ހެންވޭރު އަބަދަށްފެހި މަގުގައި ހުންނަ ފެހިއާބާދުގޭގައި އަލިފާނުގެ ހާދިސާގައި ނިޔާވި ޢާއިޝަތު ޝައުނާގެ ކަށުނަމާދު މާދަމާ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކުރާގޮތަށް ނިންމައިފިއެވެ.
އަލިފާނުގެ ހާދިސާގައި ގެއްލިގެން ހޯދަމުން ދިޔަ ޝައުނާ ނިޔާވެފައި އޮއްވާ ފެނުނީ، އޭނާ ދިރިއުޅޭ އެޕާޓުމެންޓުންނެވެ. އެޕާޜުމެންޓުގައި ހުރި ބައެއް ތަކެތި ޝައުނާގެ ގައި މައްޗަށް ވެއްޓިފައި ހުރިކަމަށްވެސް މައުލޫމާތުލިބެއެވެ.
މިރޭގެ ދަންވަރުގެ ވަގުތެއްގައި ޝައުނާ އާސަހަރާއަށް ގެންދިޔުމަށްފަހު ފަހުން ވަނީ، ގަލޮޅު ސަހަރާގައި ހުންނަ މޯޗަރީއަށް ގެންގޮސްފައެވެ. އާއިލާގެ ބައެއް މެންބަރުން ޝާއުނާގެ ޖަނާޒާގައި ބައިވެރިވާން ބޭނުންވާތީވެ، ޖަނާޒާ ފަސްކުރީއެވެ.
ޝައުނާ ސަހަރާއަށް ގެންދިޔުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު ވަނީ އާސަހަރާއަށް ވަޑައިގެން، އާއިލާގެ މެންބަރުންނަށް ހިތްވަރުދެއްވާފައެވެ. ދައުލަތުގެ ބައެއް ވަޒީރުންނާއި މަޖިލިސް މެންބަރުންވެސް ވަނީ ސަހަރާއަށް ގޮސް އާއިލާއާއެކު ވަގުތުކޮޅެއް ހޭދަކޮށްފައެވެ.
ޝައުނާ ނިޔާވިއިރު، ދެ ދަރިން އެބަ ތިއްބެވެ. ޝައުނާ ދިރިއުޅެމުން ދިޔައީ އެއްބަނޑު އެއްބަފާ ބޭބެއާއެކު ކަމަށް އާއިލާއިން މައުލޫމާތުދެއެވެ. ޝައުނާ ނިޔާވުމުން ގިނަ ޢަދަދެއްގެ ބަޔަކު ދަނީ މީސް މީޑިއާގައިވެސް ހިތާމަފާޅުކުރަމުންނެވެ.
ޝައުނާގެ ކަށުނަމާދުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަކީ އާއިލާގެ ވަރަށް ބޮޑު އެދުމެކެވެ.