އިޓާލިއަން ސެރިއޭގައި މިލާން އަށް ނިސްބަތްވާ ދެ ކްލަބުގެ މެދުގައި ރޭ ކުޅެވުނު ފޯރިގަދަ ޑާބީ މެޗުުން އޭސީ މިލާންގެ މައްޗަށް 2-0 ގެ ނަތީޖާއަކުން އިންޓަ މިލާން ކުރިހޯދައިފިއެވެ.

ރޭގެ ނަތީޖާއާއެކު، އިންޓަ ވަނީ ލީގުގައި އެ ޓީމުން ދަމަހައްޓަމުން އަންނަ ސައްތައިގެ ރެކޯޑާއެކު އެއްވަނަ މަގާމު ދިފާއުކޮށްފައެވެ. އެ ޓީމުން މިހާތަނަށް ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ހަމަކޮށްފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން ޔުވެންޓަސް އެވެ.

ސެން ސީރޯގައި ރޭ ކުޅުނު މެޗު ފަށައިގެން އިންޓަ އިން ރަނގަޅު ކުޅުމެއް ދައްކަމުން ދިޔައިރު، މި މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. މި މެޗު ފެށިގެން މިލާނަށް ލީޑްނަގައިދިނުމަށް އެ ޓީމުގެ ޕޯލެންޑް ފޯވާޑް ކްރިސްޓޮފް ޕިއޮންޓެކް އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ އިންޓަގެ ކީޕަރު ސާމިރް ހެންޑަނޮވިޗް މަތަކުރިއިރު، އޭގެފަހުން އިންޓަގެ ޑިއެގޯ ގޮޑިންގެ އިތުރުން ރޮމެލޫ ލުކާކޫ އާއި ލޮޓާރޯ މާޓިނޭޒް ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ މިލާންގެ ކީޕަރު ޖިއަންލުއިޖީ ޑޮނަރުއްމާ އެވެ. މި ހާފުގައި ލަނޑުޖެހުމަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި އިންޓަގެ ޑަނީލޯ ޑިއަމްބްރޯސިއޯ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.

ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރު ވަނަ މިނިޓްގައި އިންޓަގެ ފުރަތަމަ ލަނޑު، ސްޓެފާނޯ ސެންސީ ނަގައިދިން ހިލޭޖެހުމަކުން ލިބުނު ބޯޅައަކުން މާސެލޯ ބްރޮޒޯވިޗް ކާމިޔާބުކޮށްދިންއިރު، މިއީ ގޯލެއްކަން ޔަގީންކުރުމަށް ރެފްރީ ވަނީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް)ގެ އެހީ ހޯދާފައެވެ. މި މެޗުން އިންޓަ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު، މެޗުގެ 88 ވަނަ މިނެޓުގައި ޖަހައިދިނީ ބެލްޖިއަމްގެ ފޯވާޑް ލުކާކޫ އެވެ. މިއީ ލީގުގައި އޭނާ ޖެހި ތިންވަނަ ގޯލެވެ. މީގެއިތުރުން، މި ގޯލާއެކު އޭނާ ވެފައިވަނީ 1914 ވަނަ އަހަރުގެ ފަހުން މިލާން ޑާބީގައި ލަނޑުޖެހި ބެލްޖިއަމްގެ ފުރަތަމަ ކުޅުންތެރިޔާ އަށެވެ.

ލީގުގައި ރޭ ޔުވެންޓަސްގެ ދަނޑުގައި ހެލަސް ވެރޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެރޯނާ އެވެ. މެޗުގެ 20 ވަނަ މިނެޓުގައި މިލަނޑުޖަހައިދިނީ މިގުއެލް ވެލޯސޯ އެވެ. އޭގެކުރީން، ޔުވެންޓަސްގެ ޑިފެންޑަރު މެރިހް ޑެމިރާލް، ވެރޯނާގެ ސެމުއެލް ޑި ކާމިން އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ ކާމިޔާބުކުރެވޭގޮތެއްނުވިއެވެ. އެ ޓީމުގެ ޑި ކާމިން ފޮނުވާލި ބޯޅަ ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވެފައިވާއިރު، ރީބައުންޑްގައި އެ ޓީމުގެ ޑާކޯ ލަޒޮވިޗް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. ޔުވެންޓަސް އަށް އެއްވަރުކޮށްދިނީ މެޗުގެ 31 ވަނަ މިނެޓުގައި ވޭލްސްގެ އިތުބާރު މިޑްފީލްޑަރު އާރޮން ރަމްސޭ އެވެ. އެ ޓީމު މޮޅުކޮށްދިން ލަނޑު، ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރުވަނަ މިނެޓުގައި ޖަހައިދިނީ ލިބުނު ޕެނަލްޓީ އަކުން ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

މި މުބާރާތުގައި މިއަދު ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ތެރޭގައި، ލެއްޗެއާ ދެކޮޅަށް ނަޕޯލީ ނިކުންނަ މެޗުގެ އިތުރުން އޭއެސް ރޯމާއާ ބޮލޯނިއާ ބައްދަލުކުރާ މެޗު ހިމެނެއެވެ. މި ދެ މެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން 18:00 ގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.