ކުޅިވަރު
ރިސޯޓް ލީގު 2024: ​ސާހިލްގެ ހެޓްރިކާއެކު ހުވަފެންފުށި ގްރޫޕުގެ އެއްވަނައަށް

އިތުރު ވަގުތުގެ ފަހު މިނެޓުގައި އަބްދުﷲ ސާހިލް ކާމިޔާބުކޮށްދިން ލަނޑާއެކު ވަރު ބައި އެޓްމޮސްފެއާ ބަލިކޮށް ގްރޫޕް ބީގެ އެއްވަނަ މަގާމު ހުވަފެންފުއްޓަށް ލިބިއްޖެ އެވެ.

ރިސޯޓު ލީގު ނޯތު މާލޭ ޒޯނުގެ މިއަދުގެ ދެވަނަ މެޗު ހުވަފެންފުށިން ކާމިޔާބުކުރީ ފަހަތުން އަރާ 3-4 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ވަރުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ އިދިކޮޅު ގޯލަށް ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. އެގޮތުން އެޓީމުން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލުގެ ލީޑެއް ނަގާފަ އެވެ.

މި ލަނޑުތައް ކާމިޔާބުކޮށްދިނީ 12 ވަނަ މިނެޓާއި 16 ވަނަ މިނެޓުގައި ހައްޔާން ޝަރީފެވެ. ހައްޔާން ވަނީ ދެވަނަ ހާފުގެ 39 ވަނަ މިނެޓުގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ.

ދެވަނަ ހާފު ފަށައިގެން ހުވަފެންފުށިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް ވަރުގެ ގޯލަށް ނުރައްކާތެރި ދެ ހަމަލާއެއް އަމާޒުކޮށްފަ އެވެ. ނަމަވެސް މި ހަމަލާތަކުގެ ހުރަހަކަށްވީ ފުރަތަމަ ހާފުގައިވެސް މޮޅު ކުޅުމެއް ދެއްކި ވަރުގެ ކީޕަރު އަހުމަދު މިމްރާހެވެ. 

ހުވަފެންފުއްޓަށް އުންމީދެއް ލިބިގެންދިޔައީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ސާހިލް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިގޯލަށްފަހު 34 ވަނަ މިނެޓުގައި ސާހިލް ވަނީ އިތުރު ގޯލެއް ޖަހައި ފުރަތަމަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ނަމަވެސް 39 ވަނަ މިނެޓުގައި ވަރުގެ ހައްޔާން ކާމިޔާބުކުރި ލަނޑާއެކު ހުވަފެންފުއްޓަށް ވަނީ މެޗު ކާމިޔާބުކުރަން ކުރަމުންދިޔަ މަސައްކަތް ދެ ގުނައަށް އިތުރުކުރަންޖެހިފަ އެވެ. ނަތީޖާއަކަށްވީ އެޓީމުގެ ގޭމް ޕްލޭނަށް ބަދަލު ގެނެސް އިދިކޮޅުގެ ގޯލަށް ފުލުފުލުގައި ނުރައްކާކޮށް، 40 ވަނަ މިނެޓުގައި އިތުރު ގޯލެއް ޖަހައި 3-3 އިން ނަތީޖާ ހަމަހަމަ ކުރުމެވެ. މިލަނޑު ކާމިޔާބުކޮށްދިނީ އަހުމަދު އައިމަން އެވެ. އަދި އޭގެ ދެ މިނެޓު ފަހުން އިތުރު ވަގުތުގައި ހުވަފެންފުށްޓަށް ތިން ޕޮއިންޓާއެކު ގްރޫޕުގެ އެއްވަނަ ހޯދައިދިނިީ ސާހިލްގެ ހެޓްރިކް ލަނޑުންނެވެ. 

މެޗަށްފަހު ހުވަފެންފުށީގެ ކޯޗު ބުނީ ދެވަނަ ހާފުގައި ފެނިގެންދިޔައީ ޓީމުގެ އަސްލު ސްޓްރެންތް ކަމަށާއި ފަހު ވަގުތުގައި ޓީމުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ޝުކުރު ހައްގު ކުޅުމެއް ކަމަށެވެ.

ގްރޫޕް ބީގެ އެއްވަނައިގެ ގޮތުގައި ހުވަފެންފުއްޓަށް 3 ޕޮއިންޓް ލިބިފައިވާއިރު، މެޗުން ބަލިވި ވަރު އޮތީ ޕޮއިންޓެެއް ނުލިބި އެންމެ ފުލުގަ އެވެ.

8
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top