މިއީ އެމެރިކާ ސިފައިން އިރާގަށް ދިން ހަމަލާގެ ފޮޓޯ ތަކެއް ނޫނެވެ. ހަމަ އެހެންމެ މިއީ ސީރީޔާގައި ހިނގަމުންދާ ހަނގުރާމައިގެ ފޮޓޯ ތަކެއް ވެސް ނޫނެވެ. މި ފޮޓޯތަކަކީ ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހަދީސާގައި އަނދާ ހުލިވެގެން ދިޔަ ގެތަކާއި ޢިމާރާތްތަކާއި އެ ޢިމާރާތް ތަކުގައި ދިރި އުޅުނު މީހުންގެ ތަކެއްޗާއި އެ ސަރަހައްދުގައި ޕާކޮކޮށްފައި ހުރި ވެހިކަލް ތަކަށް ވެފައިވާ ގޮތް ފެންނަ ފޮޓޯ ތަކެވެ.

މިއީ އަސަރު ހުރި ފޮޓޯ ތަކެކެވެ. ހަމައެކަނި މި ފޮޓޯތަކަށް ބަލައިލުމުން ވެސް ރޭ ހިނގައި ދިޔަ އަލިފާނުގެ ހާދިސާގެ ބޮޑުކަމާއި ނުރައްކާތެރިކަން ތަސައްވުރު ވެގެން ދެ އެވެ.

ފަރުވާ ކުޑަކަމާއި ޒިންމާދާރު ނުވުމުގެ ސަބަބުން ހިނގައިދިޔަ މި ހާދިސާ އިން ލިބުނު ގެއްލުން ތަކުގެ އަގު އެތައް މިލިއަނަކަށް އަރަ އެވެ. އޭގެތެރެއިން ވެސް އެންމެ ބޮޑު އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމަކީ ޢުމުރުން 46 އަހަރުގެ މަންމައަކު، އެ ހޫނުގަދަ އަލިފާނުގެ ޝިކާރައަކަށްވެ މި ދުނިޔެއާ ވަކިވެގެން ދިއުމުން ލިބުނު ގެއްލުމެވެ. ސަލާމަތަށް އެދި އާދޭސްކޮށް ރުއި ރުއިމުގެ އަޑު އެއްވެސް މީހަކަށް ނީވި ބަލަބަލައި ހުއްޓާ އެ ހޫނުގަދަ އޮލަ އަލިފާން ގަނޑުން އަނދައިގެން ދިއުމުން، ގެއްލިގެން އެދިޔައީ ހިތްހެޔޮ ޤުރުއާން މުދައްރިސެކެވެ. ރޭ ވެސް އަދި މިއަދު ވެސް އެންމެ ގިނަ މީހުންނަށް އެންމެ ފުން އަސަރެއްކުރީ މިދެންނެވި ތ. ބުނީ އަށް އުފަން އާއިޝަތު ޝައުނާ އެ ހާދިސާގައި ނިޔާވި ހިތްދަތި ވޭންދެނިވި ގޮތުގެ ސަބަބުންނެވެ. އަނދައިގެން ދިޔަ ގެތަކާއި ޢިމާރާތްތަކާއި މުދާތަކަށް ލިބުނު ގެއްލުމުގެ ބޮޑު ކަމަކުނެއް ނޫނެވެ. 

ރޭގެ އެ ހާދިސާ ހިނގައިދިޔަ ގޮތުން، ގިނަ ބަޔަކު އަދިވެސް ގެންދަނީ އެމީހުންގެ ޝުޢޫރުތައް ފާޅުކުރަމުންނެވެ. ކަންބޮޑުވުންތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ. އެ މީހުން އެންމެންގެ ވެސް އެންމެ ބޮޑު ކަންބޮޑު ވުމަކަށް ވެފައި ވަނީ، ތޮއްޖެހިފައި މިވާ މާލޭގެ ސަލާމަތާއި ރައްކާތެރި ކަމާ މެދު ހުރި ކަންބޮޑުވުން ތަކެވެ. 

ސޯޝަލްމީޑިއާގައި އާންމުން ފާޅުކުރަމުން ގެންދާ ޝުޢޫރު ތަކަށް ބަލައި އިރު އެ މީހުންގެ އެންމެ ބޮޑު ކަން ބޮޑުވުމަކީ ދެވަނަ ޝައުނާއެއް މި ދުނިޔެއާ ވަކި ވުމުގެ ކުރިން މާލޭގައި މީހުން ދިރިއުޅޭ ގެތަކުގައާއި ގޭގެއާއި ޖެހިގެން ހަދާފައިވާ ގޮވާ ޒާތުގެ ތަކެތި ގުދަން ކުރުމުގެ ހުއްދަ ދީފައިވާތީ އެވެ. އަދި އެފަދަ ތަން އަވަސް ގޮތެއްގައި ހުސްކުރަން ނޫޅޭތީ އެވެ. އެހެން ކަމުން އެމީހުން އެދެމުން ދަނީ އެފަދަ ތަން މިހާރުން މިހާރަށް އާންމުން ދިރި އުޅޭ ސަރަހައްދުން ބޭރު ކުރުމަށެވެ. 

