އަހަންނަަކީ ކިޔެވުމުގައި މޮޅު ދަރިވަރަކީމެވެ. ކްލާހުގެ އެންމެ މަތީ މާކްސް ކޮންމެ ފަހަރަކުވެސް ލިބެނީ އަހަންނަށެވެ. މިކަމުގެ ސަބަބުން އަހަންނަށް އެތައް ބައެއްގެ ލޯތްބާއި އިހްތިރާމު ލިބެއެވެ. ރަށުގެ ކުދިބޮޑު އެންމެން ޤަދަރުކުރާ ސަހުސިއްޔަތަކަށް އަހަރެން ވެއްޖެއެވެ. އެއިރު އަހަރެންގެ ކާމިޔާބީ އާއި މެދު ހަސަދަވެރިވާނެ މީހަކު ކުރެދާނެ ކަމަކަށް އަހަރެން ކުޑަކޮށްވެސް ހީނުކުރަމެވެ. އަދި އެ މީހަކީ އަހަރެންގެ އާއިލާގެ މެންބަރަކަށް ވެދާނެ ކަމަށް ކުޑަކޮށްވެސް އުންމީދެއް ނުކުރަމެވެ. އެއީ އާއިލާގެ މެންބަރަކު އެފަދަ ބޮޑު ލަނޑެއް އަހަރެންނަށް ދޭނެ ކަމަށް ހުދު އަހަރެންގެ ޒަމީރުވެސް ޤަބޫލު ނުކުރާތީއެވެ. ނަމަވެސް މާޒީގެ ކަޅު ސަފުހާތައް ކިޔާދެނީ މި ހިތި ހަޤީޤަތެވެ.

އެއީ އަހަރެން ސްކޫލުގައި އުޅުން ދުވަސްވަރެވެ. ސާނަވީ ދައުރުގެ އެންމެ ފަހުގެ މަރުހަލާ އަހަރެން ކަނޑައްތުކުރަމުން ދިޔައީ އުފަލާއ ހިތްހަމަ ޖެހުމާއި އެކުގައެވެ. ދިހަ އަހަރު ދުވަހު ކުރި ބުރަ މަސައްކަތުން ފޮނި ނަތީޖާއެއް ހޯދުމަށެވެ. ދިހަ އަހަރު ކުރިން އަހަރެން އިންދި ތައުލީމީ އޮށުން ގަސް ފަޅާ އެ ގަހުގައި އަޅާ މޭވާއަކީ ފޮނިރަހަދޭ މޭވާހައަކަށް ހެދުމަށެވެ. މި އަޒުމުގައި، މި އުންމީދުގައި އަހަރެން ކިޔެވުމާއިގެން މަސްއޫލުވެ އުޅުނީމެވެ. ނަމަވެސް އަހަރެން ދެކެމުން އައި ފޮނި އުންމީދުތައް ވެއްޔާއި މޮޑެވި ދިޔައީ އޯލެވެލް އިމްތިހާނު ފެށެން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށެވެ. ސިއްހީ ހާލަތު ތަން ނުދިނުމުން އަހަންނަށް އެ އިމްތިހާނުގައި ބައިވެރި ނުވެވުނެވެ. އަހަންނަށް ކުރިމަތިވީ އާދައިގެ ސިއްހީ ބަލިމަޑުކަމެއް ނޫނެވެ.

މީގެ ކުރިން އަހަންނަށް ބަލިތައް ޖެހުން ވަރަށް ދުރެވެ. ރަށުގައި ރޯގާއެއް އުޅުނަސް ނުވަތަ އެހެން ބަލިމަޑުކަމެއް އުޅުނަސް މާތް ﷲގެ އިރާދަފުޅުން އަހަރެން ކޮންމެ ފަހަރަކުވެސް ސަލާމަތްވެއެވެ. ނަމަވެސް އޯލެވެލް އިމްތިހާނާއި ދިމާކޮށް، އަހަރެންގެ މުޅި ގައިން ވާގި ދޫވިއެވެ. ދޫ ކަސްތޮޅު އެޅުނެވެ. މުޅި މީހާ ޤަބުވިއެވެ. އެތައް ސިއްހީ މާހިރުންނަކަށް އަހަރެން ދެއްކުނެވެ. ނަމަވެސް އެންމެންވެސް ދެނީ އެއް ޖަވާބެކެވެ. އެއީ ސިއްހީ އެއްވެސް މައްސަލައެއް ނޫޅޭ ކަމަށެވެ. ޑޮކްޓަރުން އެހެން ބުންޏެއް ކަމަކު ފެންނަ ފެނުމަށްވެސް އަހަރެންގެ ސިއްހީ ހާލަތު ކޮންމެ މީހަކަށްވެސް ފެންނާނެއެވެ. ރާއްޖެއިން ކުރެވެން ހުރި ހުރިހާ ފަރުވާއެއް ކުރުމަށް ފަހު ރާއްޖެއިން ބޭރުންވެސް އަހަރެން ފަރުވާ ހޯދީމެވެ. ނަމަވެސް އެކަންވެސްވީ "ފޫނެއް ފަޔަށް ފެންފުރުން" ކަހަލަ ކަމަށެވެ. ދުވަހަކަށް ފަހު ދުވަހެއް އަހަރެންގެ ހާލަތު ދިޔައީ ދަށްވަމުންނެވެ.

