ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި އެންމެފަހުގެ ޗެމްޕިއަން ބާސެލޯނާ ސިއްސުވާލުމަށްފަހު މި ފަހަރު ޕްރޮމޯޓުވި ގްރަނާޑާ އިން ތާވަލްގެ އެއްވަނަ އަށް ޖެހިލައިފިއެވެ. މި މެޗުން ގްރަނާޑާ މޮޅުވީ 2-0 އިންނެވެ.

ރޭގެ މެޗާއެކު ބާސެލޯނާ އަށް ރަށުން ބޭރުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުންވެސް މޮޅެއް ހޯދިފައެއްނުވެއެވެ.

މި ނަތީޖާއާއެކު، މިހާތަނަށް ކުޅުނު ފަސް މެޗުން 10 ޕޮއިންޓް ހަމަކޮށްގެން ގްރަނާޑާ އެއްވަނައިގައި އޮތްއިރު، ސެވިއްޔާގެ އިތުރުން އެތުލެޓިކޯ މެޑްރިޑަށްވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ގްރަނާޑާ އަށް ކުރިލިބެނީ ގޯލްގެ ތަފާތުންނެވެ. ރޭގެ މެޗުން ބަލިވި ބާސެލޯނާ އޮތީ ހަތް ޕޮއިންޓާއެކު ލީގުގެ ހަތްވަނައިގައެވެ. މިއީ ވޭތުވެދިޔަ 25 އަހަރުގެ ތެރޭގައި އެ ޓީމުން ނެރެފައިވާ އެންމެ ދަށް ނަތީޖާއެވެ.

ބާސެލޯނާ އިން ރޭގެ މެޗަށް ނިކުތީ، އެންމެ ފަހުން ޔުއެފާ ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމަންޑްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައަށް ހަތަރު ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެ މެޗުގައި ލިބުނު އަނިޔާއެއްގެ ސަބަބުން ބަދަލުކުރި ސްޕެއިނުގެ ފުލްބެކް ޖޯޑީ އަލްބާގެ އިތުރުން ސާޖިއޯ ބުސްކެޓްސް އާއި ބްރެޒިލްގެ މިޑްފީލްޑަރު އާތުރް މެލޯ އަދި ޒުވާން ކުޅުންތެރިޔާ އަންސޫ ފާޓީ، މި މެޗުގެ ފުރަތަމަ އެގާރައިގައި ހިމަނާފައެއްނުވެއެވެ.

ގްރަނާޑާގެ ނުއެވޯ ލޮސް ކާރްމެނޭސް ސްޓޭޑިއަމްގައި ރޭ ކުޅުނު މި މެޗު ފެށިގެން ދެވަނަ މިނެޓުގައި ރާމޯން އަޒީޒް ބޮލުން ވައްދާލި ލަނޑާއެކު އެ ޓީމުން ލީޑްނެގިއެވެ. އޭގެފަހުން، އެ ޓީމުގެ އެންޓޯނިއޯ ޕުއެރްޓާސް އާއި ޖާމަން ސަންޗޭޒް އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތްނުވިއިރު، ފުރަތަމަ ހާފުގައި ބާސެލޯނާ އަށް ގްރަނާޑާގެ ގޯލަށް އަމާޒުކޮށް އެންމެ ހަމަލާއެއްވެސް ފޮނުވާލެވިފައެއްނުވެއެވެ.

ދެވަނަ ހާފަށް ބާސެލޯނާ އިން ނިކުތީ ދެ ބަދަލާއެކުއެވެ. އެގޮތުން، އެ ޓީމުގެ ކޯޗު އާނެސްޓޯ ވަލްވާޑޭ ވަނީ ކެޕްޓަން ލިއޮނަލް މެސީ އާއި ފާޓީ ކުޅެން ނެރެފައެވެ. މި ދެ ކުޅުންތެރިން ކުޅެން ނިކުތްނަމަވެސް ބާސެލޯނާ އަށް އެކަށީގެންވާ ކުޅުމެއް ދެއްކިފައިނުވާއިރު، ގްރަނާޑާ އިން މި މެޗުގައި ކާމިޔާބުކުރި ދެވަނަ ލަނޑު، 66 ވަނަ މިނެޓުގައި ޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން އަލްވާރޯ ވަޑީލޯ އެވެ. މިއީ ބާސެލޯނާގެ އާޓުރޯ ވިޑާލްގެ އަތުގައި ބޯޅައިން ޖެހުމުން ވީއޭއާރްގެ އެހީ ހޯދުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.

އޭގެފަހުން، ގްރަނާޑާގެ ލީޑް ފުޅާކުރުމަށް ޕުއެރްޓާސް ފޮނުވާލި ބޯޅައެއް ބާސެލޯނާގެ ގޯލްކީޕަރު މާކް އަންދްރެ ޓަ ސްޓެގަން މަތަކުރިއިރު، މެޗު ނިމެން އަށް މިނެޓަށްވެފައިވަނިކޮށް މެސީ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ގްރަނާޑާގެ ކީޕަރު ރުއީ ސިލްވާ އެވެ.

މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ސެލްޓާ ވިގޯއާ ދެކޮޅަށް އަމިއްލަ ދަނޑުގައި އެތުލެޓިކޯ ލަނޑެއްނުޖެހި އެއްވަރުވިއިރު، ލެވާންޓޭގެ ދަނޑުގައި އެއިބާއާ ދެކޮޅަށް ކުޅުނު މެޗުވެސް ނިމުނީ ހަމަ މިނަތީޖާއިންނެވެ. މީގެއިތުރުން، އޮސަސޫނާއާ ރެއާލް ބެޓިސް ކުޅުނު މެޗުވެސް ދެ ޓީމަށް ލަނޑެއްނުޖެހި އެއްވަރުވެފައިވާއިރު، ވިޔާރެއާލް ވަނީ 2-0 އިން ރެއާލް ވަޔަޑޮލިޑް ބަލިކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.