އިވެމުން ދިޔައީ ބާރު ގަދަ ގޮވުންތަކުގެ އަޑުތަކެވެ. ކެމިކަލް ގެ ވަސްތަކުން މުޅި ހެންވެއިރުގެ ވެށި އޮތީ ތަޣައްޔަރުވެފައެވެ. ނޭވާ ހާސްވެ މަރުވާހާ ވަސްގަދައެވެ. އަރަމުންދާ ދުންތަކުގެ ތެރޭގައި ލޯ ހުޅުވާލަންވެސް ލާހިކު ކުޅަދާނައެއް ނޫނެެވެ. އަލިފާނުގެ ދިލަ ހޫނުން މުޅި ގައި ހީވަނީ ދެންމެ ދެންމެ ފިހި ދާނެ ހެންނެވެ. ރޯވެ، ބޮޑުވެ، ފެތުރެމުން ހޫރެމުންދާ އަލިފާންގަނޑުގެ ބިރުވެރިކަމާއެވެ. 

މި ދަންނަވާލެވުނީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20ވަނަ ދުވަހުގެ ރޭގައި އަބަދަށްފެހި މަގުގައި ހުރި ކެމިކަލް ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އެ މުޅި ސަރަޙައްދުން އިހްސާސްވި ކަންކަމެވެ. 

އެހެނަސް އެ ގޮވުންތަކުގެ އަޑު އިވޭކަމަކަށް އެމީހުން ނަހަދައެވެ. ކެމިކަލް ވަހުން ސަލާމަތްވުމަށް މާސްކު ބޭނުންކުރިތަން ފެނެއެވެ. ނޭވާ ހާސްވެ ދާނެ ކަމުގެ ކުޑަވެސް އިހުސާސެއް އެމީހުންނަކަށް ނުވެއެވެ. އަރަމުންދާ ދުންތަކުގެ ތެރެއިން އެމީހުންނަށް ފެންނަމުން ދިޔައީ ދިވެހި ރައްޔިތުންނެވެ. އެ ރައްޔިތުންގެ އުމުރު ދުވަހުގެ މަސައްކަތްތަކެވެ. ރޯވެ ބޮޑުވެ، ފެތުރެމުން ހޫރެމުން ދިޔަ އަލިފާންގަނޑުން ދިވެހި އެތައް ރައްޔިތެއްގެ މުދަލާއި ފުރާނަ އަނދަމުންދާތަން އެމީހުންނަށް ފެނެއެވެ.

އަލިފާނުގެ ހާދިސާ ރިޕޯޓު ކުރި ވަގުތުން ފެށިގެން ހުއްޓުމެއް ނެތި ދިވެހި ސިފައިންނާއި ފުލުހުން ކުރި މަސައްކަތަކީ ޝުކުރުވެރިކަމާއެކުގައި ބަލައިގަންނަން ޖެހޭ ކަންކަމެވެ. އެ ހޫނުގައި ފުރާނަ އަތްމައްޗަށް ލައިގެން އެއް ބަޔަކު މީހުންތައް ސަލާމަތް ކުރުމަށް މަސައްކަތް ފެށިއިރު އަނެއް ބަޔަކު ދިޔައީ އަލިފާން ނިއްވުމަށް މަސައްކަތް ކުރަމުންނެވެ. ވަރުބަލިވުމެއް ނެތި އެތައް އިރެއް ވާންދެން ދިވެހި ސިފައިންނާއި ފުލުހުން އަލިފާން ރޯވި ސަރަޙައްދުގައި ޚަރަކާތްތެރިވަމުން ދިޔައީ ވެހެމުން ދިޔަ ބޯ ވާރޭގެ ތެރޭގައެވެ. 

އާއެކެވެ. އެއީ އެމީހުންގެ ވަޒީފާއޭ ބުނެ ފަރުޖައްސާވެސް ލެވިދާނެއެވެ. ނަމަވެސް ވިސްނާލަމާތޯއެވެ. އޭގޭން ކޮންމެ މީހަކީވެސް މަންމަޔަކާއި ބައްޕައެއްގެ ދަރިއެކެވެ. އަންހެނެއްގެ އުންމީދީ ފިރިއެކެވެ. އާއިލީ ޒިންމާދާރުވެރި ބައްޕައެކެވެ. އެތައް ބައެއް އެމީހަކަށް ބަރޯސާވެފައިވާ ބޭބެއެކެވެ. އެތައް ރައްޓެހިންގެ މިތުރެކެވެ. 

އެހެންކަމުން އޭގޭން ކޮންމެ މީހަކަށް ލިބޭ ކޮންމެ ގެއްލުމަކީވެސް ބޮޑު އާއިލާއަކަށް ލިބޭނޭ ބޮޑު ގެއްލުމެކެވެ. ނަމަވެސް އެ ދިވެހި ސިފައިންނާއި ފުލުހުން އެކަމަކަށް ނުބަލައެވެ. ފަރުދީ ވިސްނުމަށްވުރެ ޤައުމީ ވިސްނުން އިސްކޮށް ޤައުމީ ރޫހު ދައްކައެވެ. ޤައުމީ ވަންތަ ސިފައިންނާއި ޤައުމީވަންތަ ފުލުހުން އެ ދެއްވަމުން ގެންދާ ޚިދުމަތްތަކަށް އައްސަރިބަހާއި ޝުކުރު އަދާކުރަމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.