މިގޮތުގައި މަސްތަކެއް ހޭދަކުރުމަށް ފަހު އަހަރެންގެ އާއިލާ މީހުންގެ ލަފާ ދިނީ އަހަރެންގެ ބަލިމަޑުކަމަކީ ރޫހާނީ ކަމެއްގެ ސަބަބުން ކުރިމަތިވެގެން އުޅޭ ކަމެއް ކަމުގައެވެ. އެހެންކަމުން އާއިލާއިން، އިތުބާރު ހިފޭ ޜުޤްޔާކުރާ މީހަކު ގެނެސް އަހަންނަށް ފަރުވާ ދޭން ފެށިއެވެ. ޤަވައިދުން ހަފްތާއެއް ވަންދެން އަހަންނަށް ފަރުވާ ދިނެވެ. އެއަށް ފަހު ޖެހިގެން އައި ހަފްތާގެ ހޯމަ ވިލޭރޭ ބޮޑު ކިޔެވެއްޔަކަށް އޭނާ ތައްޔާރުވިއެވެ. ފަރިތަކޮށް ޤުރުޢާން ކިޔަވަން އެނގޭ ބިރުކުޑަ ދެތިން ފިރިހެނުންނާއި އެކު އެރޭ 20:00 ޖެހީއިރު ފަރުވާ ފެށިއެވެ. އިރުކޮޅަކު އޭނާ ކިޔެވި އެއްޗެއް ކިޔާފައި ދަނޑިކޮޅަކުން އަހަރެންގެ ބަނޑުގައި ޖެއްސިއެވެ. އަދި އަހަންނާއި ސުވާލު ކުރިއެވެ.

"ކަލެއަށް ސިހުރު ހެދީ ކާކު؟ ކީއްވެ ސިހުރި ހެދީ؟" ރުޤްޔާކުރާ މީހާގެ ހަރު އަޑުން އަހަންނާއި ތަކުރާރުކޮށް ސުވާލު ކުރަމުން ދިޔައެވެ. އެއިރު އަހަރެންގެ އެއްވެސް އިހްތިޔާރަކާއި ނުލައި އަހަރެންގެ އަގައިން ބަސްތައް ބޭރުވަމުން ދިޔައެވެ.  "ދޮން،،، ދޮންތަަ...... "ގްރޭޑް މަތިވާތީ ހެހެ" އަހަންނަށް ބުނެވުނެވެ. އެހާ ހިސާބުން އަހަރެންގެ ހޭވެރިކަން ގެއްލުނެވެ.

އަހަންނަށް ހޭވެރިކަންވީއިރު އަހަރެންގެ ކައިރީގައި އާއިލާގެ އެންމެން ތިއްބެވެ. އާއިލާގެ މީހުން ބުނި ގޮތުން ރުޤްޔާކުރާ މީހާ ވަނީ ސިހްރު ހަދާފައި ހުރި ތަންވެސް ހޯދާފައެވެ. ސިހުރު ހަދާފައިވަނީ އަހަރެންގެ ސްކޫލު ބޫޓަށެވެ. މިއީ އަހަރެންގެ ކުރިމަގަށް ހުރަސް އެޅުމަށް ދޮންތަ އިސްވެހުރެ ހެދި ސިހުރެކެވެ. 

އެ ހާދިސާއަށް މިއަދު އެތަކެއް އަހަރެއް ވީއެވެ. މިއަދު އަހަރެން މިހުރީ ގަދަވެ ސަލާމަތުންނެވެ. މާތްﷲ އިރާދަފުޅާއި އެކު މިއަދު އަހަންނަކީ މާސްޓާސް އާއި ހަމައަށް ކިޔަވައިގެން ހުރި ސަރުކާރުގެ މަތީ މަޤާމެއްގައި އުޅެމުން އަންނަ ޒިންމާދާރު މަންމައަކީމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *