މިފަހަރުގެ ސީޒަނުގައި ބާސެލޯނާގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ފޯވާޑް އަންސޫ ފާޓީ، ސްޕެއިން ގައުމީ ޓީމަށް ކުޅުވަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެ ގައުމުގެ ރަށްވެހިކަން ދީފި އެވެ.

ފާޓީ އަށް ސްޕެއިނުގެ ރަށްވެހިކަންދިނުމުގައި ގައުމީ ޓީމުގެ ކޯޗު ރޮބާޓޯ މޮރޭނޯގެ އިތުރުން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވޭތުވެދިޔަ ތިން މަސްދުވަހުގައި ކުރި މަސައްކަތްތައް ކާމިޔާބުވީ ހުކުރު ދުވަހުއެވެ.

އުމުރުން 16 އަހަރުގެ ފާޓީ އަކީ ޕޯޗުގީޒް ދެމަފިރިއަކަށް ގިނީ-ބިސާއު އަށް އުފަންވި ކުޅުންތެރިއެއް ނަމަވެސް، ސްޕެއިނުގައި ދިރިއުޅޭތާ 10 އަހަރުވެފައިވުމުން އެ ގައުމުގައި ރަށްވެހިކަންދިނުމަށް އޮންނަ އުސޫލުގެ ތެރެއިން ޝަރުތުހަމަވާތީވެ، ވަރަށް ހަލުވި ސްޕީޑެއްގައިވަނީ އެކަން ވަނީ ކާމިޔާބުކޮށްފައެވެ.

އެހެންކަމުން، ފާޓީ އަށް އަންނަ އޮކްޓޫބަރު މަހުގައި ބާއްވާ ފީފާ 17 އަހަރުން ދަށުގެ ވޯލްޑްކަޕްގައި ސްޕެއިނަށް ކުޅުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިއާއެކު، އޭނާ އަށް ބާސެލޯނާގެ މުހިއްމު މެޗުތަކެއްގައި ނުކުޅެވޭނެއެވެ. އޭގެތެރޭގައި، ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ އެލް ކްލެސިކޯ ހިމެނެއެވެ. މީގެއިތުރުން، 2020 ވަނަ އަހަރު ބާއްވާ ޔޫރޯ ކޮލިފައިންގައި އަންނަ މަހު ސްޕެއިން ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކުގެ ސްކޮޑްގައި ފާޓީ ހިމެނުމުގެ ފުރުޞަތުވެސް އެބައޮތެވެ.

އުމުރުން އެންމެ 6 އަހަރުގައި އާއިލާއާ އެކު ސްޕެއިނަށް ދިރިއުޅުން ބަދަލުކުރި ފާޓީ އެންމެ ފުރަތަމަ ކުޅުނީ ހެރޭރާ ކިޔާ ޔޫތު ޓީމަކަށެވެ. އޭގެ ފަހުން ސެވިއްޔާގެ ޔޫތު ޓީމަށް ކުޅުމަށް ފަހު ބާސެލޯނާ އަށް ބަދަލުވީ 2012 ވަނަ އަހަރު އެވެ. އޭގެފަހުން، ޔޫތު މުބާރާތްތަކުގައި އޭނާ ދެއްކި ކުޅުމަށް ބާސެލޯނާގެ މަޝްހޫރު އެކެޑަމީ ލަ މާސިއާގެ ކޯޗުން ތައުރީފްކޮށްފައިވެއެވެ. އަދި މި ސީޒަން ފެށުނުއިރު، ބާސެލޯނާގެ ފޯވާޑްލައިންގައި ހިމެނޭ ގިނަ ކުޅުންތެރިންތަކަކަށް އަނިޔާގެ މައްސަލަތައް ކުރިމަތިވުމުން ސީނިއާ ޓީމުގައި ފާޓީ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން، ޒުވާން އުމުރުގައި ފާޓީ މިހާތަނަށް ދައްކަމުން އަންނަ މޮޅު ކުޅުމުގެ ސަބަބުން ފުޓްބޯޅައިގެ ތަޖުރިބާކާރުންވަނީ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީއާ ވެސް އަޅާކިޔާފައެވެ.

ފާޓީ އަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބާސެލޯނާގެ ފޯވާޑްލައިންގައި ހިމެނޭ ތިން ކުޅުންތެރިން ކަމަށްވާ، ކެޕްޓަން ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒް އަދި އެންޓޮއިން ގްރީޒްމަން ފިޓްކޮށް ތިބުމުން ކޯޗު އާނެސްޓޯ ވަލްވާޑޭގެ އިރުޝާދުގެ ދަށުން އެކަށީގެންވާ ވަރަށް ދެން އޭނާ އަށް ފުރަތަމަ އެގާރައިގައި ކުޅުމުގެ ފުރުޞަތުލިބުމެވެ.

މިދިޔަ އަންގާރަ ދުވަހުގެ ރޭ ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑްއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ފާޓީ ކުޅެފައިވާއިރު، އޭނާ ވަނީ ޔޫރަޕްގެ މުބާރާތެއްގައި ބާސެލޯނާ އަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފުވެސް ހޯދާފައެވެ. މީގެއިތުރުން، ސްޕެނިޝް ލީގުގައި މިހާތަނަށް ބާސެލޯނާ އަށް ކުޅުނު ތިން މެޗުގައި ދެ ގޯލް ޖަހާފައިވާ ފާޓީ އަކީ އެ ކްލަބުގެ ތާރީޚުގައިވެސް ލަނޑުޖެހި އެންމެ ޒުވާން ކުޅުންތެރިޔާ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.