މީހުން ދިރިއުޅޭ ހިސާބާއި ވަކިން ގެންގުޅެން ޖެހޭ ކެމިކަލް ފަދަ ތަކެތި ރައްކާކުރުމަށް ތިލަފުށިން ވަކި ސަރަހައްދެއް ވަރަށް އަވަހަށް ކަނޑައަޅައި، އެކަން އިއުލާން ކުރައްވާނެ ކަމަށް ތިލަފުށީގެ ބެލެނިވެރި ފަރާތްކަމުގައިވާ ގްރޭޓަރ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހިމް ރަޝީދު އަބޫބަކުރު ވިދާޅުވެއްޖެއެވެ.

އެމްޑީ އިބްރާހިމް މިހެން ވިދާޅުވެފައިވަނީ، ރޭ މާލޭގައި ކެމިކަލް ގުދަނެއްގައި ރޯވެ ހިނގި ހިތާމަވެރި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އެމްޑީ އިބްރާހިމްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްވެސް ވަނީ ކެމިކަލް ފަދަ ތަކެތި ރައްކާތެރި ކުރާ ފަރާތްތަކަށް ތިލަފުށިން ނޫނީ ގުޅީފަޅުން ގުދަން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވެފައެވެ. 

"ގެއްލުންވި ފަރާތަކަށް ތައުޒިޔާ ފޮނުވަން، އަލިފާން ނިއްވަން ބައިވެރިވި އެންމެންނަށް ޝުކުރު ދަންނަވަން، މިއީ ވަރަށް ދެރަ ހާދިސާއެއް، މިހެން މި ދިމާވަނީ މީހުން އުޅޭ ގޭތަކުގެ ތިރީގައި ގުދަން ކުރެވޭ ތަކެތީގެ ސަބަބުން، މިއަށް ހައްލެއް ނުގެނެވިއެއް މިކަހަލަ ކަންކަމުން ސަލާމަތެއް ނުވާނެ، މިފަދަ އެއްޗެހި ރައްކާކުރާ ފަރާތްތަކަށް ގުދަން ފޯރުކޮށްދޭން މަސައްކަތް ކުރަމުން ދަނީ މި ހާދިސާ މި ދިމާވީ، މިފަދަ ގުދަންތައް ގުޅީފަޅަށް ނޫނީ ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ކުރަމުން މިދަނީ" ރައީސް ރޭ ވިދާޅުވިއެވެ.

ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެކަކު ނިޔާވެފައިވާއިރު، ހަތަރު ކެމިކަލް ގުދަނާއި ހަ ގެއެއް ވަނީ ރޯވެފައެވެ. އަދި އެ ހާދިސާގެ އަސަރު 600 އަށް ވުރެ ގިނަ މީހުންނަށް ކޮށްފައިވާއިރު، މިއީ މި ފަހުން  މާލޭގައި ހިނގި އެންމެ ނުރައްކާތެރި އަލިފާނުގެ ހާދިސާއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.