވެގެން ތިން ސައިކަލު ހުންނަ ކަށެވެ.
"ކޮންމެ އާއިލާއަަކަށް ތިން ސައިކަލު އެބަ ހުރޭ، ވިޔަފާރި ކުރާ ފަރާތްތަކުން ވިޔަފާރި އުސޫލުން ސައިކަލު އެބަ ވިއްކާ، ގަންނަން މީހުން އެބަ ގަނޭ، ހަމަގައިމުވެސް ގިނަ ބަޔަކު އުޅުއްވާނީ ސައިކަލުގައި، އަނބިކަނބަލުން ނުވަތަ ފިރިކަލުންގެވެސް ހުންނާނެ ސައިކަލެއް، 18 އަހަރު ފުރިފައިވާވެއްޖެޔާ އެ ކުއްޖާގެވެސް ހުންނާނެ ސައިކަލެއް". އަސްލަމް ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، މާލެއަށް އިމްޕޯޓް ކުރެވޭ ސައިކަލުތަކާއި، ވެހިކަލްތައް ކޮންޓްރޯލް ކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާއި ބެހޭ ގޮތުން ދަތުރުފަތުރާ ބެހޭ މިނިސްޓްރީން މަޝްވަރާ ކުރައްވަމުން އަންނަ ކަމަށެވެ.
"މާލެއަށް ސީދާ އިމްޕޯޓް ކުރެވޭ، ރެޖިސްޓްރީ ކުރެވޭ ސައިކަލާއި، ވެހިކަލްތައް ކޮންޓްރޯލް ކުރުމަށް އެޅޭނީ ކޮން ފިޔަވަޅުތަކެއްތޯ، އެ މަސައްކަތް އެބަކުރައްވާ، އޭގެ ތަފްސީލަކަށް އަޅުގަނޑުދާކަށް ނެތިން، އެއީކީ ނެސެސަރްލީ ރާއްޖެެއަށް އެއްޗެހި އެތެރެ ކުރުން މަނާ ކުރުމެއް ނޫން"، މިނިސްޓަރ އަސްލަމް ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ އަސްލަމް ވިދާޅުވީ، މާލޭގެ މަގުތައް ހުސްކުރެވޭތޯ ސަރުކާރުން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ބައެއް މަގުތަކަކީ ހުސް ކުރެވޭނެ މަގުތައް ކަމަށެވެ.