އަފްޣާނިސްތާން ސިފައިން ފޮނުވި ވައިގެ ހަމަލާއެއް "އޮޅުމަކުން" އެގައުމުގެ ނަންގަރާ ޕްރޮވިންސަށް އަމާޒުވެ އާންމުންގެ އެތައްބަޔަކު މަރުވެ ގިނަ ބަޔަކަށް އަނިޔާވެއްޖެއެވެ.

ނަންގަރާ ޕްރޮވިންސްގެ ކައުންސިލުން އެގައުމުގެ ބައެއް ނޫސްތަކަށް މައުލޫމާތު ދިން ގޮތުގައި މި ހަމަލާގައި އެ ސަރަހައްދުގެ ދަނޑުތަކުގައި މަސައްކަތް ކުރަމުންދިޔަ 30 މީހަކު މަރުވެ 40 މީހަކަށް ވަނީ އަނިޔާވެފައެވެ.

އަފްޣާން ސަރުކާރުން ބުނީ އެމެރިކާގެ ވާގިވެރިކަމާއެކު ބުދަ ދުވަހުގެ ރޭ ފޮނުވި މި ހަމަލާއަކީ އައިސިސް އަދި އައިސިލް ޖަމާއަތަށް ނިސްބަތްވާ މީހުންނަށް އަމާޒުކޮށް ފޮނުވި ހަމަލާއެއްކަމަށާއި، އެގައުމުގެ ދަނޑުވެރިކަންކުރާ އާންމުން ދިރިއުޅޭ ސަރަހައްދަށް މިހަމަލާ އަމާޒުވެފައިވަނީ "އޮޅުމަކުން" ކަމަށް ކަމަށެވެ.

ކާބުލްގެ ޑިފެންސް މިނިސްޓްރީން ވަނީ މިހަމަލާ ފޮނުވާލީ އަފްޣާން ސިފައިންކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް އަނިޔާވި މީހުންގެ މައުލޫމާތު ހިއްސާކުރަން މިނިސްޓްރީން ވަނީ ދެކޮޅުހަދާފައެވެ.

އެމެރިކާގެ ރުހުންލިބިގެން މި ހަމަލާ އަފްޣާން ސިފައިން ފޮނުވާލާފައިވަނީ އަފްޣާނިސްތާންގައި ހަރަކާތްތެރިވާ ތާލިބާން ޖަމާއަތުން އެމެރިކާއާއެކު ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ހުށަހެޅި ހުށަހެޅުމަށް އެމެރިކާއިން ދެކޮޅުހަދާފައި ވަނިކޮށެވެ. މިއާގުޅިގެން ތާލިބާން ޖަމާއަތުން ވަނީ އެ ނިންމުމާމެދު އެމެރިކާއިން ފަހުން ހިތާމަކުރަން ޖެހިދާނެކަމަށް އިންޒާރު ދީފައެވެ.

މަސްލަހަތު ގޯސްވެފައިވާ ދަނޑިވަޅުގައި އެމެރިކާގެ ވާގިވެރިކަމާއެކު ފޮނުވި މިހަމަލާއާ މެދު އެމެރިކާ ސިފައިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.