އަނެއް ބައެއްގެ ކަންބޮޑު ވުމަކީ ކެމިކަލް ގުދަނަށް ވުރެ ކުޑަ ކަމަކަށް ނޫނެވެ. ގަރާޖު، ވޯކްޝޮޕް، ސޯމިލް އަދި ގުދަން ފަދަ ތަންތަން ވެސް މީހުން ދިރިއުޅޭ ސަރަހައްދުގައި ހުންނާތީ އެކަމުގެ ކަންބޮޑުވުމެވެ. އަދި އެފަދަ ތަންތަނަކީ ވެސް ނުރައްކާތެރިކަން ވަކި ކުޑަ ނޫން ތަންތަން ކަމަށް ވެސް އެ މީހުން ބުނެ އެވެ.

"އެފަދަ ތަންތަން (ގަރާޖު، ވޯކްޝޮޕް، ސޯމިލް އަދި ގުދަން ފަދަ ތަންތަން) ބަދަލު ކުރާނެ ވާހަކަ އަޅުގަނޑު ކުޑައިރުއްސުރެ ދައްކާތީ އަޑުއިވޭ،" އުމުރުން 23 އަހަރުގެ އަޙްމަދު ހައިލަމް ބުންޏެވެ."އެފަދަ ތަންތަނުން ވެސް ހިތާމަވެރި ހާދިސާއެއް ހިނގަންދެން ކަމަށްކަން ނޭނގެ ބަދަލު ނުކޮށް އެތިބެނީ!"

އެއީ އަކީ މުޅި ވެސް މުޅިން ދޮގެއް ނޫނެވެ. ހަގީގަތަކީ ވޭތުވެދިޔަ ހުރިހާ ސަރުކާރު ތަކުން ވެސް މީހުން ދިރިއުޅޭ ސަރަހައްދުން ގަރާޖު، ވޯކްޝޮޕް، ސޯމިލް އަދި ގުދަން ފަދަ ތަންތަން ބޭރު ކުރަން ވާހަކަ ދެއްކުން ފިޔަވައި އިތުރު ކަމެއް ނުކުރެވޭ ކަމެވެ.

ޖަޒީރާ އާ ވާހަކަ ދެއްކި ދެ ކުދިންގެ މަންމަޔަކު ބުނީ މާލޭގައި މުޅިން ވެސް ހުރީ މައްސަލަތައް ކަމަށެވެ. އޭނަ ބުނި ގޮތުގައި ކުދިން ގޮވައިގެން ސްކޫލާ ހަމަޔަށް ދެވޭ އިރު ގޭގޭގެ ބޭރުގައި މަގު މައްޗަށް ވާ ގޮތަށް ހަރުކޮށްފައި ހުންނަ އޭސީ އައުޓްޑޯރ ޔުނިޓް ތަކުން ފައިބާ ފެންތަކުން ސަލާމަތްވެ ސްކޫލާ ހަމަޔަށް ނުދެވޭ ކަމަށެވެ. ގިނަ ދުވަސް ދުވަހު ސްކޫލް ދޮށައް ގޮސްފައި ގެއަށް ގޮސް ހެދުން ބަދަލު ކުރަން ޖެހޭ ކަމަށެވެ. 

" އޭގެތެރެއިން ބައެއް ޔުނިޓްތައް ހުންނަނީ ވަރަށް ބޮޑަށް ހަލާކުވެފައި،" އޭނާ ބުންޏެވެ."އެއިން އެއްޗެއް ވެސް މީހެއްގެ ބޮލަށް ވެއްޓެން ދެކަށް ކަން ނޭނގެ އެ ކަމުގެ ގަވާއިދެއް ވެސް ނަހަދައިގެން މިއުޅެނީ، ވެލިބަސްތާ ވެއްޓި ތުއްތު ކުއްޖަކު ނިޔާވީމަ ހަދާ އިމާރާތް ތަކުގެ ސައިޓް ތައް މޮނިޓަރ ކުރަން ފެށިގޮތަށް، ކެމިކަލް ގެ ސަބަބުން ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ހިނގައި އެކަކު ނިޔާވެ އެތައް ބައެއްގެ ދިރިއުޅުން ނެތިވެ ދިޔައިމަ އެކަމުގެ ހޭވެރިކަމެއް މިވީ! މިއީ ގައުމެއްތަ؟!"

