ޚަބަރު
ސައުދީ ފަންޑުން ކުރިއަށްގެންދާ މަޝްރޫއުތައް ފުޅާކުރަން މަޝްވަރާކޮށްފި
ފޮޓޯ: ސައުދީ ފަންޑް

ސައުދީ ފަންޑުން ކުރިއަށްގެންދާ މަޝްރޫއުތައް ފުޅާކުރަން މަޝްވަރާކޮށްފި އެވެ.

ރާއްޖެއާއި ސައުދީ ސަރުކާރުން މިކަމުގެ މަޝްވަރާ ކުރީ ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހިޒް އެކްސެލެންސީ ސުލްތާން ބިން އަބްދުއްރަޙްމާން އަލް މަރްޝަދު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތުގަ އެވެ. މި ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި، ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ފަރާތުން ރާއްޖޭގެ ކުރިއެރުމަށާއި ތަރައްގީއަށްޓަކައި ދެއްވަމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރުއަދާކުރެއްވި އެވެ. އަދި މިފަހުން ރައީސުލްޖުމްހޫރިއްޔާ އަދި އެ މަނިކުފާނާއެކު އުމްރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނާމެދު އެ ގައުމުން ބެހެއްޓެވި ގާތްކަމާއި އަދާކުރެއްވި މެހުމާންދާރީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން ވަނީ ދެ ގައުމުގެ ދެމެދު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާއި ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ފަރާތުން ކުރިއަށްގެންދާ އެކިއެކި މަޝްރޫއުތައް އިތުރަށް ފުޅާކުރުމާމެދު މަޝްވަރާކުރައްވާފަ އެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ސީ.އީ.އޯ ވަނީ ރާއްޖެއިން އެ މަނިކުފާނަށް ދެއްވި މެހުމާންދާރީއަށްޓަކައި ޝުކުރުއަދާކުރައްވައި، ރާއްޖެއަށް އެއްބާރުލުން ދެއްވުމުގައި ދެމިހުންނަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފަ އެވެ. އެ މަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ރާއްޖެއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުޤުވެރިކަން ފާޅުކުރެއްވި އެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top