އެއީ ވެސް މުޅިއަކުން ދޮގެއް ނޫނެވެ. މާލޭ އަކީ އެތައް އެތައް މައްސަލަ ތަކެއްގެ ހާއްޔެކެވެ. ކުޑަ ކުޑަ ތަންތަން ކޮޅުގައި އެތައް ބައިވަރު މީހުން ދިރިއުޅޭ އިރު އެއީ ވެސް މައްސަލަ އެއް ނޫނެވެ. ދުއްވާ އެއްޗެހި އެހާމެ ގިނަ އެވެ. އެއީ ވެސް މައްސަލަ އެއް ނޫނެވެ. ބިލްޑިންގ ތަކުން ފެންތައް މަގުމަތިން ހިނގާފައި ދާ މީހުންގެ ބޮލަށް ކިތަންމެ ވަރަކަށް ފޭބި އަސް އެއީ ވެސް މައްސަލައެއް ނޫނެވެ. ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ވާހަކަ ދައްކާ ކޮޅަކުން ނުލާނެ އެވެ. އެއީ ވެސް މައްސަލަ އެއް ނޫނެވެ. މައްސަލައަކަށް ވާ އެއްކަމެއް ވެސް އެއް ވެސް ސަރުކާރަކަށް ނެތް ކަހަލަ އެވެ. ރައްޔިތުންގެ ޓެކްސް ފައިސާ އިން މުސާރަ ނެގުން ފިޔަވައި ކުރާ އެއްވެސް ކަމެއް ނޯވެއޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

މިހާ ހިސާބަށް ކަންކަން މިދަނީ ރައްޔިތުން ވެސް ، އެ މީހުންގެ ޒިންމާ އެންމެ އެދެވޭ ގޮތުގައި އަދާ ނުކުރުމުގެ ސަބަބުންނެވެ. ވެރިން ޚާދިމުންގެ ޖީބަށް ވެއްޓެންޏާ ވެރިންނަށް ޚާދިމަކު ކޮށްދޭނެ ކަމެއް ނޯންނާނެ އެވެ. ފެންނަމުން މިދަނީ އެ މަންޒަރެވެ. ކުރެވެވުމުން އަންނަނީ އެ ތަޖުރިބާ އެވެ. ހުރިހާ ވެސް މައްސަލަ އަކީ ދުވަސް ކައިރި ވުމުން ދިއްކޮށްލާ ސިޓީ އުރާގައި ހިފޭ ހިފުމެވެ. އެއީ ހުއްޓާލަން ޖެހިފައިވާ ނުބައި ސަގާފަތެކެވެ.

ބޭންކުން ބޮޑެތި އިންޓަރެސްޓުގައި ލޯނުތައް ނަގައިގެން ހަދާ ޢިމާރާތްތައް ޑިޒައިން ކުރަނީ ވެސް ބޮޑު އަގު ހޯދަން ގުދަނަށެވެ. ފުރަތަމަ ޝީޓް އަޅާފައި ބޮޑެތި އެޑްވާންސް ނަގައިގެން ބޮޑު އަގުގައި ވިޔަފާރި ވެރިންނަށް އެ ގުދަން ކުއްޔަށް ދެ އެވެ. ބޭނުމީ ފައިސާ އެވެ. އެތަނަށް ވައްދަނީ ކޯއްޗެއްތޯ ވެސް ބަލާނުލަ އެވެ. ގިނަފަހަރަށް އެ ގޭގޭގެ ވެރިން އެ ޢިމާރާތުގައި ދިރި ވެސް ނޫޅެ އެވެ. އެ މީހުން ދިރިއުޅެނީ މުޅި ޢިމާރާތް ކުއްޔަށް ދީފައި ރާއްޖެއިން ބޭރުގަ އެވެ. ކަމެއް ދިމާވިޔަސް އެ މީހުންގެ ފުރާނަޔަށް ގެއްލުމެއް ނުވާނެތާ އެވެ. އެންމެ ބޮޑުވަރަކަށް ވެސް ލިބޭނީ އެތަނަކަށް ވާ ގެއްލުންތާ އެވެ. އަމިއްލަ އެދުން ބޮޑުވިޔަސް މީ ބޮޑުވަރެވެ.

ސަރުކާރުން ޤަވާޢިދު ހަދަންވީ މީހުން ދިރިއުޅޭ އިމާރާތް ތަކުން ގުދަން ކުއްޔަށް ނުދެވޭނެ ގަވާޢިދެވެ. މީހުން ދިރިއުޅޭ ސަރަހައްދުގައި ގުދަން ނެހެދޭނެ ޤާނޫނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.